01 އޮކްޓޯބަރ 2024 - 12:51

ރީތިކޮށް ހަދާފައި ހުރި ގެއެއްގައި ދިރިއުޅުމުގެ ނަސީބު ދުވަހަކު ވެސް ލިބިދާނެ ކަމަކަށް އާމިނަތު އަލީ، ހީއެއް ނުކުރެ އެވެ. ހިތަށް ވެސް ގެނެސްފައި ނުވާ، ފެންވަރުގައި ހުރި ގެއަކަށް ވަދެފައި އޭނާ އާއި ތިން ދަރިންނަށް ރޮއެގަނެވުނީ އުފަލާއި ހިތާމައިންނެވެ.

އަމިއްލަ ގެއަށް ވަދެވުމުން އާމިނަތު ފުރަތަމަ ވެސް ތިރިވީ ޝުކުރުގެ ސަޖިދައަށެވެ. އޭރު ތިން ދަރިން ގާތުގައި ތިބެ ރޮމުން ދިޔަ އެވެ.

"ބުނެދޭން ވެސް ނޭނގޭ އިހުސާސްތަކެއް ވީ. [ގޭގެ] މި މަންޒަރު ރީތި ކަމުން އުފަލުން، ކުދިންގެ މޫނު މަތިން ވެސް ފެނުނު އުފާވެރިކަމުން ހަމަ ވަރަށް ބޮޑަށް އުފާވި،" އަނިޔާގައި ދިރިއުޅުން ވޭތުކުރި އާމިނަތު ކިޔައިދިނެވެ.

އދ. މާމިގިއްޔަށް ނިސްބަތްވާ އާމިނަތާއި އޭނާގެ ތިން ދަރިންގެ މުޅި ދިރިއުޅުން ބަދަލު މިވީ މަމްސް ޖަމިއްޔާގެ "ހިޔާވަހި" ޕްރޮގްރާމުގެ ދަށުން އެ މީހުންނަށް ބޯހިޔާވަހިކަން ލިބިގެންނެވެ. ޓިނުން ހަދާފައި ހުރި ތަނެއްގެ ތެރޭގައި ނިކަމެތިކޮށް ދިރިއުޅެމުން ދަނިކޮށް، އޭނާގެ ގެ ރަނގަޅު ފެންވަރަކަށް ހަދައިދިނީ މަމްސް ޖަމިއްޔާ އިން އިސް ނަގައިގެން ކުރި މަސައްކަތުންނެވެ.

އާމިނަތު ސިފަކުރި ގޮތުގައި ދެ ކޮޓަރީގެ ގޭގައި އޭނާ އާއި ތިން ދަރިންނަށް ދެން ހަމަޖެހިގެން ދިރިއުޅެވޭނެ އެވެ.

"އުފަލާއި މިނިވަންކަމާއި ހިތްހަމަޖެހުން ލިބިއްޖެ،" އާމިނަތު ބުންޏެވެ.

