02 މާޗް 2017 - 18:53

އެމްޑީޕީގެ ހަރުގެ އަށް ފުލުހުން ރޭ ވަދެ ހިންގާފައިވަނީ ފޭރުމުގެ އަމަލެއް ކަމަށް ބުނެ، އެ ތަނުން ގެންދިޔަ ތަކެތި ވީހާ ވެސް އަވަހަކަށް ހަވާލުކޮށްދިނުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
މި މަހުގެ ތިން ވަނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާ ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރުފުޅަށް ހުރަސްއަޅަން ރާވާ ކަމުގެ ތުހުމަތުގައި ފުލުހުން ރޭ ވަނީ އެމްޑީޕީގެ ހަރުގެ ބަލައި ފާސްކޮށްފަ އެވެ. އަދި އެ ތަނުން ފޮތިގަނޑުތަކާއި ކުލަތަކެއް ގެންގޮސްފައިވާ ކަމަށް އެމްޑީޕީން ބުންޏެެވެ.
އެމްޑީޕީން ބުނީ ބޭރުގެ އިއްޒަތްތެރިންގެ ދަތުރުފުޅާ ދެކޮޅަށް ހަރަކާތް ހިންގާ ކަމަށް ބުނެ އެ ޕާޓީގެ ހަރުގެ ފާސްކުރީ ޕާޓީގެ މެމްބަރުންނަށް ބިރުދެއްކުމާއި ފ. އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން ރައްޔިތުންގެ އިހުތިޖާޖުތަކުގެ އަޑު ކަނޑުވާލުމަށް ކަމަށެވެ. ނަމަވެސް ކޯޓު އަމުރުގައި ބުނެފައިވާ އެއްވެސް އެއްޗެއް ހަރުގެ އިން ނުފެންނަ ކަމަށް އެމްޑީޕީން ބުންޏެވެ.
"ބުދަ ދުވަހުގެރޭ ފުލުހުން އެމްޑީޕީ ހަރުގެ އަށް ވަދެ ދެ ގަޑިއިރެއްހާ ވަންދެންް މުޅި ހަރުގެ ހުންނަ އިމާރާތްް ފާސްކޮށް ނިންމައި ގާނޫނާ ހިލާފު އެއްވެސް ކަމެއް އެ ތަނުގެ ތެރޭގައި ނުހިނގާތީވެ، އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ބޭނުންކުރާ ފޮތިގަނޑުތަކާއި އަދި ކުލަތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަކީ ފޭރުމުގެ އަމަލެކެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
ކޯޓު އަމުރުގައި ބުނެފައިވާ އެއްވެސް އެއްޗެއް ހަރުގެ އިން ނުފެނުމުން، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބޭނުންކުރަމުން އަންނަ މުދާ ފޭރިގަނެގެން ގެންދިއުމަކީ، އެ އިންތިހާބަށް ހުރަސްއެޅުމުގެ ގޮތުން ފުލުހުން ކުރި ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ފުލުހުންގެ މަސައްކަތްތަކަކީ ވަކި ފަރާތެއްގެ ސިޔާސީ މަގުސަދު ހާސިލްކޮށްދިނުން ނޫން ކަމަށާއި އިންސާފުކަމާއި ހަމަހަމަކަމާއެކު ހުުރިހާ އެންމެންނަށް ވެސް ހިދުމަތް ކޮށްދިނުމަށް އެމްޑީޕީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްޑީޕީގެ ހަރުގެ އަށް ފުލުހުން ވަނީ، ސައޫދީ ރަސްގެފާނުގެ ދަތުރުފުޅަށް ހުރަސްއަޅަން އެއްވެސް ކަމެއް ހިންގާނަމަ އެކަން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ބަޔާނެއް ނެރުމަށް ފަހު އެވެ.
އެ ބަޔާނުގައި ފުލުހުން ބުނީ ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިންގެ ދަތުރުފުޅާ ދިމާކޮށް، އެ ގައުމުތަކުގެ ސިޔާދަތާއި އިއްޒަތްތެރިންގެ ޝަރަފާއި އިއްޒަތާއި ގަދަރަށް އުނިކަން ލިބޭ ފަދަ ކަންތައްތަކެއް ކުރަން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެފަދަ ހުރިހާ ކަމެއް ހުއްޓުވާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.