03 އޮކްޓޯބަރ 2024 - 14:45

މާލޭގައި ދިރިއުޅޭ އަންހެނުންގެ ހާލަތު ބެލުމަށް މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން ނުކުންނަން ނިންމައިފި އެވެ.
އެ ކޮމިޓީން މިއަދު ބުނީ، އޭގެ މަގްސަދަކީ "އަންހެނުންގެ ހާލަތު މިއަދަށް ވުރެ މާދަމާ ރަނގަޅުވުން" އަށް ކުރާ މަސައްކަތުގެ ދަށުން ރައްޔިތުންގެ ހާލަތު ދެނެގަތުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
އެ ހަރަކާތުގެ ބޭނުމަކީ އާމްދަނީ ހޯދުމާއި އަންހެނުންގެ ތަރައްގީ އަށް އެކިއެކި ހަރަކާތް ހިންގުމަށާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމާއި ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މައުލޫމާތު އެއްކުރުން ކަމަށް އެ ކޮމިޓީން ބުންޏެވެ.
މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމާއި މަތީ ތައުލީމު ހާސިލުކުރުމަށް ފަހު، ވަޒީފާތަކަށް ނުގޮސް ތިބޭ އަންހެނުން ދެނެގަތުމާއި އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމަކީ ވެސް މި ހަރަކާތް ކުރިއަށް ގެންދާ މަގްސަދުތަކެވެ.
އެ ކޮމިޓީން ބުނި ގޮތުގައި މި މަސައްކަތް ފަށާނީ އަންނަ ހޯމަ ދުވަހު އެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިރު، އާދިއްތަ އަދި ބުދަ ދުވަހު ދެ ދަންފަޅިއަކަށް ބަހާލައިގެން އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އެ ކޮމިޓީން ބުނީ އަންހެނުންގެ ހާލަތު ބެލުމުގެ މަސައްކަތް މާލޭގެ 18 ދާއިރާގައި ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށް ދާނެ ކަމަށެވެ.