30 ސެޕްޓެމްބަރ 2024 - 15:46

އަންނަ މަހު ބާއްވާ އެމްއައިބީގެ ގެސްޓް ހައުސް ސިމްޕޯޒިއަމްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
އެމްއައިބީއިގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖެއްސުމުގެ އިތުރުން މި ސިމްޕޯޒިއަމްގެ ވެނޫ ޕާޓްނަރެއްގެ ގޮތުގައި ކްރޮސްރޯޑްސްއާ އެކު ވެސް އެމްއައިބީން ވަނީ ސޮއިކޮށްފަ އެވެ.
އެމްއައިބީ ގެސްޓްހައުސް ސިމްޕޯޒިއަމް އަކީ ރާއްޖޭގައި އެ ދާއިރާއިން ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ. މި ސިމްޕޯޒިއަމްގައި ގެސްޓްހައުސް ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކުން ބައިވެރިވާނެ ކަމަށް އެމްއައިބީއިން ބުންޏެވެ.
މި ސިމްޕޯޒިއަމްގައި މި ދާއިރާ ކުރިއެރުވުމުގެ މުހިންމު މައުލޫމާތުތައް ހިމެނޭ ޕެނަލް ޑިސްކަޝަނެއް ދާއިރާގެ ތަޖުރިބާކާރުންނާ އެކު ކުރިއަށް ދާނެ އެވެ. އަދި ރާއްޖޭގެ ޒުވާން ކްރިއޭޓަރުންނަށް އެ ފަރާތްތަކުގެ ވިޔަފާރި އާއި ވިޔަފާރި ހިޔާލު އަދި އީޖާދުތައް ހުށަހެޅުމުގެ ފުރުސަތު ވެސް މި ސިމްޕޯޒިއަމްގައި ދޭނެ އެވެ. މި ފުރުސަތަކީ ޒުވާނުންނަށް ގެސްޓްހައުސްތަކުގެ ވެރިންނާއި ދާއިރާގެ ތަޖުރިބާކާރުންނަށް އެ ފަރާތްތަކުގެ ވިޔަފާރި އާއި އުފެއްދުން ހުށަހެޅުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްގެ ގޮތުގައި އެ ބެންކުން ސިފަކުރެ އެވެ.
އެމްއައިބީ ގެސްޓްހައުސް ސިމްޕޯސިއަމް އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހު ކްރޮސް ރޯޑްސްގައެވެ. މިއީ ރާއްޖޭގައި ގެސްޓްހައުސްތަކަށް ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.