13 ޖޫން 2016 - 13:20

ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރުންް މިނިސްޓަރުންގެ އަތްމައްޗަށް ދޫކޮށްލުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށާއި، އެހެން ވެއްޖެ ނަމަ މިނިސްޓްރީތައް ސިޔާސީ ކެމްޕޭންތައް ކުރާ ޖަގަހަތަކަކަށް ބަދަލުވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށް ބައެއް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ސިވިލް ސާވިސް ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރެއްވި ސަރުކާރާ ދެކޮޅު މެމްބަރުން ތުހުމަތު ކުރެއްވި ގޮތުގައި މިއީ ރައްޔިތުންގެ ބާރުތައް ސަރުކާރުގެ "މުށުތެރެއަށް" ލުމަށް ހިންގާ ބޮޑު ޖަރީމާއެކެވެ. އަދި މިނިސްޓްރީތަކުން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވުމަށް ހުޅުވޭ ދޮރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ހުށަހަޅައިގެން އުޅޭ އިސްލާހަކީ ސަރުކާރުގެ މުއައްސަސާތަކާއި މިނިވަން މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށުގައި ބޭއްވުމަށް ކުރަން އުޅޭ ކަމެކެވެ.

"ފެންވަރެއް ނެތް ބަޔަކު އެތަނަށް ވަދެ ސިޔާސީ ވެރިންނާ ގުޅިގެން ކެމްޕެއިން ޖަގަހައަކަށް ހަދައިފިނަމަ މިހާރު އޮތް ހާލަތަށް ވުރެ ބޮޑެތި ޖަރީމާތައް ހިންގުމަށް މަގުފަހިވޭ،" އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ޕާމަނަންޓް ސެކެޓްރީންނަކީ އެ މިނިސްޓްރީއެއްގެ ފައިސާ ބެލެހެއްޓުމުގައި ފައިނޭންޝިއަލް ކޮންޓްރޯލަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށެވެ. އެހެންވެ ގާނޫނަށް އިސްލާހު ހުށަހަޅައިގެން މަސައްކަތް ކުރަނީ ސަރުކާރުގެ މުއައްސަސާތަކަށް ލިބޭ ފައިސާއިން ހަރާންކޯރުވުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އެކަމަކު ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވީ އިސްލާހުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރަން ފަސޭހަވެ، ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.
ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ މިނިސްޓްރީތައް ހިންގިޔަ ނުދޭން މަސައްކަތް ކުރާ ޕާމަނަންޓް ސެކެޓްރީން ވެސް އެބަތިއްބެވި ކަމަށެވެ. އެގޮތުން ހައުސިން މިނިސްޓްރީއަކީ ތަރައްގީ ގިނަ މަޝްރޫއުތައް ރާވައި ހިންގާ ބައެއް ކަމަށްވާއިރު އެ ތަނުގައި ތިބި ބައެއް ބޭފުޅުންގެ ސަބަބުން މަޝްރޫއުތައް މީގެ ކުރިން ލަސްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރާނަމަ އިސްލާހު ހުށަހަޅައި ފާސް ކުރުމުގެ ބޭނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލަށް ބަހުސް ކުރެއްވި ބައެއް މެމްބަރުންގެ ވާހަކައިގައި ޕާމަނަންޓް ސެކެޓްރީން އައްޔަން ކުރުމުގައި ޝަރުތުތަކެއް ކަނޑައަޅަން ޖެހޭނެކަން ފާހަގަކުރެއްވި އެވެ. އަދި މިނިސްޓްރީން ވަކި ކުރެވޭނީ ކޮން އުސޫލެއްކަން ގާނޫނުގައި އޮންނަން ޖެހޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވީ އިސްލާހުގެ ސަބަބުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ފަސޭހަވެ، ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ. ބައެއް ޕާމަނަންޓް ސެކެޓްރީންގެ ސަބަބުން ބައެއް އިދާރާތައް މަޑު ޖެހިފައިވާ ކަމަށް ރައްޔިތުން ވެސް ގަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުން