ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލަ ފުލުހުން ބަލަނީ
ނުރައްކާތެރިކޮށް ލޯންޗު ދުއްވި މައްސަލަ ފުލުހުން ބަލަނީ

ނުރައްކާތެރި ގޮތަކަށް ލޯންޗުތަކެއް ދުއްވާ ވީޑިއޯއެއް އާންމުވެ، އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ފުލުހުން އެ މައްސަލަ ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ ނުރައްކާތެރިކޮށް ލޯންޗުތަކެއް ދުއްވި މައްސަލަ ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މިހާތަނަށް ބެލިބެލުމުން އެއީ އއ. އަތޮޅަށް ދަތުރުކުރި ލޯންޗުތަކެއްކަން އެނގިފައިވާ ކަމަށާއި އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ، ދެ ލޯންޗެއް ރޭސް ޖަހާ ގޮތަށް ބާރު ސްޕީޑްގައި ދުއްވާފައި އައިސް ބަނދަރަށް ވަންނަ މަންޒަރެވެ.

ވީޑިއޯއިން ފެންނަ ގޮތުން، އޭގެ ތެރެއިން "ނަސްރު" ނަމަކަށް ކިޔާ ލޯންޗު ވަކި ހިސާބަކުން ދުވެލި ބާރުކޮށް، "ރިލެކްސް ގޯލްޑް" ނަމަކަށް ކިޔާ ލޯންޗަށް ވުރެ ކުރި އަރައިގެން ގޮސް ބަނދަރަށް ވަދެ އެވެ. ލޯންޗުގެ ސްޕީޑް މަޑުކުރީ ވެސް ނެރު ކައިރިންނެވެ.

އެ ލޯންޗުތަކުގެ ފަހަތުން "ރަމްޒު ކުއީން" ލޯންޗް ވެސް ވަންނަތަން ވީޑިއޯއިން ފެނެ އެވެ.

އެ ތިން ލޯންޗު ރޭސް ޖަހާ އިތުރު ވީޑިއޯ ވެސް ޓިކްޓޮކްގައި އެބަހުއްޓެވެ.