03 މާޗް 2017 - 06:30

ކޮންމެ ގުޅުމެއްގައި ވެސް ހިތްހަމަނުޖެހޭ ކަންތައްތައް ހުންނާނެ އެވެ. އެއީ އެއްބަނޑު އެއްބަފާ ކޮންމެ ގުޅުމަކުން ގުޅިފައިވާ ބަޔަކަށް ވިޔަސް ކޮންމެވެސް ވަރަކަށް ދެބަސްވުމާއި އަރާރުންވުން އޮންނާނެ އެވެ. މިކަން އެއްވެސް ގޮތަކަށް ނެތުމަކީ މައްސަލައެއް ކަމަށް ތަޖުރިބާކާރުން ގަބޫލުކުރައްވަ އެވެ.
ނަމަވެސް އަރާރުންވުމަށް މެދުވެރިވި ސަބަބު ހައްލުކުރާނެ ގޮތެއް ނޭނގުމާއި ސުލްހަވުމަށް އަމަލުކުރަންޖެހެނީ ކިހިނެއްކަން އެނގެންވާނެ އެވެ.
މިއީ އަރާރުންވުމަށް ފަހު އެއްގޮތަކަށް ވެސް ކޮށްގެން ނުވާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވާ ބައެއް ކަންކަމެވެ.
އަރާރުން ވުމަށް ފަހު ސުލްހަވާން އިސްނެގުމަކީ ވަކި މީހަކަށް އޮތް ކަމެއް ނޫނެވެ. ނަމަވެސް ސުލްހަވުމުގެ ވިސްނުމެއްނެތި ސުލްހަވީ ކަމަށް ހެދިގެން އުޅުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މީހަކާ ޒުވާބުކޮށް ދުލަށް އައިހާ އެއްޗެއް ގޮވުމަށްފަހު ސުލްހަވުމަކީ ހަގީގަތުގައި އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ވަރަށް ގިނަ މީހުންނަކީ މައްސަލަ ޖެހުމަށް ފަހު އެކަން ހައްލުވެ ގުޅުން ރަނގަޅު ކަމަށް ބޭރުފުށަށް ދައްކައިގެން އުޅޭ މީހުންނެވެ.
ތަޖުރިބާކާރުން ބުނަނީ މިހެން ނުހެދުމަށެވެ. ސަބަބަކީ ދިމާވެގެން އުޅޭ މައްސަލައިގައި ތިމާ ކޮންމެވެސް ވަރަކަށް ގޮތްދޫކުރަން ޖެހުމާއި އެ ނިޔަތް ނެތި، ގޮތްދޫކުރިކަމަށް ހެދުމުން ފަހުން ގެއްލުން މާ ބޮޑުވާނެތީ އެވެ.
ސުލްހަވީކަމަށް ހެދިގެން އުޅުމަކީ ވަގުތީ ގޮތުން މައްސަލަ ހައްލުވެދާނެ ކަމެކެވެ. ނަމަވެސް އެކަމުގެ ސަބަބުން ދިގު މުއްދަތަކަށް ކުރާ ނުރަނގަޅު އަސަރު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ބަދަލުގައި ކަންތައްތައް ހިނގާފައިވާ ގޮތާ ދޭތެރޭ ވިސްނާލަން އަމިއްލަ ނަފްސަށް ވަގުތު ދޭށެވެ.
ރުޅިއައިސް ޒުވާބުކުރަން ޖެހުނު މައްސަލަ ހައްލުކުރަން އަވަސްއަރުވާ ނުލާށެވެ. ޒުވާބުގައި ބައިވެރިވި އެންމެންނަށް ވެސް ރުޅި މަޑުކޮށް ހަމަޖެހިލައިގެން ވިސްނާލާނެ ވަގުތު ދޭށެވެ. އޭރުން ފަހަރެއްގައި ރަނގަޅު ހައްލެއް ވިސްނިދާނެ އެވެ.
ކުރެވޭ ޒުވާބުތަކަކީ ބޭކާރު އެއްޗެއްކަން، ފަހުން އެކަމާ މެދު ވިސްނާލުމުން އިހްސާސް ކުރެވޭލެއް މަދެއް ނޫނެވެ. މިފަދަ ހާލަތުގައި ސުލްހަވާން އުނދަގުލެއް ނުވާނެ އެވެ. އަދި ޒުވާބުގައި ބައިވެރިވާ އެކަކީ ތަންކޮޅެއް ސިނގު ގުޅި އަންނަ މީހެއް ނަމަ ޒުވާބަށް ފަހު އެ މީހާގެ ރުޅިގަނޑު މައިތިރިވަންދެން މަޑުކުރާށެވެ. އޭރުން ސުލްހަ ވާން ފަސޭހަވާނެ އެވެ.
އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ވާގޮތަކީ އެ އަރާރުމެއް ފެށެން މެދުވެރިވި ސަބަބާ މެދު އަރާރުން ނިމުމަށްފަހު ވެސް މާބޮޑަށް ފިކުރު ކުރެވެނީ އެވެ. މިއީ ކުރިއަށްވުރެ ވެސް ބޮޑަށް އަރާރުންވުމަށް މެދުވެރިވެދާނެ ކަމެކެވެ. މިއީ ދެ މީހެއްގެ ދެމެދުގައިވާ ގުޅުމަކަށް އެދެވޭ ކަމެއް ނޫނެވެ. އަރާރުންވީ ސަބަބާމެދު އަބަދު ވިސްނާ ނަމަ އިތުރު ކުށް ހީތަކަކަށް މަގުފަހިވާނެ އެވެ. އެއިރަކު އަރާރުންވާން މެދުވެރިވި ކަމެއް ހައްލުކުރަން ވިސްނާށެވެ. މާކުރިން ވެފައި ހުރި ކަންތައްތައް އެކަމާ ނުގުޅުވާށެވެ.