02 މާޗް 2017 - 12:24

ފުޓްބޯޅަ ކްލަބްތަކަށް މާލީ އެހީތެރިކަންދޭން ސަރުކާރާއި އެފްއޭއެމް ގުޅިގެން ހަމަޖެއްސި ކުންފުނިތަކުން ގުޅޭނެ ކްލަބްތައް މިއަދު ގުރުއަތުން ނަގައިފި އެވެ.

ގަލޮޅު ދަނޑުގެ ވީއައިޕީ ބޮކްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގުރުނެގިއިރު ރާއްޖޭގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓަށް ލިބުނީ އެލައިޑް އިންޝުއަރެންސެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބް ގުޅިގެން ދިޔައީ މޯލްޑިވްސް ގޭސްއާ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާއާ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގުޅިގެން ދިޔައިރު، ކްލަބް އީގަލްސްގެ ސްޕޮންސަރަކަށް ހަމަޖެހިގެން ދިޔައީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި އެއާޕޯޯޓްސް ކޮމްޕެނީއާ ޓީސީ ސްޕޯޓްސް ކްލަބް ގުޅުނުއިރު، ކްލަބް ވެލެންސިއާ އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކުންފުންޏަކަށް ހަމަޖެހިގެން ދިޔައީ ފިއުލް ސަޕްލައި މޯލްޑިވްސް އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ޔުނައިޓެޑް ވިކްޓަރީ ގުޅުނުއިރު އަލަށް ވާދަކުރާ ގްރީން ސްޓްރީޓަށް ހަމަޖެހުނު ކުންފުންޏަކީ ގައުމީ އެއާލައިން މޯލްޑިވިއަން އެވެ.
މި ކުންފުނިތަކުން ކްލަބަަށް 2 މިލިއަން ރުފިޔާ ދޭނެ އެވެ. އަދި މާލޭ ލީގުން ޕްރިމިއާ ލީގަށް ހޮވިއްޖެ ނަމަ އިތުރު އެއް މިލިއަން ރުފިޔާ ދޭނެ އެވެ. އިތުރު ހަތަރު ކުންފުންޏަކުން މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް އަންނަ ހަތަރު ޓީމަށް ވެސް 1.5 މިލިއަން ރުފިޔާ ދޭން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ދެ ވަނަ ޑިވިޝަނުގެ 10 ޓީމަށް، އަދި ތިން ވަނަ ޑިވިޝަނުގެ ގަދަ ފަސް ޓީމަށް ވެސް ފައިސާ ދިނުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މިއީ ސަރުކާރުން ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިސް ނަންގަވައިގެން ކްލަބްތަކަށް މާލީ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކުރެއްވުމަށް ފެށިގެންދާ މުހިއްމު މަސައްކަތެއް ކަމަށެވެ.
މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާނު) ވިދާޅުވީ ކްލަބްތަކާ ކުންފުނިތައް ގުޅުވާލައި ކްލަބްތަކަށް މާލީ އެހީތެރިކަން ލިބޭނެ ގޮތެއް ހޯދައިދިނުމަކީ ރައީސް ޔާމީން ރިޔާސީ އިންތިހާބުގެ ދުވަސްވަރުން ފެށިގެން ގެންއުޅުއްވި ވިސްނުމެއް ކަމަށެވެ. އަދި އެފްއޭއެމަށް މިދިޔަ ދުވަސްތަކުގައި ތަފާތު މެނޭޖްމަންޓްތައް އަތުވެއްޖެ ކަމަށާއި މި މަސައްކަތް މި މެނޭޖްމަންޓުން ބާރު ސްޕީޑެއްގައި ގެންގޮސް ހަމަޖެއްސީތީ އެފަރާތަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ މީގެ ސަބަބުން ކްލަބްތަކަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި އަދި ކްލަބްތަކުގެ ހިންގުން ވެސް ހަރުދަނާ ވެގެންދާނެ ކަމަށެވެ.
ކްލަބްތަކާ ކުންފުނިތަކުގެ މެދުގައި އެއްބަސްވުމުގައި ސޮއިކުރުން އަންނަ ހަފުތާގައި ބާއްވާނެ އެވެ. އަދި ފައިސާ ދޫކުރާނެ ގޮތްތައް ކްލަބްތަކާއި ކުންފުނިތައް މަޝްވަރާކޮށްގެން ވަރަށް އަވަހަށް ނިންމާނެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިން ވިދާޅުވީ މި ކޮންޓްރެކްޓާ އެކު ކުންފުންޏާއި ކްލަބްތައް ފައިދާވާނެ ކަމަށާއި ހަމައެއާ އެކު މީގެ ސަބަބުން ކްލަބްތައް ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށެވެ. އެގޮތުން ސޮއިކުރާ ކޮންޓްރެކްޓުގެ ދަށުން ކްލަބްތަކުން ފުރިހަމަކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.
"ކޮންމެ ކްލަބެއްގައި ފުލް ޓައިމް ޖެނެރަލް ސެކްރެޓަރީއެއް ހުންނަން ޖެހޭ. ޔޫތު ޑިވެލޮޕްމަންޓަށް އިސްކަންދިނުމުގެ ގޮތުން ޒުވާން ދެ ޓީމެއް ގެންއުޅެން ޖެހޭ. ވިމެންސް ފުޓްބޯޅަ ޓީމެއް އޮންނަން ޖެހޭ. މީގެ ސަބަބުން ދިވެހި ކްލަބްތަކަށް ހަރުދަނާކަން އަންނާނެ،" ބައްސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކްލަބްތަކުގެ މަސައްކަތް ބަލައި މޮނިޓާކުރާނެ ކަމަށާއި އެގޮތުން ކޮންމެ ހަތަރަކު މަހަކުން ރިޕޯޓެއް އަދި އަހަރަކު އެއް ފަހަރު އޮޑިޓް ރިޕޯޓް އެފްއޭއެމާއި ކުންފުންޏަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
"ޝަތުރުކުރާ ބައެއް ކަންކަން ނުކޮށްފިއްޔާ ޕީނަލައިޒް (ފިޔަވަޅު އެޅޭނެ) ކުރެވޭނެ ނިޒާމެއް ވެސް އޮންނާނެ،" ބައްސާމް ވިދާޅުވި އެވެ.