03 އޮކްޓޯބަރ 2024 - 12:16

ކުނި މެނޭޖްކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް އެދި ހުށަހެޅޭނެ ޕްރޮޖެކްޓެއް ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ތައާރަފްކޮށްފި އެވެ.
މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުނި މެނޭޖްކުރުމަށް ހިންގާ މަޝްރޫއޫތަކަށް އެހީތެރިވުމުގެ ގޮތުން ތައާރަފްކުރި ޕްރޮޖެކްޓެކެވެ.
ބީއެމްއެލްއިން ބުނީ ކުނި މެނޭޖްކުރުމުގައި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މާހައުލެއް ހޯދައިދިނުމަށް ހިންގާ މި ޕްރޮޖެކްޓްގެ ދަށުން ކުނި މެނޭޖްކުރާ ފެސިލިޓީތަކަށް ބޭނުންވާ އަލާތްތައް ހޯދުމަށް މާލީ އެހީ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އައިޝަތު ނޫރައްދީން ވިދާޅުވީ އެ ޕްރޮޖެކްޓް ލޯންޗްކުރީ ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމަށް ބެންކުން ކުރަމުން އަންނަ މުހިންމު މަސައްކަތުގެ ތެރެއިން ކަމަށެވެ.
"މިއީ ހަމައެކަނި ކުނި މެނޭޖްކުރުމުގެ ހައްލުތައް ހޯދައިދިނުމުގެ އިތުރުން މިހާރު ހުރި ނިޒާމުތައް އިތުރަށް ތަރައްގީކޮށް ރާއްޖެއަށް ސާފު އަދި ފެހި މުސްތަގުބަލެއް ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ތަރައްގީ ހޯދައިދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރަން މިފަދަ އެކި މަޝްރޫއުތައް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ މުޖުތަމައަށް އެހީތެރިވަމުންނެވެ. މި ޕްރެޖްކްޓްގެ ދަށުން މާލީ އެހީތެރިކަމަށް އެދި ހުށަހެޅޭނީ ހަމައެކަނި މަދަނީ ޖަމިއްޔާތަކަށެވެ.
ޖަމިއްޔާތަކުން އީމެއިލް މެދުވެރިކޮށް[email protected]އަށް މި މަހުގެ 21 ވަނަ ދުވަހަށް އެހީ ހޯދުމަށް ހުށަހެޅޭނެ އެވެ.