03 މާޗް 2017 - 06:24

ޝެއިހް ކަމާލް އިންޓަނޭޝަނަލް ކްލަބް ކަޕަކީ ބަންގްލަދޭޝް ފުޓްބޯޅަ ކްލަބްތަކަށް ބައިނަލްއަގްވާމީ ފުރުސަތުތައް ފަހިކޮށްދިނުމަށް ފެށި މުބާރާތެކެވެ. އެކި ގައުމުތަކުގެ ލީގު ޗެމްޕިއަނުންނާ ދެކޮޅަށް ޓީސީ ސްޕޯޓްސް ކްލަބް މި މުބާރާތަށް ނުކުތީ މާބޮޑު ތާރީހެއް ނެތި އެވެ. އެހެން ނަމަވެސް އެ ޓީމަށް އޮތް އެންމެ ބޮޑު ހިތްވަރަކީ މުޅި ކްލަބް އެކަތިގަނޑަކަށްވެ ކުރާ ހިތްވަރެވެ. އެ ހިތްވަރާ އެކު އެ ޓީމު ވަނީ މެޗަކަށް ފަހު މެޗެއް ނަގައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

"އަޅުގަނޑަކީ ކުޅުނުއިރު ވެސް ކޯޗިން ކެރިއަރުގައި ވެސް އަބަދުވެސް މޮޅުވާން ކުޅޭ މީހެއް. މި މުބާރާތުގައި ވެސް އަމާޒަކީ ހަމަ ތަށި،" ޝެއިހް ކަމާލް ކަޕަށް ދިއުމުގެ ކުރިން ޓީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުންޏެވެ.

މުބާރާތުގެ ގްރޫޕްތައް ބެހިއިރު ޓީސީ ލައްވާލީ ވަރުގަދަ ގްރޫޕްގަ އެވެ. ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ޑާކާ އަބަހާނީ އަތުން 1-0 އިން މޮޅުވި އެވެ. އަދި ދެ ވަަނަ މެޗުގައި ފަހަތުން އަރައި 2-1 އިން ކިރްގިސްތާންގެ އަލްގާ ބިޝްކެކް ބަލިކޮށް އެއް މެޗު އޮއްވައި ސެމީ ކަށަވަރުކުރި އެވެ. ގްރޫޕް ފަހު މެޗުގައި ޓީސީ ނުކުތީ މި މުބާރާތުގެ ފައިނަލުގައި ވެސް އެ ޓީމާ ދެކޮޅަށް ނުކުންނަ ދެކުނު ކޮރެއާގެ ހަތަރު ވަނަ ޑިވިޝަނުގެ ޕޮޗެއޯން ސިޓިޒެންއާ ދެކޮޅަށެވެ. އެ ފަހަރު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ސެމީގައި ޓީސީ ބައްދަލުކުރީ ނޭޕާލްގެ އެންމެ ކާމިޔާބު ޓީމު މަނަންގް މަޝްޔަންޑީއާ ދެކޮޅަށެވެ. އެ މެޗުން ޓީސީ މޮޅުވީ 1-0 އިންނެވެ. މި ނަތީޖާއާ އެކު ޓީސީ ވެފައިވަނީ ރާއްޖޭން ބޭރުގައި ކުޅޭ ބައިނަލްއަގްވާމީ މުބާރާތެއްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ދިވެހި ކްލަބަށެވެ.
މިއީ ޓީސީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ތިން ވަނަ އަހަރެވެ. އެ ޓީމު 2015 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށީ ދެ ވަނަ ޑިވިޝަން އެ ޓީމަށް ކާމިޔާބު ކޮށްދިންއިރު ތިބި ގިނަ ކުޅުންތެރިންތަކެއް ގޮވައިގެންނެވެ.
ފުރަތަމަ އަހަރު ޓީސީގެ އަމާޒަކީ ފުރަތަމަ ޑިވިޝަނުގައި ހިފަހައްޓައިލުމެވެ. އެހެން ނަމަވެސް އެކަން ދިޔައީ އުއްމީދުކުރި ގޮތާ ހިލާފަށެވެ. އެ ޓީމު ވަނީ އެ އަހަރު ލީގަށް ވާދަކޮށްފަ އެވެ. ލީގު ނިންމާލީ ދެ ވަނައިގައި އޮވެ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕް ސެމީ ފައިނަލުގައި ވެސް އެ ޓީމުން ކުޅުނެވެ.
