01 އޮކްޓޯބަރ 2024 - 06:03

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ އެތައް މިލިއަން ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން، ކޮންމެ މަހަކު މާލީ އެހީ ފޮނުވަން ސައުދީ އަރަބިއްޔާ އިން ނިންމައި، އެކަން އިއުލާނުކޮށްފި އެވެ.
ސައުދީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މި އެހީ އަމާޒު ކޮށްފައިވަނީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާ ހިލާފަށް އިޒްރޭލުން އަމަލުކުރަމުން ދިޔުމާ ގުޅިގެން، ފަލަސްތީނުގެ ޣައްޒާ އާއި ވަށައިގެންވާ ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށެވެ.
އެކަމަކު ކޮންމެ މަހަކު ފޮނުވަން ނިންމާފައިވާ އެހީގެ އަދަދެއް ސައުދީ ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ފަލަސްތީނުގެ ހައްގުގައި އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމުގެ ފާޑުކިޔުން ސައުދީއަށް އަބަދުވެސް އަމާޒުވެ އެވެ.
އެކަމަކު އެ ބަޔާނުގައި ބުނީ، ފަލަސްތީނަށާއި އެ ގައުމުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް ސައުދީގެ ރަސްގެފާނާއި ވަލީ އަހުދުގެ އިރުޝާދުގެ މަތިން ބައިނަލްއަގުވާމީ މައިދާނުގައި ހުއްޓުމެއް ނެތި ސައުދީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ފަލަސްތީނުގެ މައްސަލައަށް އެންމެ އިސްކަމެއް ދީ، މިދިޔަ އަހަރު މި ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ ސަލާމަތް ކުރުމަށާއި އެތަނުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތު ރަނގަޅުކުރަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްފައިވާނެ،" އެ ބަޔާނުގައި ބުންޏެވެ.
ސައުދީން ބުނީ، މިދިޔަ އަހަރުތަކުގައި ސައުދީން ފަލަސްތީނަށާއި ރައްޔިތުންނަށް ފޯރުކޮށްދީފައިވާ އެހީތެރިކަން 5.3 ބިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށެވެ.