އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.

(ބުދަ ދުވަހާ ގުޅޭ)

ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރަށުގައި އުޅޭ މަންމަ އާއި މާލޭގައި އުޅޭ ބޭބެ އަށް ގުޅަން ވެސް ހިތަށް އެރިއެވެ. ގުޅާފައި އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ ޒަލަފްގެ ހާލު ކިޔައިދޭކަށް ވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެންނާ މެދު ޒަލަފްގެ މައިންބަފައިން ކިހައި ނުރުހޭކަން، އަހަރެންގެ އާއިލާ އަށް އެނގޭނެއެވެ. އެ މީހުންގެ ނަޒަރުގައި އަހަރެން ދެކެ ޒަލަފް ވަރަށް ލޯބިވެއެވެ. ކައިވެނިކުރި އިރު އެ ކަން އޮތީ ވެސް އެހެންނެވެ. ފަހުން ޒަލަފަށް އައި ބަދަލު އަހަރެން ކިޔައެއް ނުދެމެވެ. ގުޅާ ކޮންމެ ފަހަރަކު ވެސް އަހަރެން ދައްކަނީ ޒަލަފްގެ ރަނގަޅު ވާހަކައެވެ. ކޮށްދޭ ކަންތަކުގެ ވާހަކައެވެ. އެހެން މީހުންގެ ހިތުގަ ނުޖައްސަން ހަދައިގެން އަހަރެންގެ ހިތް ކުދިކުދި ވެއްޖެއެވެ.

އޮފީހަށް ސަލާން ބުނެފައި އަހަރެން ހުރީ ގޭގައެވެ. މަންމަ ހޭލިއެވެ. ޒަލަފް ނެތުމުން ސުވާލުތައް ކުރަން ފެށިއެވެ. އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ ފިރިމީހާ ވީ ތަނެއް ނޭނގެޔޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ ގަބޫލު ކުރާނީ ކާކު ހެއްޔެވެ؟ މައިދައިތައަކީ ބަލި މީހެކެވެ. އަހަންނަށް ބުނެވޭ އެއްޗަކުން އޭނަ އަށް ކަމެއް ވާކަށް އަހަރެން ބޭނުމެއް ނޫނެވެ. ވީމާ، ހުއްދަ އޮތް ވަރަށް ބުނީމެވެ.

"ޒަލަފް ރޭގަ ކުޑަކޮށް ބަލިވެގެން ދައްތަޔާ އެއްކޮށް ހޮސްޕިޓަލަށް ގޮސް ވީ،" އަހަންނަށް ވިސްނުނު އެންމެ ރަނގަޅު ޖަވާބު ދިނީމެވެ. "މިހާރު އަންނާނެހެން ހީވަނީ."

"ސަމީރާޔާ އެއްކޮށް ދިޔައީ؟" ހިތްހަމަ ނުޖެހިފައި މައިދައިތަ ބުންޏެވެ. "ދީމާ ކީއްވެ ނުދިޔައީ؟ ދެފައި ދަމާފަ ނިދަން ދޯ އޮތީ؟ ފިރިމީހާ ބަލިވީމަ އޭނަޔާ އެއްކޮށް ދާން ޖެހޭނީ އަނބިމީހާއެއްނު. އޭރު ވެސް އަހަރެން ބުނިން މިހެނޭ ވާނީ."

މިހެނޭ ވާނީ މައިދައިތަ އެ ބުނީ ކޮންހެނެއް ވީ ވާހަކައެއްހެއްޔެވެ؟ އަހަންނަކަށް ނުވިސްނުނެވެ. ވިސްނޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނަކީ ގޭގައި އުޅޭ ބީރައްޓެއްސެކެވެ. އަނބިމީހާ ކިޔަސް، ރައްޓެއްސަކާ އޮންނަ ގުޅުމެއް ވެސް ނޯވެއެވެ. އޭގެ އިތުރުން، ލޮލު ފިޔަނުޖެހޭތާ ސައުވީސް ގަޑިއިރު ވެގެން ދިޔައީއެވެ.