އެކަނިވެރި މައެއްގެ ގޮތުގައި މިހާރު ތިން ކުދިން ބަލަމުން އަންނަ އާމިނަތުގެ 13 އަހަރުވީ ކައިވެނީގައި ނުލިބޭ އަނިޔާއެއް ނެތެވެ. އޭނާގެ ހަޔާތުގައި އޮތީ ހިތްދަތި މާޒީއެކެވެ.
ފިރިމީހާއާ ދެބަސްވެ، ކުރާ ޒުވާބުތަކުގައި ބިން މައްޗަށް ވައްޓާލައި ބޮލުގެ އިސްތަށިގަނޑުގައި ހިފައި ދަމައި އެތައް އަނިޔާއެއް ދިނެވެ. ޖިސްމާނީ އަދި ނަފްސާނީ އަނިޔާގެ ކޮއްޓެއްގައި ބަންދުވެ އޭނާ އިންނަން ޖެހުނެވެ.
ބާވެފައި ހުރި ކުޑަކުޑަ އިމާރާތެއްގެ ތެރޭގައި އެ އާއިލާ ދިރިއުޅެމުން ދިޔައީ ވަރަށް ނިކަމެތި ހާލުގަ އެވެ. ގޭގެ ފާރު ތަޅާލާފައި ހުރުމުން އެތަން ހިޔާކޮށްފައި ހުރީ ސަތަރި އަޅައިގެންނެވެ. ވިއްސާރަ ވެއްޖެ ނަމަ މުޅި ގޭތެރޭގައި ފެން ބޮޑުވެ އެވެ.
އެންމެ ކޮޓަރިއެއްގެ ތެރޭގައި ހަތަރު މައިން ނިދަމުން ދިޔައިރު ކުދިން ކިޔަވަނީ ވެސް އެ ތަންކޮޅުގެ ތެރޭގަ އެވެ. އެތައްމިތަނުގައި އެކި ސާމާނުތައް ބަހައްޓައިގެން އެ މީހުން އުޅުނީ އިތުރު ގޮތެއް ނެތިގެންނެވެ.
ބަދިގޭގެ ހާލަތު ވެސް ހަމަ އެގޮތަށެވެ. ފެހި ޖަހާފައި ހުރި އިރު ބަދިގޭގައި ކައިބޮއެ ހެދޭނެ ގޮތެއް ނެތެވެ.
"އެއް ދުވަހު ޒުވާބެއްގެ ތެެރެއިން ވަަރަށް ރަހުމު ކުޑަގޮތަކަށް އަހަރެންނާ ދިމާލަށް އެއްޗެހި ގޮވަމުން އޭނާ [ފިރިމީހާ] ބުނީ ވަރިވެގެން ދާން އުޅުނީމާ ހަމަ ގަސްދުގައޭ މި ފަހަރު ބަނޑުބޮޑުކޮށްފައި ފޮނުވާލީ ވެސް. އަދިވެސް ގިނައިން ވަރިވާން އުޅޭށޭ،" އާމިނަތުގެ ހިތްދަތިކަމުން ބައެއް ވާހަކަ ކިޔައިދެމުން ބުންޏެވެ.
ރިސޯޓެއްގައި މަސައްކަތްކުރާ ފިރިމީހާގެ ފަރާތުން އެހީއެއް ނުލިބި، ވަރަށް ނިކަމެތި ހާލުގައި އުޅެމުންދިޔަ މި އާއިލާ އަށް އެހީ ހޯދުމުގެ މަސައްކަތް މަމްސް ޖަމިއްޔާ އިން ފެށީ މިދިޔަ މާޗު މަހު އެވެ. "އާމިރާގެ އާއިލާއަށް އެހީ" ހޯދުމުގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕެއިނަށް ވަރަށް ގިނަ ބަޔަކު ފައިސާ ހަދިޔާކުރި އެވެ.
އެ ކެމްޕޭނުން ލިބުނު އެހީގައި ގެ އިމާރާތްކޮށް ތަޅުދަނޑި ހަވާލުކޮށް، މަމްސް ޖަމިއްޔާ އިން އާއްމުކުރި ވީޑިއޯގައި އާމިނަތު ބުނީ އެފަދަ ދުވަހެއް ދެއްކެވުން އެދި ދުއާ ކުރި ކަމަށެވެ.
"ދުވަހަކު ވެސް ހިތަކަށް ނާރާ އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް މިކަހަލަ ރީތި ތަނެއްގައި އުޅުމުގެ ނަސީބު ލިބިދާނެ ކަމަކަށް. އޭރު މަމްސް އެއިޑުން ގުޅާފައި މި ކަހަލަ ނަސީބެއް ލިބުނު ވާހަކަ ބުނީމަ ވެސް ގަބޫލެއް ނުކުރެވޭ،" އާމިނަތު ބުންޏެވެ.