މަސައްކަތް ކުރަނީ ސިވިލް ސާވަންޓުންނަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. ސައުދު ވަނީ ރަށް ރަށުގެ ކައުންސިލްތަކުގައި ތިއްބަވާ ޒިންމާދާރުވެރިން ކަމާ ގުޅުން ހުރި އިދާރާތަކުގެ ލަފާ މަތިން އައްޔަން ކުރާ ބައެއް ގޮތުގައި ހުށަހަޅަން ވަނީ ގޮވާލައްވައިފަ އެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ ޕާމަނަންޓް ސެކެޓްރީންނަކީ ސިޔާސީ މަސްލަހަތުތަކުން އެކަހެރިވެގެންވާ ބައެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބައެއް ކަމަށެވެ. އަދި ވަކި ނުފޫޒަކަށް ތަބާވާ ބަޔަކަށް އެބޭފުޅުން ވާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު ނުރުހޭ ޕާމަނަންޓް ސެކެޓްރީން ވަކިކުރަނީ ސިޔާސީ ޖަލްސާތަކަށް ސިވިލް ސާވަންޓުން ދިއުމަށް އަންގަވަމުން ނުދާތީތޯ އިމްތިޔާޒް ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ޑިމޮކްރެޓިކް ހުރިހާ ހަމަތަކެއް ނައްތާލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވި ގޮތުގައި ގާނޫނަށް އިސްލާހު ހުށަހަޅައިގެން މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ ބާރު ވެސް ވަނީ ކަނޑާލައިފަ އެވެ. އެ މެމްބަރުންނަށް ޖެއްސުން ކުރަމުން ގޮސް ސިޓީ ކައުންސިލްތަކުގެ މުސާރަ ކުޑަކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ މިނިސްޓްރީތަކުގައި މުހިންމު މަސައްކަތްތަކެއް ހުއްޓިފައި އޮތްއިރު އެކަން ހައްލުކޮށް ދިނުމަކީ ގާނޫނު ހަދާ މަޖިލީހުގެ ޒިންމާއެއް ކަމަށެވެ. އަދި މިނިސްޓަރުގެ އިރުޝާދުގެ "މަތިން" މަސައްކަތް ކުރެވޭނެ އެއްވެސް ބޭފުޅަކު މިނިސްޓްރީގައި ހުންނަވަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އިސްލާހުގެ ސަބަބުން ރައްޔިތުންނަށް ހެޔޮ ބަދަލުތަކެއް އަންނާނެ. މީގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް އަވަސްކަމާއެކު ނިމިގެން ދިއުން." ޖަމީލް އުސްމާން ވިދާޅުވި އެވެ.
ބިލާ ދެކޮޅަށް ވާހަކަ ދައްކަވަމުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނެސްގެން ހިދުމަތްތައް އަވަސްވާނެ ސަބަބެއް އޮތްތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި މިއީ ސިޔާސީ ގޮތުން ސިވިލް ސާވިސް ކޮމިޝަން ހިންގަން ހުށަހަޅައިގެން އުޅޭ އިސްލާހެއް ގޮތުގައި ސިފަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މިނިސްޓްރީތައް ހިންގުމަށް އުނދަގޫކުރާ ޕާމަނަންޓް ސެކެޓްރީންގެ މައްސަލަ ބެލޭނެ ނިޒާމެއް ސިވިލް ސާވިސް ކޮމިޝަނުގައި ގާއިމުވެފައި އޮތް ކަމަށެވެ. އަދި އިސްލާހު ހުށަހެޅުމުގެ ބަދަލުގައި ކޮމިޝަންގައި ހުރި ނިޒާމުތައް އިސްލާހު ކުރުން މާ ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި މިހާރުވާ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. މި އިސްލާހު ފާސްވެއްޖެ ނަމަ މިނިސްޓްރީތަކުގައި މިހާރު ތިއްބެވި ޕާމަނަންޓް ސެކެޓްރީން ވަކި ކުރުމުގެ ބާރު މިނިސްޓަރަށް ލިބިގެން ދާނެ އެވެ.
ޕާމަނަންޓް ސެކެޓްރީންގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ، މިނިސްޓަރުގެ ލަފާ އާއި އިރުޝާދުގެ ދަށުން އެ މިނިސްޓްރީއެއް ހިންގުމާއި ބެލެހެއްޓުމެވެ. އެ ތަނެއްގައި މަސައްކަތް ކުރާ ސިވިލް ސާވެންޓުންގެ އެންމެ އިސް ފަރާތަކީ ޕާމަނަންޓް ސެކެޓްރީ އެވެ.