"ގުޅާފަ ބަލާބަލަ އަންނަނީ ކޮން އިރަކުންތޯ؟" ތަންކޮޅެއް ބާރަށް މައިދައިތަ ބުންޏެވެ. "އެ ވެސް އަހަރެންތަ ބުނަން ޖެހެނީ؟"

އަހަރެން ކިތައް ފަހަރު ގުޅައިފިން ހެއްޔެވެ؟ އުނދަގޫވާ ވަރަށް ދައްތަ އަށް ވެސް ގުޅިއްޖެއެވެ. ދެން ގުޅާކަށް ނުކެރުނެވެ.

"އަދި ވެސް ހުންނަނީއޭ!" މައިދައިތަ ކުރިޔަށް ވުރެ ބާރަށް ބުންޏެވެ. "ދީމާ ބީރީތަ؟"

އަހަރެން ވަގުތުން ދައްތަ އަށް ގުޅީމެވެ. ހިތަށް އެރިއެވެ. މި ފަހަރު ދައްތަ ވެސް އަންނާނީ ރުޅިއެވެ. ބޭނުންވީ ދައްތަ ފޯނު ނުނަގާށެވެ. އެކަމަކު ނެގިއެވެ.

"މަންމަ ބުނެގެން." ވަގުތުން އެހެން ބުނެފައި އަހަރެން މައިދައިތަ އަށް ފޯނު ދިނީމެވެ.

ދައްތަ ދެއްކީ ކޮން ވާހަކައެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. ޔަގީނުން ވެސް ހާޓްއެޓޭކްގެ ވާހަކައެއް ނުބުނެއެވެ. ބުނި ނަމަ މަންމަގެ މޫނުމަތިން އަހަންނަށް ފެނުނީހީ ތަފާތު މަންޒަރެކެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށް ފަހު އަހަންނަށް މައިދައިތަ ފޯނު ދިނެވެ. ފޯނު ހިފައިގެން އަހަރެން ދުރަށް ޖެހިލީމެވެ.

"އިރުކޮޅަކުން ދާނަން ގެއަށް،" ތަންކޮޅެއް މަޑުން ދައްތަ ބުންޏެވެ. "އަހަރެން ބުނިން ޒަލަފް ކައިރީގަ ދީމާ ކިހިނެއްހޭ ދެ މީހުން ބަލާނީ؟ އަހަރެންގެ ބަޔަށް މަންމަ ގެންދަންހޭ؟ ޒަލަފް އެއްބަހެއް ނުވި މަންމަ ގެންދާކަށް. ބުނީ ދީމާ ވެސް ކޮންމެވެސް ކަމެއް ކުރަން ޖެހޭނެ ނޫންހޯ! ދެން އަހަންނަކަށް ނޭނގެ. ދީމާ އަށް ނުވާ ވަރު ވެއްޖެއްޔާ ބުނޭ! ޒަލަފް ކޮންމެ އެއްޗެކޭ ކިޔަސް އަހަރެން މަންމަ ގެންދާނަން."

އެ އަށް ވުރެ އަހަންނަށް ބޮޑުވީ އެެހެން މައްސަލައެކެވެ.

"ދެން އަހަރެން ހުންނަންވީ ޒަލަފް އަށް އެއްވެސް ކަމެއް ނުވާކަމަށް ހެދިގެންތަ ދައްތާ؟" އަހަރެން އެހީމެވެ.

"އަހަރެން ބުނެފިން ދީމާ އަށް ނާންގައެއް ނުވާނޭ!" ދައްތަ ބުންޏެވެ. "އެހެންޏަ! ކޮން ފާޑަކަށް އުޅެންތަ އޭނަ އެ އުޅެނީ؟ ވަރަށް ނައްޓާފަ އޭނަ ހުރީ. ގެއަށް ދާ އިރަށް މަންމަ އަށް ވެސް އެނގޭނެ. ޒަލަފްގެ ބޮޑީގަ އެބަ ހުރި އައިބެއް. ޑޮކްޓަރު ބުނީ ރަނގަޅު ކުރެވޭނޭ! އެހެން ބުންޏަސް ޒަލަފްގެ ހިތްވަރެއް ދޯ އޮންނާނީ. ބޭސްކައި، ފިޒިޔޯ ހަދާ، ލައްކަ ކަންކަން އެބަހުރި ކުރަން."