އަލަށް ކުޅުނު އަހަރު ޓީސީން ގިނަ ބަޔެއްގެ ސަމާލުކަން ހޯދި އެވެ. އެހެންވުމުން މިދިޔަ އަހަރު އެ ޓީމުން ސީޒަނަށް ތައްޔާރުވަމުން އައި ގޮތް ބަލަން ބޭނުންވި ގިނަ ބަޔަކު ތިއްބެވެ. ފުރަތަމަ އަހަރު ހޯދި ކާމިޔާބީ ދެ ވަނަ އަހަރު ތަކުރާރު ކުރެވިދާނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. ޓީސީން ވެސް އެކަމާ ވެސް ކުރިމަތިލީ ހިތްވަރާ އެކު އެވެ.
މަޝްހޫރު ކުޅުންތެރިން އެ ޓީމާ ގުޅުނެވެ. ފުރަތަމަ ޑިވިޝަނާ ދުރުގައި ހުރި ޝަމްވީލް ގާސިމް (ބޮންޑާ) އެ ޓީމާ ގުޅުނުއިރު، ނިއު ރޭޑިއަންޓް ދޫކޮށް އަލީ ފާސިރު (ސެންޓޭ) އާއި އަހުމަދު އަބްދުﷲ (ލިލީ) ވެސް އެ ޓީމަށް ބަދަލުވި އެވެ.
ފުރަތަމަ އަހަރަށް ވުރެ ވަރުގަދަ ސްކޮޑަކާ އެކު މިދިޔަ ސީޒަނުގެ ފުރަތަމަ މެޗުތަކުގައި ޓީސީ ދިޔައީ ކުޑަކޮށް ދަށްކޮށެވެ. އެހެން ނަމަވެސް މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން އައިސް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެ، ކުރިން ދެއްކި ކުޅުމަށް ވުރެ މޮޅު ކުޅުން ވެސް ދައްކާ ލީގުގެ ދެ ވަނަ ހޯދި އެވެ. އަދި އޭގެ އިތުރުން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅުނެވެ. ދެ ފަައިނަލުގައި ވެސް ވާދަވެރި ކުޅުމަކަށް ފަހު ބަލިވި ނަމަވެސް ޓީސީ ދިޔައީ ކުރިއަށެވެ.
މި ސީޒަނަށް އެ ޓީމު ނުކުތީ މާ ގިނަ މަޝްހޫރު ކުޅުންތެރިންތަކެއް ޓީމުގައި ހިމަނައިގެނެއް ނޫނެވެ. މިދިޔަ އަހަރު ތިބި ކުޅުންތެރިންގެ އިތުރުން އިތުރުވީ މަދު ކުޅުންތެރިއެކެވެ. އެގޮތުން ޝެއިހް ކަމާލް ކަޕްގައި ޓީސީއާ އަލަށް ގުޅުނު ދެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އަބްދުﷲ ހަނީފް (ބެންޖޯ) ވަނީ މި މުބާރާތުގައި މޮޅަށް ކުޅެފަ އެވެ.
ޓީސީ އަށް ގެނައި ތިން ބިދޭސީ ކުޅުންތެރިން ވެސް މި މުބާރާތުގައި އެ ކުޅުންތެރިންގެ ފެންވަރު ސާބިތުކޮށްދީފި އެވެ. މިސްރުގެ ޑިފެންޑަރު އީސާ މަގްރަބީ އާއި ނޭޕާލް ގައުމީ ޓީމުގެ ކިރަން ސެމްޝޮން އަދި ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓްގެ ދައުރު ޓީސީ ޓީމުގައި ވަރަށް ބޮޑެވެ.
އަދި ޓީސީން ފުރަތަމަ ޑިވިޝަނަށް ތައާރަފްކުރި ނާއިޒު ހަސަން (ދާދު) އާއި އިބްރާހިމް ވަހީދު (އިއްބެ) ވެސް ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.
ފައިނަލުގެ ކުރިން ޓީސީގެ ކޯޗު ނިޒާމްބެ ބުނީ އެ ޓީމު ފައިނަލަށް ނުކުންނާނީ މުޅި ރާއްޖެ ފަހުރުވެރިކޮށްދިނުމަށް ކަމަށެވެ.