"ކުދިންގެ މޫނު މަތިން ވެސް އެ ފެނުނު އުފާވެރިކަމާއި އެ ދުވަހު އަޅުގަނޑު ދުއާކުރިން ކުދިންނަށް މިކަހަލަ ދުވަހެއް ދެއްކެވުމަށް. ކުދިންނަށް މިއަށް ވުރެ ރައްކާތެރި ތަނެއް ނުލިބޭނެ ދެން. އުފަލާއި މިނިވަންކަމާއި ހިތްހަމަޖެހުން ލިބިއްޖެ،" ރޮވިފައި އިނދެގެން އާމިނަތު ބުންޏެވެ.
އޭނާ ބުނިގޮތުގައި، ކުރިން އުޅެމުން ދިޔަ ތަނުގެ ތެރޭގައި ކުދިންނަށް މިނިވަންކަމާ އެކު ކުޅެލެވޭނެ ޖާގައެއް ވެސް ނޯވެ އެވެ. އެކަމަކު މި ލިބުނު ގޭގައި އެ ކުދިންނަށް އެ ނަސީބު ވެސް ލިބެ އެވެ.
މަމްސް އިން ހަދިޔާކުރި ދެ ކޮޓަރީގެ ގޭގައި ވަކިން ބެޑްރޫމް ސެޓާއި ކުދިން ކިޔެވުމަށް ވަކި ތަނެއް ހަދާފައިވެ އެވެ. އެންމެ ފަހުގެ ފަރުނީޗަރުން ސިޓިން ރޫމު ހަދައި ޓީވީ ބަހައްޓާފައި ހުރިއިރު ބަދިގެ ސެޓާ އެކު ބަދިގެއަކާއި ކެއުންބުއިމަށް ވެސް ވަކި ތަނެއް ހަދާފައިވެ އެވެ.
އަދި އެއްޗެހި ދޮވުމަށް އޮޓޯ މެޝިނެއް ވެސް ގޭގައި ބަހައްޓާފައި ހުރިއިރު ސިޓިން ރޫމް ރީތިކުރަން ގަހާއި އެކި ކަހަލަ ކުޅޭ އެއްޗެހި ވެސް އެތަނުގައި ހުއްޓެވެ.
މި ގެއާ އެކު އެެ މީހުންގެ ދިރިއުޅުމަށް ޔަގީންވި ކަމަކީ މިނިވަންކަމާއި ރައްކާތެރިކަމާ އެކު އެތަނުގައި އުޅެވޭނެ ކަމެވެ.
"އަޅުގަނޑު ވަރަށް މަސައްކަތްކުރާނަން އަޅުގަނޑުގެ ފަރާތުން އަޅުގަނޑުގެ ކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން. އެ ކުދިންނަށް އިތުބާރު ދޭން ބޭނުން. އަޅުގަނޑު މިހުރީ އަބަދުވެސް އަޅުގަނޑުގެ ކުދިންނާ އެކުގައި. އެ ކުދިން ބިކަވެ ނިކަމެތިވާކަށް ފުރުސަތެއް ނުދޭނަން. މިއީ ކުރިއަށް ދާން އެ ކުދިންނަށް ލިބުނު ފުރުސަތެއް،" އާމިނަތު ބުންޏެވެ.
މަމްސް އެއިޑުން ބުނީ އާމިނަތުގެ އާއިލާ ރައްކާތެރިކަން ފޯރުކޮށްދޭން ކުރި ދަތުރުގައި އަމާން ބަނދަރަކަށް ވާސިލް ވެވިފައިވާ ކަމަށެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވާ ނަމަ އެކަމުން ސަލާމަތްވުމަށް މަސައްކަތްކުރުމާއި އެހީއަށް އެދުމަށް އެ ޖަމިއްޔާ އިން އެދެ އެވެ.
މަމްސްގެ ހިޔާވަހި ކެމްޕޭނަކީ ކޮންމެ އަހަރަކު ވެސް މަމްސްގެ ކެއާ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިންގާ ޕްރޮގްރާމެކެވެ. މީގެ ކުރިން ވެސް މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވެ އެވެ.