06 އޮކްޓޯބަރ 2024 - 14:31

ފައިސާ ނުދީފި ނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރުދީ، ބިރުދައްކައިގެން ބިދޭސީންތަކެއްގެ އަތުން ފޭރުނު ދެ މީހުންގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.
ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ފައިސާ ނުދީފި ނަމަ އެ މީހުންގެ އިނގިލިތައް ބުރިކޮށްލާނެ ކަމަށް އިންޒާރުދީ، އެ ތަނުން މީހެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ސ. ހިތަދޫ އަތިރީއާގެ، އަހުމަދު ސިވާތު، 37 އަދި އެ ރަށު ޑިލައިޓްފޭސް، މުހައްމަދު ސާލިމް، 37 އެވެ.
މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ބަންދުކުރީ 15 ދުވަހަށެވެ. އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް އެ ދެ މީހުންގެ ބަންދަށް ޖަހައިފަ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން މި ދެ މީހުންނަކީ ހައްޔަރާއި ބަންދުގެ ރެކޯޑު އޮތް ދެ މީހުން ކަމަށާއި މި ދެ މީހުންގެ މުޖުތަމައަށް ދޫކޮށްލައިފިނަމަ ކުށް ތަކުރާރު ވުމުގެ ފުރުސަތު އެބައޮތެވެ.
ބިދޭސީންގެ އަތުން މި ދެ މީހުން ފޭރުނު ފައިސާ ވަނީ އަނބުރާ ހޯދައިފަ އެވެ.