02 އޮކްޓޯބަރ 2024 - 12:41

ހުޅުމާލެ 3 ގެ ހިއްކި ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އަނެއްކާ ވެސް އެޗްޑީސީން އަންގައިފި އެވެ.
ހުޅުމާލެ 2 އާއި 3 ގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނަގަން މިދިޔަ މޭ މަހު ވެސް އެ ކުންފުނިން އިއުލާނުކުރި އެވެ.
އެކަމަކު އެގޮތަށް އެންގި ނަމަވެސް އެކަމަށް މީހުން އިޖާބަދީފައި ނުވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން މިއަދު ބުނީ، ހުޅުމާލެ 3 ގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް މުދަލާއި ތަކެތި ބަހައްޓައި، އެ ބިންތައް އަދިވެސް ބޭނުންކުރަމުންދާ ކަމަށެވެ. އެހެންވެ، އެ ތަނުގައި ބަހައްޓާފައި ހުރި ތަކެތި މި މަހުގެ 11 ވަނަ ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީގެ އިއުލާނުގައި އަންގާފައި ވެ އެވެ.
އެ މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފި ނަމަ، އެއީ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، އެފަދަ ތަކެއްޗާ މެދު އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
"އެ މަސައްކަތުގެ ތެރޭގައި މުދަލަށް ނުވަތަ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަވެސް އާންމުކޮށް އަންގައި އިއުލާން ކުރީމެވެ،" އިއުލާނުގައި ބުންޏެވެ.
އެޗްޑީސީން އަންނަނީ ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެތަނުން ވެސް ބިން ދޫކޮށްފައިވެ އެވެ.