03 އޮކްޓޯބަރ 2024 - 10:28

މާލޭގައި ގިނަ އަހަރުތަކެއް ވަންދެން އުޅުނުއިރު ވެސް ފުޓްބޯޅަ ދުލެއް ނުކުރި އެވެ. ފެމިލީ ކޯޓުގެ އިދާރީ މަސައްކަތުގައި އުޅެމުން ވެސް އިސްހާގު ދާއޫދު (ޑޭވިޑް) އެންމެ ގަވައިދުން ކުރި އެއް ކަމަކީ ވެސް އެއީ އެވެ. ނަމަވެސް މާލޭގެ ހަލަބޮލި ދިރިއުޅުމުން އާއިލާއާ އެކު އުފަން ރަށް، ތ. ވޭމަންޑުއަށް ބަދަލުވުމާއެކު ޑޭވިޑްއަށް ކުރެވުނީ އުނދަގޫ ތަޖުރިބާއެކެވެ.

"ރަށަށް އައިއިރު ފުޓްބޯޅަ މުބާރާތެއް އޮތީ. އެކަމަކު، ފުޓްބޯޅަ ވަރަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮތްތަން ފެނުނީ. އެހެންވެ، ބެލީ ފުޓްބޯޅަ އެކަޑެމީއެއް ހުޅުވައިގެން ކުރިއަށް ދެވޭތޯ ބެލީ." އިތުރު ތިން ކޯޗުންނާ އެކު ފުޓްބޯޅަ ކްލާސްތައް ހިންގާ ޑޭވިޑް ބުންޏެވެ.

ނުވަ ދިހައިގެ އަހަރުތަކުގައި މި ރަށުގައި އޮތް ފުޓްބޯޅަ ފޯރި އަލުން ގެނައުމުގެ ބޭނުމުގައި "ވެޔޮ އެކަޑެމީ"ގެ ނަމުގައި ވިޔަފާރިވެރިއެއްގެ އެހީގައި ދެ އަހަރު ކުރިން ހުޅުވި އެކަޑެމީގެ ނަތީޖާ ރަނގަޅެވެ. އަށްޑިހަ ވަރަކަށް ކުދިންނާ އެކު ފުރަތަމަ ފެށި އެކަޑެމީގައި މިހާރު 100 އަށް ވުރެ ގިނަ ކުދިން އެބަތިއްބެވެ.

