ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި
ވިލާ ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖުން މެއި މަހު ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ތަފާތު އެކި ދާއިރާތަކުން ޖުމްލަ 54 ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމަ އަށް ހުޅުވާލައިފަ އެވެ. އެއީ މާލޭގެ އިތުރުން ރަށްރަށުގައި ހުންނަ ކެމްޕަސްތައް ވެސް ހިމަނައިގެންނެވެ.

ކޯސްތައް އިއުލާންކުރަންް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖުގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ މެއި މަހުގެ ކޯސްތަކުން 1000 އަށް ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދޭނެ ކަމަށެވެ. އަދި ކެމްޕަސްތައް ނުހުންނަ ރަށްރަށުގައި ވެެސް، ކޯހެއް ފަށާ ވަރަށް ދަރިވަރުން ހަމަވެއްޖެ ނަމަ އެ ފުރުސަތު ފަހިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކޮލެޖުގެ ރެކްޓާ ޑރ. އަހުމަދު އަންވަރު ވިދާޅުވީ ވިލާ ކޮލެޖު އުފެއްދުމުގެ ބޭނުމަކީ ވެސް އަމިއްލަ ގައުމުގައި ތިބެގެން، ބޭރު ގައުމުތަކުގެ މަތީ ފެންވަރުގެ ޕްރޮގްރާމްތައް ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން އެކަމުގެ ފައިދާ ގިނަ ދަރިވަރުންނަށް ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް އިނގިރޭސިި ވިލާތުގެ ވެސްޓް އޮފް އިންގްލެންޑުގެ ކޯސްތައް ހިންގަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

އަންވަރު ވިދާޅުވީ އިނގިރޭސި ވިލާތުގެ ކޯސް ހަދަމުން އަންނަ ދަރިވަރުން، ވިލާ ކޮލެޖުގައި ކިޔެވުމަށް ފަހު އެ ޔުނިވާސިޓީ އަށް ވެސް ބަދަލުވެވޭނެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

ބޭރުގެ ޔުނިވާސިޓީގެ ކޯހެއް ރާއްޖޭގައި ހިންގަމުން އަންނަނީ ވަރަށް ހެޔޮ އަގެއްގައި ކަމަށާއި ފައިސާ ދެއްކޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާކަން އެ ކޮލެޖުގެ ޑީން އޮފް ސްޓޫޑެންޓްސް ޑރ. އަބްދުުﷲ ސޯދިގު ފާހަގަކުރެއްވި އެވެ.

އަންނަ މެއި މަހު ވިލާ ކޮލެޖުން ފަށާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ މާސްޓާސް ފެންވަރުގެ ހަ ކޯހަކާއި ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ސެޓްފިކެޓް ފެންވަރުގެ ތިން ކޯހަކާއި، ޑިގްރީ ފެންވަރުގެ 14 ކޯހަކާއި، އެޑްވާންސް ޑިޕްލޮމާ ފެންވަރުގެ ދެ ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ ހަ ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ ނުވަ ކޯހަކާއި އަދި ސެޓްފިކެޓް ފެންވަރުގެ އަށް ކޯހެކެވެ.

ވިލާ ކޮލެޖުގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިނޭންޝަލް ފެސިލިޓީސްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އޮންނާނެކަމަށް ވިލާ ކޮލެޖުން ބުންޏެވެ.