02 އޮކްޓޯބަރ 2024 - 11:49

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން އިސް ރަށްވެހިންގެ ނާދީގައި އުރީދޫން "ގްރޯ ވިތު އުރީދޫ"ގެ ނަމުގައި ގަސް އިންދުމާ ގުޅޭ ހާއްސަ ސެޝަނެއް ބާއްވައިފި އެވެ.

އިއްޔެ ފާހަގަކުރި އިސްރަށްވެހިންގެ ދުވަހާ ގުޅިގެން ނާދީގައި ކުރިއަށް ގެންދިޔަ މި ސެޝަނަކީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާ އެކު އުރީދޫން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ސެޝަންގައި ގަސް އިންދުމަށް ހާއްސަ "ގްރޯ ވިތު އުރީދޫ" ކިޓުތައް އެ ކުންފުނިން ހަދިޔާކުރި އެވެ.

އުމުރުން ދުވަސްވީ ގިނަ ބަޔަކު ބައިވެރިވި މި ސެޝަން ކުރިއަށް ގެންދިޔައީ އުރީދޫގެ އެމްބެސަޑަރު "ޒުވާން ދަނޑުވެރިޔާ" ރަމްޒީ ހުސެއިނެވެ.
މި ސެޝަނުގައި ވަނީ ގޭގައި ތިބެގެން އަމިއްލަ ބަގީޗާތައް ހަދައި ބެލެހެއްޓުމުގެ ޓެކްނިކްތައް ދަސްކޮށްދީ، ގަސް އިންދުމުގައި ފަސޭހަ، ދެމެހެއްޓެނިވި ގޮތްތަކަށް އެ ކަން ކުރެވޭނެ ގޮތްތައް ކިޔައިދީފަ އެވެ.
މި ސެޝަންގައި ރަމްޒީ ވަނީ، ގަސް އިންދުމަކީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހިތްވަރު ލިބޭނެ ކަމެއްގެ ގޮތުގައި ފާހަގަކޮށް، ގަހުން މީހާގެ ދުޅަހެޔޮކަން އިތުރުކޮށްދޭނެ ކަން އޮޅުންފިލުވައިދީފަ އެވެ.
އުރީދޫން އިސްރަށްވެހިންގެ ދުވަސް ފާހަގަކުރަން ބޭއްވި މި ހަރަކާތުގައި އުމުރުން ދުވަސްވީ މީހުންނަށް ކަނެކްޓިވިޓީ އިތުރުކުރުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސް އިން ވަނީ ނާދީގައި އާ ޑިޖިޓަލް ޕާޓްނާޝިޕެއް ވެސް އިއުލާނުކޮށްފަ އެވެ. މި ޕާޓްނާޝިޕުން އުރީދޫގެ ޓެލެކޮމިއުނިކޭޝަން އަދި ޑިޖިޓަލް ހިދުމަތްތައް ނާދީގައި ފަސޭހަކަމާ އެކު ލިބޭނެ އެވެ.
މި ހަރަކާތުގައި އުރީދޫން ވަނީ ނާދީ އަށް ފޮތް ވެސް ހަދިޔާކޮށްފަ އެވެ.
މި ހަރަކާތްތަކަކީ މުޖުތަމައުގައި އިސްރަށްވެހިންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން އުރީދޫން މި އަހަރު ފެށި ކެމްޕެއިންގެ ދަށުން ބޭއްވި ހަރަކާތްތަކެކެވެ.
އެ ކުންފުނިން އަންނަނީ ޑިޖިޓަލް އިންކްލޫޝަން، ސަސްޓެއިނަބިލިޓީ އަދި ކޮމިއުނިޓީ އެންގޭޖްމަންޓް ޕްރޮމޯޓްކުރާ އިނޮވޭޓިވް ޕްރޮގްރާމްތަކާއި ޕާޓްނާޝިޕްތައް މެދުވެރިކޮށް މުޖުތަމައުގެ އެކި ދާރިއާތަކުން އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ.