07 އޮކްޓޯބަރ 2024 - 12:39

އިންޑިއާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން އެ ބައްދަލުވުން ކުރިއަށް ދިޔައީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގަ އެވެ.
އެ ބައްދަލުވުމުގައި ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގެ ކުރިން ވަނީ ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށް އެ ގައުމުގެ ސަރުކާރުން ރަސްމީކޮށް، ހޫނު މަރުހަބާ ދަންނަވައިފަ އެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތުން ރައީސް މުއިއްޒަށް ރަތް ދޫލައިގެ މަރުހަބާއެއް ދެންނެވީ ނިއު ދިއްލީގައި ހުންނަ އިންޑިއާގެ ރައީސްގެ ރަސްމީ ގެކޮޅު ކަމަށްވާ ރާޝްތުރަޕަތީ ބަވަންގަ އެވެ. އެ ރަސްމިއްޔާތުގައި ވަނީ ރައީސް މުއިއްޒުގެ ޝަރަފުގައި 20 ބަޑީގެ ސަލާމެއް ވެސް އަރުވައިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ވެސް ކުރައްވާނެ އެވެ. އަދި އިތުރު މުހިއްމު ބައެއް ދާއިރާތަކުން އެއްބަސްވުންތަކުގައި ވެސް ސޮއި ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސްގެ ދެކަނބަލުން ކުރައްވާ މި ތާރީހީ ދަތުރުފުޅުގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އިތުރުން އާގަރާ އާއި މުމްބާއީ އަދި ބެންގަލޫރަށް ވަޑައިގެން ރަސްމީ ބައްދަލުވުންތަކާއި ދެ ގައުމުގެ ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމަށް މަޝްވަރާތައް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާާނަ ދަތުރުފުޅެވެ. އެކަމަކު ރައީސް ވަނީ، ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ވެސް ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރެއްވުމަށް މަޝްވަރާތައް ކުރެއްވި އެވެ.