ދައްތަ ފޯނު ބޭއްވުމުން އަހަރެން ފުން ނޭވައެއް ބޭރުކޮށްލީމެވެ. މަސައްކަތް ކުރުމަކީ އަހަރެން ފަސްޖެހޭ ކަމެއް ނޫނެވެ. މައްސަލައަކީ ހަކަތައެވެ. ދެނެއް އަހަންނަކަށް އޮށޯވެގެނެއް ނޯވެވޭނެއެވެ. އޮފީހަށް ދެވޭނެ ހެއްޔެވެ؟ އެއީ ވެސް ސުވާލެކެވެ. ނުގޮސް ދެކޮޅު ޖައްސާނީ ކިހިނެއް ހެއްޔެވެ؟ އެއީ އަނެއް ސުވާލެވެ. އެއްވެސް މީހެއް ގާތުގައި އަހަރެން ނުދައްކާނެ ވާހަކައެއް ވެސް އޮތެވެ. އަހަންނަށް ލިބޭ މުސާރައިން ތިންވަނަ މީހަކަށް ހަރަދު ކުރަން ޒަލަފް ނިންމައިފިއްޔާ ދެކޮޅެއް ނުޖެއްސޭނެއެވެ. ޕާޓްޓައިމް ވަޒީފާއެއް އަދާކުރަން އަހަރެން ނުކުމެއްޖެއްޔާ ގެއަށް ވަންނާނެ ވަގުތެއް ނުލިބޭނެއެވެ. ކިތަންމެ ވަރަކަށް ވިސްނިޔަސް ހައްލެއް ނުފެންނާނެ މައްސަލަތަކާ މެދު ވިސްނަން އިންދައި، އަހަރެންގެ ކެޓިކޯލު ފެނިގެން ނަބާހާ ގުޅިއެވެ.

"ދަންވަރު އަހަންނަށް ގުޅާފަ، އޮފީހަށް ސަލާން ބުނެފަ މަންޖެ ކީއްތޯ ތި ކުރައްވަނީ؟" ސަމާސާ ރާގެއްގައި ނަބާހާ އެހިއެވެ.

ނަބާހާއަކަށް ވެސް ހުރިހައި ވާހަކައެއް އަހަރެން ކިޔައެއް ނުދެމެވެ. އެހެނަސް، އެ ފަހަރު ކިޔައިދިނީމެވެ. މޫދުކުލާސް ހުއްޓާލަން ޖެހުނު ސަބަބު ވެސް ކިޔައިދިނީމެވެ.

"ތީގެ މާނައަކީ ދީމާ މިހާރު ތިހިރީ ޑިޕްރެޝަނަށް ގޮއްސައޭ،" ޔަގީންކަމާ އެކުގައި ނަބާހާ ބުންޏެވެ. "ނޫނޭވާ ކުޅަދާނަ! ކިހިނެއް ތިހެން އުޅޭނީ؟"

"މިހިރަ އުޅެނީނު!" އަހަރެން ބުނީމެވެ. "ލުއިލޯނު ނަގަންވީކަން ނޭނގެ ދޯ؟"

"އޭރުން އެ ދައްކަން ވެސް ޖެހޭނެ. އަނެއްކާ އަނެއް ހެޑޭކު ބޮލުގަ އެޅުނީ. ލޯނު ނުނަގާތި!" ނަބާހާ އެއްބަހެއް ނުވިއެވެ. "އަހަންނަށް ފެންނަނީ ހަމަ އެންމެ ހައްލެއް. ތި ތަނުން ސަލާމަތްވޭ! އަހަންނަކަށް ނޭނގެ ކިހާ ލާރިއެއް ކަމެއް މިހާރު ސޭވްގަ ހުރީ. ހުރި އެތިކޮޅު ސަލާމަތް ކޮށްގެން ތި ތަނުން ނުކުމޭ!"
"ނުކުމެފަ؟" އަހަރެން ސުވާލުކުރީމެވެ. "ރަށަށް ދާންވީ؟"

"ރަށަށް ދިޔަސް ހަނދަށް ދިޔަސް،" ނަބާހާ ބުންޏެވެ. "އެއް ކޮޓަރީގެ ތަނެއް ކުއްޔަށް ހިފައިގެން ދީމާ އަށް މާ ރީތިކޮށް ވެސް އުޅެވޭނެ. ތަނެއް ހޯދަންތަ؟"

"ތަނެއް ހޯދިދާނެ! މި ގޭ ކައިރީގަ ވެސް އެބަ ހުރި ތަންތަން. އެކަމަކު ހިތްހަމަޖެހޭނެ؟" އަހަރެން އެހީމެވެ.

