މަޖިލީހުގެ ގަވާއިދު ކޮމެޓީން މާރިޔާ އިސްތިއުފާ ދެއްވައިފި
މަޖިލީހުގެ ގަވާއިދު ކޮމެޓީން މާރިޔާ އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މާރިޔާ އަހުމަދު ދީދީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

މަޖިލީހުގެ އިދާރާ އަށް މާރިޔާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ގަވާއިދު ކޮމެޓީ އެކުލަވައިލިތާ ތިން އަހަރު ވަމުން ދާ އިރު، ކޮމެޓީގެ މަސައްކަތްތައް ހިނގަމުން ނުދާ ކަމަށެވެ. ކޮމިޓީގައި މަސައްކަތްތައް ކުރިއަށް ނުގެންދަނީ ކޮމެޓީގެ އަޣުލަބިއްޔަތު އޮތް ޕީޕީއެމްގެ މެމްބަރުންނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ގުޅިވަޑައިގެން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މަޖިލިސް މިހާރު ހިނގަމުން ދަނީ ގަވާއިދެއް ނެތި އެވެ. މަޖިލީހުގެ ރައީސް، މަޖިލިސް ހިންގަވަމުން ގެންދަވަނީ ފެނިވަޑައިގަންނަވާހާ ގޮތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންވެ، ގަވާއިދު ކޮމެޓީން އިސްތިއުފާ ދެއްވީ ކޮމެޓީ ބައްދަލުވުންތައް ނުބާއްވާތާ ގިނަ ދުވަސްތަކެއްވެފައި، މުއައްސަސާގެ އަގު ވައްޓާލައި ހަރާބު ކޮށްލުމަށް ހިންގާ ހުތުރު އަމަލުތަކުގައި ބައިވެރިވުމަށް ބޭނުންނުވާތީ ކަމަށް ވެސް މާރިޔާ ފޮނުއްވި ސިޓީގައިވެ އެވެ.

ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ ގަވާއިދު ކޮމެޓީއަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެކެވެ.