03 މާޗް 2017 - 06:45

ބާސެލޯނާ (މާޗް 2) – ލުއިސް އެންރީކޭގެ ބަދަލުގައި ބާސެލޯނާއާ ހަވާލުވާ ކޯޗުގެ ނަން ޖުލައި 1 ގެ ކުރިން ހާމަނުކުރާނެ ކަމަށާއި އެހާތަނަށް ކްލަބް އޮންނާނީ އެންރީކޭއާ އެކު ކަމަށް އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއޫ ވިދާޅުވެއްޖެ އެވެ.
ބާސެލޯނާ އަށް ދެ ސީޒަނުގެ ތެރޭ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ދެ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްދީފައިވާ އެންރީކޭ ވަނީ މި ސީޒަން ނިމުމުން ކްލަބް ދޫކޮށްލާނެކަން ރޭ އިއުލާންކޮށްފަ އެވެ.
ބާޓޮމެއޫ ވިދާޅުވީ އެންރީކޭ އަކީ އެ ކްލަބުގެ ތާރީހުގައި ދުށް އެންމެ ކާމިޔާބު އެއް ކޯޗު ކަމަށާއި އޭނާ ވަކިވާތީ ކުޅުންތެރިން ވެސް ތިބީ ދެރަވެފައި ކަމަށެވެ. އަދި އެންރީކޭގެ މަސައްކަތާ މެދު ކްލަބުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ސީޒަން ނިމެންދެއް އޭނާއާ އެކު ދެމިތިބޭނެ ކަމަށް ބާޓޮމެއޫ ވިދާޅުވި އެވެ.
"މި ސީޒަން ފެށުމުގެ ކުރިން އެންރީކޭ ބުނީ މިއީ އޭނާގެ ފަހު ސީޒަނަށް ވެދާނެޔޭ އެކަމާ ވިސްނަމޭ. މިހާރު މިއޮތީ ކުރިމަގާ މެދު ވިސްނުން. އަހަރެމެންގެ ކުރިމަތީގައި އެބައޮތް ލީގާއި ކަޕް ފައިނަލް އަދި ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު. ކުރިއަށް އޮތް މަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ،" ބާޓޮމެއޫ ވިދާޅުވި އެވެ.
ބާޓޮމެއޫ ވިދާޅުވީ ކުޅުންތެރިން މާޔޫސްވި ނަމަވެސް އެ ކުޅުންތެރިން ތިބީ ސީޒަނުގެ ބާކީބައި ކާމިޔާބުކުރަން ވަރަށް އަޒުމާ އެކު ކަމަށާއި ޖޫން 30 ވަނަ ދުވަހާ ހަމަޔަށް ކުޅުންތެރިންނާއި ޓީމު އޮންނާނީ އެންރީކޭއާ އެކު ކަމަށެވެ.
"ޖުލައި 1 ގައި އަހަރެމެން އާ ކޯޗުގެ ނަން އިއުލާންކުރާނަން. މީގައި މުހިއްމީ ސީޒަން ނިމެންދެއް އެންރިކޭއާ އެކު ތިބުން. އަހަރެމެންނަށް ހޯދޭނެ ތަށިތައް އެބަހުރި. ތިން ސީޒަނުގައި ތެރޭ ހޯދެން އޮތް 10 ތަށީގެ ތެރެއިން އަށް ތަށި އޭނާ ހޯދައިދީފި. އެކަމަކު އަދި ނުނިމޭ. ބާކީ ތިން މަހުގައި ވެސް އެގޮތުގައި ކާމިޔާބީ ހޯދުމުގެ އަޒުމުގައި ތިބޭނީ،" ބާޓޮމެއޫ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން ޝައުގުވެރިވާ ކޯޗުންގެ ތެރޭގައި އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަދި އެވަޓަންގެ ކޯޗު ރޮނާލްޑް ކޫމަން އާއި އާސެނަލްގެ ކޯޗު އާސެން ވެންގާ އަދި ޔުވެންޓަސްގެ ކޯޗު މެކްސިލިމިއާނޯ އެލެގްރީ ހިމެނެ އެވެ.
ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ އެންރީކޭ ބާސެލޯނާގެ ކޯޗުކަމުން ވަކިވަނީ ހުއްޓުމެއް ނެތި ފުޓްބޯޅައާ މެދު ވިސްނަން ޖެހޭތީ އަރާމުކުރަން ވަގުތު ނުލިބޭ ކަމަށް ބުނެ، ކުޑަ ބްރޭކެއް ނެގުމުގެ ގޮތުންނެވެ.