"ލޯތްބަކީ ވެސް ފާޑެއްގެ އެއްޗެއްނު! ނުވާން ވީމަ ނޯންނާނެ ސަބަބެއް. ވާން ވީމަ ވެސް ނޯންނާނެ ސަބަބެއް. އަހަންނަށް ވަރި ވެސް ވެވިދާނެ. ޔަގީންތަ ދެން އިންނަ މީހާ ރަނގަޅުވާނެކަން؟ ނޯންނާނެ ޔަގީން ކަމެއް. ޒަލަފް ކޮންމެ ފާޑަކަށް އުޅުނަސް އަނިޔާއެއް ނުކުރާނެ. ޑުރަގު ކަންތަކެއް ވެސް ނޯންނާނެ. މީހަކާ ވެސް އަދި ހިތައެއް ނުވޭ! މި ބުނި ތިން ސިފަ ހުރި ދިވެއްސަކު ދަންނަންޏާ ބުނެބަލަ ނަން."

ދީމާ ޖަވާބެއް ނުދިނެވެ. އަހަންނަށް އެ ލިބުނީ ވަރަށް ފުން ޖަވާބެކެވެ.

"ކެތްނުވާ ހިސާބަށް ދިޔައިމަ ޖެހޭނީ ޑިވޯސްވާން،" އަހަރެން ބުނީމެވެ. "އަދި އަހަންނަށް ކެތްކުރެވޭނެ."

ޒަލަފް ގެއަށް ގެނައެވެ. އޭނަގެ މޫނު ފެނުމާ އެކު، ދައްތަ ނުބުނި ނަމަވެސް އަހަންނަށް އެނގުނީހެވެ. އަހަންނަށް އެ އައިބު ވަރަށް ބޮޑެވެ. އަހަރެންގެ ފިރިމީހާ ވީމައެވެ. އަނގަ އާއި ކަނާއަތާއި ފައިގައި ވެސް އައިބު ކަމެއް ހުއްޓެވެ. ޒަލަފް އުޅެނީ އަހަންނާ ހަތަރުކަޅި ހަމަނުކުރާށެވެ. މައިދައިތަ އަޅައެއް ނުގަތެވެ. އައިބު ގޮތަކަށް ޒަލަފް ހިނގައިފައި އައިސް ކޮޓަރި އަށް ވަދެ އެނދުގައި އޮށޯތެވެ. ބިއްދޮށަށް އެނބުރުނެވެ. އަހަންނަކާ ވާހަކައެއް ނުދެއްކިއެވެ. އެއީ އެ ފަދަ ކަމެއްވުމުން ވާ ގޮތެއް ހެއްޔެވެ؟ އަހަންނަކަށް ނޭނގެއެވެ.
ދައްތަ ވަރަށް ގިނަ މައުލޫމާތުދިނެވެ. ޒަލަފްގެ މައްސަލަޖެހުނީ ސިކުނޑީގެ ވައަތްފަޅި އަށެވެ. ވަރަށް ކުޑަކޮށެވެ. އައިބުވީ ހަށިގަނޑުގެ ކަނާއަތްފަޅިއެވެ. ބޭސްކާން ޖެހެއެވެ. ކަސްރަތުތަކެއް ކުރުވަން ޖެހެއެވެ. ހާޓްއެޓޭކް ޖެހުނުލެއް ކުޑަކަމުން، ކުރިމަތިވި މައްސަލަތަކުން އަރައިގަންނަން އެހައި އުނދަގުލެއް ނުވާނެއެވެ. ޒަލަފްގެ ހިތްވަރެއް ހުރި ނަމައެވެ. ނަތީޖާގެ ފުރިހަމަކަން ބިނާވެފައި އޮންނާނީ ޒަލަފްގެ ހިތްވަރަށެވެ. މާޔޫސްވެ، ކަންނެތްކަމުގެ ރަޖާލައިފި ނަމަ، ގޮންޖެހުން ބޮޑުވާނެއެވެ. ކޮންމެ އެއްޗެއް ވެސް އަމިއްލަ އަށް ހަފައިގެން ޒަލަފަށް ކެވޭނެއެވެ. ރަނގަޅީ ވެސް އަނގަ އަށް ކަސްރަތު ލިބޭ ކަހަލަ އެކަމަކު ހަފަން ފަސޭހަ ކެއުމެވެ. އެ ހުރިހައި ވާހަކައެއް ދައްތަ ކިޔައި ދެމުން ދިޔައިރު އަހަރެންގެ ހިތް އަވަސްވަމުން ދިޔައެވެ. ސަބަބަކީ، ކޮންމެ ކަމެއްގައިމެ ޒަލަފްގެ އެއްބާރުލުން ބޭނުންވާނެތީއެވެ. އެ ކަމަކަށް އަހަންނަށް ކުރެވޭނެ ކަމެއް ނެތެވެ. ދައްތަ ދިޔުމުން އަހަރެން ގޮސް އެނދުގައި އިށީނީމެވެ.