"ފައިނަލުގައި ނުކުންނަ ޓީމަކީ ވޯލްޑް ކަޕް ގައުމަކަށް ނިސްބަތްވާ ޓީމެއް. އެ ޓީމަށް ދޭން ޖެހޭ އިހުތިރާމް ދީގެން ސީދާ މޮޅަކަށް ނުކުންނާނީ. ޓީސީން މަސައްކަތް ކުރާނީ އެ ޓީމުގެ ބަލިފައި ހޯދައިގެން އޭގެ ފައިދާ ނަގައިގެން މޮޅުވާން. އުއްމީދު ވަރަށް ބޮޑަށް އެބައޮތް،" ނިޒާމްބެ ބުންޏެވެ.
އޭނާ ބުނީ މިހާތަނަށް ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމުގެ ސަބަބުން ފައިނަލާ މެދު ކުރެވޭ އުއްމީދު ވެސް ބޮޑުވެފައިވާ ކަމަށެވެ.
"ފައިނަލަށް އަހަރެމެން އައީ ތިން ގައުމެއްގެ ލީގު ޗެމްޕިއަން ބަލިކޮށްފައި. ކުޅުންތެރިން ވެސް ތިބީ ރަނގަޅު ރޫހެއްގައި މި މެޗު ކާމިޔާބުކޮށް ތަށި ހިފައިގެން ގައުމަށް ދިއުމަށް،" ނިޒާމްބެ ބުންޏެވެ.
ޝެއިހް ކަމާލް ކަޕްގެ ފައިނަލަށް ޓީސީ ދަތުރުކުރުމުން ވަރަށް ގިނަ ބަޔަކު ވަނީ އެ ޓީމަށް ހިތްވަރުދީފަ އެވެ. އަދި އެ ޓީމު ހޯދަމުން އަންނަ ކާމިޔާބީ އަގުވަޒަންކޮށްފަ އެވެ. މިއަދު ސަރަހައްދީ ފައިނަލަކަށް އެ ޓީމު ނުކުންނައިރު ދިވެހި ފުޓްބޯޅަ އާއިލާގެ ހުރިހާ ފަރާތްތަކެއްގެ އުއްމީދުވަނީ އެ ޓީމާ ގުޅިފަ އެވެ.
ވިކްޓްރީގެ ކޯޗު އަލީ ސުޒޭން ބުނީ މިއީ ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް ވަރަށް މުހިއްމު ފައިނަލެއް ކަމަށެވެ.
"އަޅުގަނޑު ހިތުގެ އަޑިން އެ ޓީމަށް ކާމިޔާބީ އަށް އެދެން. ހަގީގަތުގައި މި ވަގުތު ދިވެހި ފުޓްބޯޅައިގައި ވަރަށް ދެކެވޭ ވާހަކަ އަކަށް ވެއްޖެ ޓީސީގެ ވާހަކަ. ހަގީގަތުގައި ޓީސީ މި މުބާރާތް ހޯދައިފިނަމަ ފުޓްބޯޅަ ބެލުންތެރިން ފުޓްބޯޅަ އަށް ދޭ ޝައުގުވެރިކަން އިތުރުވެގެން ގޮސްފިއްޔާ އެއީ ދިވެހި ފުޓްބޯޅަ އަށް ވަރަށް ބޮޑު ކުރިއެރުމެއް،" ސުޒޭން ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އަހުމަދު އާތިފް (އާތީ) އާއި އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ބުނީ ޓީސީ އަށް ފުރިހަމަ ކާމިޔާބީއަށް އެދޭ ކަމަށެވެ.
"ވަރަށް ގިނަ ދުވަސްވެއްޖެ އަޅުގަނޑުމެންނަށް ތަށްޓެއްގައި އަތް ނުލެވޭތާ. ހަގީގަތުގައި ތަށްޓެއް ލިބުމަކީ ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވެގެންދާ ކަމެއް. ޓީސީ އަށް އަޅުގަނޑުގެ ސަޕޯޓް ވެސް އެބައޮތް. އުއްމީދަކީ ވެސް އެ ޓީމު ތަށި ހޯދުން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ރަނގަޅު ފުރުސަތެއް އަޅުގަނޑުމެންގެ ފުޓްބޯޅަ އޮތް ހިސާބު ދައްކާލަން،" ސާންތީ ބުންޏެވެ.
ޓީސީ އާއި ޕޮޗެއޯން ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5:30 ގަ އެވެ.