02 މާޗް 2017 - 14:40

ދެކުނުގެ ހަތަރު އަތޮޅަށް ހާއްސަކޮށްގެން ހިތަދޫގައި މިދިޔަ އަހަރު ހުޅުވި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުން، ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި 50 އޮޑިޓް ރިޕޯޓް ނެރުމަށް ރާވައި، އޭގެ ތެރެއިން 48 އޮޑިޓް ރިޕޯޓް ނެރެފައިވާ ކަމަށް އެ އޮފީހުގެ އަހަރީ ރިޕޯޓްގައި ބުނެފި އެވެ.
ދެކުނުގެ ސަރަހައްދީ އޮފީހުން ނެރުނު އަހަރީ ރިޕޯޓްގައިވާ ގޮތުން، އެ ގޮފިން ނެރުނު ރިޕޯޓްތަކުގެ ތެރޭގައި ކައުންސިލްތަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކާއި ސްކޫލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިތުރުން މެޖިސްޓްރޭޓް ކޯޓްތަކުގެ ފައިނޭޝަން އޮޑިޓް ރިޕޯޓް ހިމެނެ އެވެ.
ކައުންސިލްތަކުގެ 29 އޮޑިޓް ރިޕޯޓާއި ސްކޫލްތަކާ ގުޅޭ ހަތް އޮޑިޓާއި ހޮސްޕިޓަލްތަކާ ގުޅޭ ތިން އޮޑިޓާއި މެޖިސްޓްރޭޓް ކޯޓްތަކާ ގުޅޭ ނުވަ އޮޑިޓް ރިޕޯޓް ނެރެފައިވެ އެވެ.
އޮޑިޓް ރިޕޯޓް ނިންމުނު ތަންތަނުގެ އާމްދަނީ އާއި ހަރަދަށް ބަލާ އިރު އެއީ 466،696،230ރ. ގެ މައްސަލަތަކާ ގުޅޭ އޮޑިޓް ކަމަށް ސަދަން ރީޖަން އޮފީހުގެ އަހަރީ ރިޕޯޓްގައި ބުންޏެވެ.
އެ ރިޕޯޓްގައި ބުނީ އޮޑިޓް ކުރި ތަންތަނުން ޖުމްލަކޮށް، އާމްދަނީގެ ގޮތުގައި 1،990،381ރ. ހޯދަން ޖެހިފައިވާ ކަމަށާއި އެ އިދާރާތަކުގެ އާމްދަނީގެ ގޮތުގައި 4،385،975ރ. ހޯދަން ޖެހިފައިވާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި އޮޑިޓް ކުރެވުނު އިދާރާތަކުގެ އޮޑިޓްތަކަށް ބަލާ އިރު، ފާއިތުވި އަހަރުތަކުގެ ބަޖެޓްގެ ބާކީގެ ގޮތުގައި ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާ ކުރަން ޖެހޭ 6،061،232ރ. އެ އިދާރާތަކުގެ އެކައުންޓްގައި ހުރިކަން ވެސް ފާހަގަ ކުރެވޭ ކަމަށް އަހަރީ ރިޕޯޓްގައި ބުންޏެވެ.
ހަމަމިއާ އެކު ބައެއް އިދާރާތަކުން މުވައްޒަފުންނަށް ގަވައިދާ ހިލާފަށް އެލަވަންސް ދިނުމުގެ ސަބަބުން 215،381ރ. އަނބުރާ ހޯދަން ޖެހޭ ކަމަށް ވެސް އަހަރީ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.