30 ސެޕްޓެމްބަރ 2024 - 18:52

އުސްފަސްގަނޑާ ދިމާލުން ކަނޑުމަތިން އޮޔާ ދަނިކޮށް މިއަދު ހަވީރު ފެނުނީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކުރިން ހަރަކާތްތެރިވި އިބްރާހިމް ޖައުހަރީ (ޖޯރޭ) ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އުސްފަސްގަނޑާ ދިމާލު ބޭރު ކަނޑުމަތީގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ހަވީރު ލިބުމާ ގުޅިގެން އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ.
މަރުވެފައި އޮއްވައި ފެނުނީ ހ. ވެލަސްފަރުގޭ އިބްރާހިމް ޖައުހަރީ، 62 ކަމަށް ފަހުން ފުލުހުން ބުންޏެވެ.
ބައެއް މީހުން ބުނެފައި ވަނީ، ޖައުހަރީ އެންމެ ފަހުން މިއަދު ފެނުނީ އުސްފަސްގަނޑާ ދިމާލުން ގާތައް މަތީގައި މަސްބާނަން ހުއްޓާ ކަމަށެވެ. އޭނާއަކީ ބައެއް ދުވަސްދުވަހު އެ ދިމާލަށް ނުކުމެ މަސްބާނަން ހުންނަ މީހެކެވެ.
ޖައުހަރީއަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވެ ފޮޓޯ ނަގައި އަދި އިސްލާހީ ކަންކަމުގައި އުޅުނު އިސް އެކްޓިވިސްޓެކެވެ. ރާއްޖެ އަށް ސިޔާސީ ޕާޓީތައް ތައާރަފުވި ދުވަސްވަރު އެކިއެކި ހަރަކާތްތައް ފޮޓޯ ނެގުމުގައި ވެސް ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރި އެވެ. އޭގެ އިތުރުން މިނިވަން ނިއުސްގެ ރިޕޯޓަރެއްގެ ހައިސިއްޔަތުން އެކިއެކި ޝަރީއަތްތައް ކަވަރު ކުރަން ވެސް ކޯޓުތަކަށް ވެސް ދިޔަ އެވެ.
ޖައުހަރީއަކީ ދޮންނަ މެޝިނާއި މޯޓަރު ފަދަ ތަކެތި މަރާމާތު ކޮށްދިނުމުގައި ވެސް މާލޭގައި ނަން މަޝްހޫރު މީހެކެވެ. ކޮންމެ ވަގުތަކު ކޮންމެ މީހަކު އެކަމުގައި އެހީތެރިކަމަށް އެދި ގުޅިޔަސް ފަސްޖެހުމެއް ނެތި އައީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޖައުހަރީއަކީ ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލެއް ކަމަށްވާ މަރިޔަމް ޝުނާނާގެ ވެސް ބައްޕަ އެވެ.
ޖައުހަރީ ގެންދިޔައީ ނަފްސާނީ އަދި ޖިސްމާނީ ބައްޔަށް ބޭސްކުރަމުން ކަމަށް ވެސް އެނގިފައި ވެ އެވެ.