03 އޮކްޓޯބަރ 2024 - 06:17

ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތް، ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް އަނެއްކާވެސް ވަރުގަދަކޮށްފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ، ޣައްޒާގެ ދެކުނުން އޮންނަ ޚާން ޔޫނުސް ސަރަހައްދަށް އިޒްރޭލު ސިފައިން އެއްގަމު އަދި ވައިގެ މަގުން ދިން ހަމަލާތަކުގައި މިހާތަނަށް 51 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.
ހަމާސްގެ ހަނގުރާމަވެރިން ފިލައިތިބި ހަތަރު ސްކޫލަކަށް ހަމަލާދީފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ އެއްބަސްވެފަ އެވެ.
އެކަމަކު އެ ހަތަރު ސްކޫލަކީ ވެސް އިޒްރޭލުގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ފަލަސްތީނުގެ ރައްޔިތުން ތިބި ވަގުތީ ހިޔާތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ޣައްޒާއަށް ދޭ ހަމަލާތައް އިޒްރޭލުން އަނެއްކާވެސް ވަރުގަދަކޮށްފައިމިވަނީ، އިރާނުން އިޒްރޭލަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ.
އިޒްރޭލުން މިވަގުތު ވެސް ދަނީ، ފަލަސްތީނުގެ ހައްގުގައި މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ އާ ދެކޮޅަށް ލުބްނާނަށް ވެސް އެއްގަމާއި ވައިގެ މަގުން ހަމަލާތައް ދެމުންނެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ހަމާސް ނައްތާލުމުގެ ނަމުގައި އިޒްރޭލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 41،000 އަށް ވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފަ އެވެ.