މިހާރު ވެސް ޑިމާންޑު އެބައޮތެވެ. އެކަމަކު، ދަނޑު ކުޑަވުމުން އިތުރަށް ދެވޭނެ ޖާގައެއް ނެތެވެ.
ޑޭވިޑް ބުނީ އޭނާ އެކަޑެމީ ހިންގަން ފެށީ ފުޓްބޯޅަ ކޯޗު މުހައްމަދު ނަޒީހު މި ރަށަށް ގެނެސްގެން ކަމަށެވެ. އޭނާގެ ދަށުން، އެއް މަސް ދުވަހުގެ ތަމްރީނާއި ފަރިތަކުރުންތަކަށް ފަހު ޑޭވިޑް އިސްވެ އެކަޑެމީ ހިންގަން ފެށި އެވެ.
ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން، 7-16 އަހަރާ ދެމެދުގެ ކުދިންނަށް ހިންގާ ފަރިތަކުރުންތަކުގައި، ގްރޫޕުތައް ގެންދަނީ ދެ ދުވަހުން އެއް ދުވަހެވެ. ފުރަތަމަ ރަޖިސްޓްރޭޝަނަށް ކޮންމެ ކުއްޖެއްގެ އަތުން 100ރ. ނެގުމަށް ފަހު، މިހާރު ކޮންމެ މަހަކު 200ރ. ދައްކަންޖެހެ އެވެ. ޖޯޒީއާ ފުޓްބޯޅައަށް ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދެނީ އެކަޑެމީންނެވެ.
"މިހާރު ވެސް ވަރަށް ގިނަ ކުދިން އެބަ ބޭނުންވޭ އެކަޑެމީއަށް ވަންނަން. އެކަމަކު، ފުލްވެފައި އޮތީމަ ޖާގައެއް ނެތް." ޑޭވިޑް ބުންޏެވެ.
އެކަޑެމީއަށް އަހަރުވުން ފާހަގަކުރަން ޓީމުތަކަށް ބަހާލައިގެން މުބާރާތްތައް ވެސް ބާއްވައިފި އެވެ. ކައިރި ރަށްރަށަށް ގޮސް ގެން ވެސް މުބާރާތްތައް ބާއްވައިފި އެވެ.
"މި އެކަޑެމީގެ ކުއްޖަކު ދިޔަ މާލޭގައި ބޭއްވި މައިލޯ 10 އަހަރުން ދަށުގެ މުބާރާތަކަށް ކުޅެން. ގޮސް އެ ޓީމަށް ހަތަރު ގޯލު ޖަހައިދީފައި ފައިނަލާ ހަމައަށް ގެންގޮސްދިން. ވަރަށް މޮޅެތި ކުދިން އެބަތިބި،" ޑޭވިޑް ބުންޏެވެ.
"ފުޓްބޯޅަ ވަރަށް ބޮޑަށް ދަށްވެފައި އޮތްތަން ފެނުނީ. މިދިޔަ އަހަރު ތަކުގައި، ހުރާ ގޮތަށް މި ރަށަކީ ވެސް ފުޓްބޯޅައިގެ ވަރުގަދަ ރަށެއް. އޭރު އޮންނާނެ ވަރުގަދަ ޓީމުތައް. އެ ޓީމުތައް ބަލިކޮށް ލީގުގެ ގަދަ ހަތަރެއްގައި ހިފަހައްޓާލި."
މި ރަށު ކޯޓުގައި ވެސް މަސައްކަތް ކުރަމުން ޑޭވިޑް ފުޓްބޯޅަ ދަސްކޮށްދެނީ ހަވީރު 4-6 އަށެވެ. އެ މަސައްކަތުގެ ސަބަބުން ފުޓްބޯޅައަށް ދިރުން އަންނަން ފަށާފައިވާ ކަމަށް ރަށުގެ ގިނަ ބަޔަކު ބުނާކަން ޑޭވިޑް ފާހަގަކުރި އެވެ.
"އެއް އަހަރުވީއިރު ފެނިއްޖެ ކުދިންނަށް އައިސްފައި ހުރި ބަދަލު. މި ތަނަށް އައިއިރު 13، 14 އަހަރުގެ ކުދިންނަށް ބޯޅައިގައި ރަނގަޅަށް ފައިން ޖަހަން ނޭނގޭ ކުދިން ތިބި. މީހުން ވަރަށް ބަލައިގަނޭ މަސައްކަތް." ޑޭވިޑް ބުންޏެވެ.
މި ފަހުން ވެސް، ގްރީން ސްޓްރީޓަށް ކުޅެން 16 އަހަރުން ދަށުގެ ދެ ކުދިން ގެންގޮސް، އެ ފަހަރު އެ ޓީމް ޗެމްޕިއަންކަން ނެގުމަކީ، ޑޭވިޑް ކުރާ މަސައްކަތުގެ ފޮނި ނަތީޖާއެކެވެ.
އޭގެ އެއް ކަންތަކެވެ. ކުޅިވަރާއެކު ދަރިވަރުންގެ އަހުލާގު ރަނގަޅުކުރުމަކީ އެންމެ އިސްކަންދޭ އެއް ކަންތަކެވެ. އޭގެ އެއް ހެއްކަކީ، ސްކޫލުގައި ދަރިވަރުންގެ ސަކަރާތް ބޮޑުވިއަސް، އެ ކުދިން މައިތިރިކުރަން އެކަޑެމީއަށް ގުޅުމެވެ.
"ސްކޫލުން އެބަ ގުޅާ ކުދިން ސަކަރާތް ޖަހާތީ. އަހަރެމެންގެ އަޑު ޖެހުނަސް ވަގުތުން ސަކަރާތް ޖެހުން ހުއްޓާލާ. ޓީވީއާ ސްކްރީނާ ވެސް ވަރަށް ބޮޑަށް ދުރުކުރެވިއްޖެ. ފަރިތަކުރުންތަކަށް އަންނައިރު ނަމާދު ނުކޮށް އައިސްފިއްޔާ ގެއަށް އެބަ ފޮނުވާލަން ނަމާދުކުރަން. އެ ގޮތަށް ހަދާތީ ނަމާދުކޮށްގެން އަންނާނީ ވެސް ކުދިން."