"ކޯޗެއް ކާހިތްވަނީ؟" އޯގާތެރިކަމާ އެކުގައި އަހަރެން އެހީމެވެ.

އެތައް ވާހަކައެއް ދެއްކުމުން ވެސް ޒަލަފްގެ އެއްވެސް ޖަވާބެއް ނުލިބުނެވެ. އިވޭ ކަމަށް ވެސް ނެހެދިއެވެ. ނުކައި އޮތުމަކީ އޭނަ ރުޅިގަދަވާނެ ކަމެކެވެ. އަހަންނަށް އެ ކަން އެނގެއެވެ.

"ދީމާ!" މައިދައިތަގެ އަޑުއިވުނެވެ.

އަހަރެން ނުކުތީމެވެ. މެންދުރު ވަގުތެވެ. މައިދައިތަ އިނީ ކާށެވެ. އަހަރެން ހުންނާނީ އަތްފޯރާ ހިސާބަށް ހުރިހައި އެއްޗެއް ގެނެސްދީފައެވެ.

"ކޮޓަރި އަށް ވަދެ ކީއްތަ ތި ކުރަނީ؟" މައިދައިތަ ބުނެލިއެވެ. "މި ހަނޑޫ ހާދަހާ ހަރޭ!"

އަހަރެން ބަތް ކެއްކީ ހަމަ ކުރިން ވެސް ކައްކާ ގޮތަށެވެ. ހަރުވާން ޖެހޭ ސަބަބެއް ނުވިސްނުނެވެ. ތެލިން ހުސް ބަތްކޮޅެއް ކައިލީމެވެ. އަހަންނަކަށް ހަރެއް ނޫނެވެ.

"މިއެއް ނުކެވޭނެ!" ތެދުވަމުން މައިދައިތަ ބުންޏެވެ.

"އަލުން ބަތްކޮޅެއް މި ކައްކަނީ،" އަހަރެން ބުނީމެވެ. "ނުވާނެ މާ ގިނަ އިރެއް."

މައިދައިތަ ގޮސް ސޯފާގައި އިށީނދެފައި ޓީވީ ހުޅުވައިލިއެވެ. އަޑު ގަދަކޮށްލިއެވެ. އަހަރެންގެ ފޯނު ރަނގަބީލުވާން ފެށިއެވެ. ގުޅާނީ ކާކުކަން އަހަންނަށް އެނގެއެވެ. އަހަރެން ފޯނުނެގީމެވެ.

"ތަންކޮޅެއް އަޑު މަޑުކޮށްލަބަލަ!" އެހެން ބުނުމާ އެކު ޒަލަފް ފޯނު ކަނޑައިލިއެވެ.

އަހަރެން ހިތަށް އެރިއެވެ. ޒަލަފަށް ހަމަ ރީތިކޮށް ވާހަކަ ދެއްކެއެވެ. ދެން އަހަރެންގެ ކަރުން ހަމެއް ދިޔަ އިރު ވެސް އޭނަ އަނގައިން ނުބުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ؟ ޓީވީގެ އަޑު މަޑުކުރަން ދިޔަ އިރު މައިދައިތަ އިނީ ރިމޯޓު ހިފައިގެންނެވެ. އަހަންނަކަށް އެޔެއް އަތެއް ނުލެވޭނެއެވެ.
"ޒަލަފް ބުނީ ތަންކޮޅެއް އަޑު މަޑުކޮށްލާށޯ!" އަހަރެން އެދުނީމެވެ.
"ކޮބާ ބަތް ކެކުނީ؟" އަހަންނަށް ބަލައި ވެސް ނުލައި، މަައިދައިތަ އެހިއެވެ. (ނުނިމޭ)