03 މާޗް 2017 - 06:21

ޔާމީ ގޯތަމްގެ "ސަރްކާރް 3" ގައި އޭނާ ފެންނާނީ ތަފާތު ރޯލަކުން ކަމަށް ވާތީ އެ ފިލްމު ބަލާހިތުން ކެތް މަދުވެފައި ހުރި ކަމަށް "ގާބިލް"ގައި ޔާމީއާ އެކު ލީޑް ރޯލު ކުޅުނު ރިތިކް ރޯޝަން ބުނެފި އެވެ.

ރިތިކް ކުރި ޓުވީޓެއްގައި ބުނީ ތަފާތު ޔާމީއެއް ދެކިލާހިތުން ހުރި ކަމަށެވެ. ޔާމީ މިހާތަނަށް ކުޅުނު ގިނަ ފިލްމުތަކުގައި އޭނާ ކުޅުނީ ވަރަށް ރަނގަޅު އަންހެންކުއްޖެއްގެ ރޯލު ނަމަވެސް "ސަރްކާރް 3"ގައި އޭނާ ކުޅެފައިވަނީ ނުބައިބައި ރޯލެކެވެ.
ރިތިކްގެ ޓުވީޓަށް ޖަވާބުދީ ޔާމީ ކުރި ޓުވީޓްގައި ރިތިކަށް އެ ފިލްމު ދައްކާ ހިތުން ހުރި ކަމަށް ޔާމީ ބުނެފައިވެ އެވެ.
"ގާބިލް" ގައި ފެނިގެން ދިޔަ ޔާމީ އާއި ރިތިކްގެ ލޮލަށް ނުފެންނަ ދެމަފިރިންގެ ރޯލު ގިނަ ބަޔަކަށް ވަރަށް ކަމުދިޔަ އެވެ. އަދި އެ ފިލްމުގައި އެކުގައި މަސައްކަތް ކުރި ފަހުން ޔާމީ އާއި ރިތިކްގެ އެކުވެރިކަން ވެސް ވަނީ ވަރަށް ބަދަހިވެފަ އެވެ.
އަންނަ އޭޕްރީލް 7 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ސަރްކާރް 3" އަކީ ޕޮލިޓިކަލް ތުރިލާ އެކެވެ. މިއީ ރާމް ގޯޕާލް ވަރުމާ ޑައިރެކްޓްކުރާ "ސަރްކާރް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ.
މި ފިލްމުގެ ބަތަލަކީ އަމީތާބު ބައްޗަން އެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ މިހާރު ރިލީޒްކޮށްފައިވާއިރު އަމީތާބު ފެންނަނީ ވަރަށް ރުޅިގަދަ މީހެއްގެ ރޯލުންނެވެ.