01 އޮކްޓޯބަރ 2024 - 15:22

ޓީޗަރުންގެ ދުޅަހެޔޮކަމާއި ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ސްކޫލްގައި ޓީޗަރުން ހޭދަކުރަން ޖެހޭ ވަގުތު މަދުކޮށް، ކުރިއެރުމަށް ފުރުސަތުތައް ތަނަވަސްކޮށްދޭން ޖެހޭ ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ހަތް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފަށަން ސީއެޗްއެސްއީގައި ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވިދާޅުވީ ޓީޗަރުންނަށް ފަންނީ ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދީ، މަސައްކަތު ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމުތައް ރޭވުމާއި ހިންގުމުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

ރާއްޖޭގެ ތައުލީމީ ނިޒާމުގައި ހުރި ދަތިތަކާއި ހުރަސްތައް ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ ރާއްޖޭގެ ރަށްތައް ވަކިވަކިން ހުރުމުގެ ސަބަބުން ރަށްރަށުގެ ތައުލީމީ ނިޒާމު ހަރުދަނާ ކުރުމުގައި ގޮންޖެހުންތަކެއް އެބަ ހުރި ކަމަށެވެ. އެހެންވެ އެ ގޮންޖެހުންތައް ނައްތާލައި، އެކަމުގައި އެންމެން ގުޅިގެން މަސައްކަތްކޮށް، ހައްލެއް ހޯދަންޖެހޭ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.
ސާޖިދާ ވަނީ ރާއްޖެ ކަހަލަ ޖަރީޒާ ގައުމަތަކުގެ ތައުލީމީ ދާއިރާއަށް ޓެކްނޮލޮޖީ ގެނައުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ވެސް ފާހަގަކުރައްވައިފަ އެވެ.
ތައުލީމީ ނިޒާމު ހަރުދަނާ ކުރުމަށް ޓީޗަރުންގެ ދައުރު އަދާކުރުމަށް ވެސް ސާޖިދާ ބާރު އެޅުއްވި އެވެ. އަދި ރަށްރަށުގެ ޓީޗަރުން، ވެރީންގެ ގޮތުގައި ހަރަކާތްތެރިވާ މަންޒަރު ފެނިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
މި ކޮންފަރެންސަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކިޔަވައިދޭ ފަރާތްތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ބައްދަލުވުމެކެވެ. މިއަދާއި މާދަމާ ކުރިއަށްދާ މި ކޮންފަރެންސްގައި 250 މީހުން ބައިވެރިވެ އެވެ.
މިއީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މި އަހަރުގެ ޝިއާރަކީ "އެޑިއުކޭޓް، އެމްޕަވާ، އެލެވޭޓް: އިކުއިޓަބަލް އެޑިއުކޭޝަން ފޯ ޓުވެންޓީ ފަސްޓް ސެންވަރީ އެޑިއުކޭޝަން އެކްސަލަންސް" އެވެ.