07 އޮކްޓޯބަރ 2024 - 14:13

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މަތީގައި، ދެ ގައުމުގެ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާގެ ހަގީގީ އެކުވެރިއެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފި އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު މިއަދު މެންދުރު ބޭއްވި ބައްދަލުވުމަށްފަހު ރައީސް އިއްވެވި ބަޔާނުގައި އެމަނިކުފާނު ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާ އިން ދެމުންދާ އެހީތެރިކަން ފާހަގަ ކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާ ކުރައްވައިފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިންޑިއާއަކީ ރާއްޖޭގެ އިޖުތިމާއީ އަދި އުމްރާނީ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އަދި ދެ ގައުމުގެ މުސްތަގުބަލް ބައްޓަން ކުރާނެ މަގުޗާޓަކާ މެދު މޯދީއާ އެކު މިއަދު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި އެއްބަސްވެފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން، ރައީސް ވިދާޅުވި ގޮތުގައި އެ ތަސައްވުރުގައި ތަރައްގީ އާއި ވިޔަފާރި އަދި އިގްތިސާދީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އިތުރުން ޑިޖިޓަލް ދާއިރާ އާއި މާލީ ދާއިރާ އާއި ހަކަތައާ ބެހޭ މަޝްރޫއުތަކާއި ސިއްހީ ދާއިރާގެ އަދި ކަނޑުތައް ހިމާޔަތް ކުރުމާއި ސަލާމަތީ ގޮތުން ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ.
"ޑިމޮކްރެޓިކް، ފުދުންތެރި އަދި ވިލުންވެރި ރާއްޖެއެއް ގާއިމްވެފައި އޮތުމަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސުލްހަ އާއި ހަމަޖެހުމަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ގުދުރަތީ ގޮތުން އޮތް ގާތްކަމުގެ ސަބަބުން ކަނޑުގެ ސަލާމަތީ ދާއިރާގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއް،" ރައީސް ވިދާޅުވި އެވެ.
"ދެ ގައުމުގެ އިތުރުން ސަރަހައްދީ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އިންޑިއާގެ ހަގީގީ އެކުވެރިއެއްގެ ގޮތުގައި ރާއްޖެ ދެމި އޮންނާނެ." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތްތަކުން، ދެ ގައުމަށް ވެސް ފާގަތި މުސްތަގުބަލެއް ކަށަވަރު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
"އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރާނީ ހަމައެކަނި އަޅުގަނޑުމެންގެ ދެ ގައުމަށް ފައިދާ ހުރި މުސްތަގުބަލެއް ބިނާކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ބަޔާން ނިންމަވާލައްވަމުން ވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގުޅުން ގާއިމް ކުރިތާ 60 އަހަރު އަންނަ އަހަރު ފުރޭ ކަން ފާހަގަ ކުރައްވައި، އެކަން ފާހަގަ ކުރުމަށް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުގެ ދައުވަތު މޯދީއަށް ދެއްވައިފަ އެވެ.