06 އޮކްޓޯބަރ 2024 - 13:46

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފެށުން ފަސް ކޮށްފި އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށަން ކުރިން ނިންމާފައި އޮތީ މާދަމާ އެވެ.
ނަމަވެސް މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ ޖަލްސާތައް ބްރޯޑްކާސްޓް ކުރަން އާ ވީޑިއޯ ރޫމްއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ބްރޯޑްކާސްޓު ކުރަން ދަތިތަކެއް ހުރި ކަމަށެވެ.
އެހެންވެ، މި ދައުރުގެ ޖަލްސާތައް އަންނަ ހަފުތާ ހޯމަ ދުވަހު ފަށަން މަޖިލީހުގެ ރައިސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާ ކަމަށް އެ މެސެޖުގައި ބުނެފައިވެ އެވެ.
މިކަން މަޖިލީހުގެ އިދާރާއިން ވަނީ "މިހާރު" އަށް ކަށަވަރު ކޮށްދީފަ އެވެ.
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި މަޖިލިސް ޗުއްޓީ އަށް ދިޔައީ މިދިޔަ މަހުގެ 22 ގަ އެވެ. މަޖިލީހުން ޗުއްޓީ އަށް ދިޔައީ ދައުރުގެ މަސައްކަތްތަކުގެ ތެރެއިން 82 ޕަސެންޓް މަސައްކަތްތައް ނިންމާފައި ކަމަށް ރިޔާސަތުން ވަނީ އިއުލާންކޮށްފަ އެވެ.