02 އޮކްޓޯބަރ 2024 - 09:34

ފާނަ އާލާކުރަން ބޮޑު ސަރަހައްދެއް ކަނޑައަޅައި، ހަތަރު ޒޯނެއްގައި މެރިކަލްޗާ ތަރައްގީކުރަން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދު ޑައިވާސިފައިކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރަން ކުރިއަށް ގެންދާނެ ކަންކަން ނިންމާފައިވާ ކަމަށެވެ.
އެ ކަންކަން ނިންމާފައި ވަނީ ފިޝަރީޒް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރާއްޖޭގައި މެރިކަލްޗާގެ ވިޔަފާރިތައް ގާއިމްކުރަން ހެޗަރީތައް ހަދައި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާހައުލުގައި ބޮޑުކުރުމަށް ފޮރިން އިންވެސްޓްމަންޓް ހިމެނޭ ގޮތަށް އާންމުކޮށް ހުޅުވާލާނެ އެވެ. އެ ތަންތަން ތަރައްގީކުރާނީ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ.
މެރިކަލްޗާ ތަރައްގީކުރަން ކަނޑައެޅި ޒޯނުތައް:
- ހދ. އާއި ށ. އަތޮޅު މެރިކަލްޗާ ޒޯން
- ރ. އަތޮޅުގެ މެރިކަލްޗާ ޒޯން
- މ. އަތޮޅުގެ މެރިކަލްޗާ ޒޯން
- ތ. އަތޮޅުގެ މެރިކަލްޗާ ޒޯނެއް
މެރިކަލްޗާ އާލާކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުތަކެއް ވެސް ކަނޑައަޅާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މާލެ އަތޮޅު ދެކުނުން ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަަހައްދަކީ ކޮމާޝަލް ސްކޫލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގަން ހާއްސަ ކުރެވިފައިވާ ސަރަހައްދެއްގެ ގޮތުގައި ވެސް ކަނޑައަޅާނެ ކަމަށެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި ފާނަ އާލާކުރުމުގެ އިތުރަށް އދ. މަހިބަދު އާއި އޮމަދު އާއި ދިގުރަށް އަދި ދަނގެއްޗަށް އަމާޒުކޮށްގެން، މޫދުކޮށީގައި ފާނަ ބޮޑުކުރުމުގެ މަސައްކަތް ކޮށްފަ އެވެ.