29 ސެޕްޓެމްބަރ 2024 - 18:51

މީގެ ދެ އަހަރު ކުރިން ކުއްލި ގޮތަކަށް މަރުވެފައި އޮއްވައި ފެނުނު ވިޔަފާރިވެރިޔާ ހާޝިމް މުހައްމަދުގެ ވިޔަފާރީގެ ލިޔެކިޔުންތައް ފޯޖުކޮށްގެން އަމިއްލަ ނަމަށް ބަދަލުކޮށްފައިވާ ކަމަށް ކުރާ ތުހުމަތު އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލްޖަލީލް އިސްމާއިލް މިއަދު ދޮގު ކުރައްވައިފި އެވެ.

ހާޝިމްގެ ވިޔަފާރިތައް އަތުލާފައިވާ ކަމަށް ޖަލީލަށް ތުހުމަތުކުރާ މައްސަލަ ހާޝިމްގެ އާއިލާ އިން އޮތީ ފުލުސް އޮފީހަށް ހުށަހަޅައިފަ އެވެ. އޭގެ ތެރެއިން، ފޯޖަރީގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ހާޝިމްގެ މަރުގެ މައްސަލައިގެ ތަހުގީގު ނިމިފައި ވަނިކޮށް އާއިލާ އިން ހުށަހެޅި ކަންބޮޑުވުންތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުހުން މިއަދު ބުނެފައި ވެ އެވެ. އެކަމަކު، ހާޝިމްގެ މަރާއި ޖަލީލްއާ އެއްވެސް ވަރަކަށް ފުލުހުން ނުގުޅުވަ އެވެ. ފުލުހުން ބުނެފައި ވަނީ ހާޝިމްގެ މަރާ ގުޅިގެން އެއްވެސް މީހަކަށް ތުހުމަތު ނުކުރާ ކަމަށެވެ.
ހާޝިމްގެ ވިޔަފާރީގެ މައްޗަށް ޖަލީލް "އަތްގަދަކޮށްފައި" ވާ ކަމަށް ހާޝިމްގެ އާއިލާ އިން ދައްކާ ވާހަކަތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ޖަލީލް ވިދާޅުވީ، އޭނާ ކުރަމުން އަންނަނީ އަމިއްލަ ވިޔަފާރި ކަމަށާއި އޭގެ ތެރެއިން އެއްވެސް ވިޔަފާރިއަކާ ހާޝިމްއާ ގުޅުމެއް ނެތް ކަމަށެވެ. އަދި ފޯޖަރީގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏަސް އެއީ ވެސް އޭނާއާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ޖަލީލް ބުންޏެވެ.
މާލޭގައި، ހާޝިމްގެ ވިޔަފާރި ހިންގި ބައެއް ތަންތަން ދޫކޮށްލަން އުޅުމުން ކުއްޔަށް ނެގި ކަމަށާއި އެ ތަންތަނުގައި ވިޔަފާރިކުރަނީ އަމިއްލަ އަށް މުދާ ގެނެސްގެން ކަމަށް ޖަލީލް ވިދާޅުވި އެވެ.
ފުލުހުން ތަހުގީގުކުރާ ފޯޖަރީގެ މައްސަލައަކީ ވެސް ހާޝިމަށް ގާކޮށިން ކުއްޔަށް ދީފައި ހުރި ތަނެއް، އޭނާގެ ދަރިއަކު ދޫކޮށްލަން އެދި އިމާރާތުގެ ވެރިޔާ އަށް ފޮނުވި ސިޓީއެއްގެ މައްސަލަ ކަމަށް ޖަލީލް ވިދާޅުވި އެވެ.
"ފޯޖުކުރިއޭ ކިޔައިގެން މި ދައްކަނީ އަޅުގަނޑަށް ނިސްބަތްވާ ކަމެއް ނޫން. އަޅުގަނޑާ ބެހޭ ކަމެއް ނޫން،" ޖަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ސިޓީގައި ކުންފުނީގެ ތައްގަނޑު ޖަހައި، ހާޝިމްގެ ދަރިފުޅު ސޮއި ވެސް ކޮށްފައިވާ ކަމަށާއި ސިޓީ ދީފައި ވަނީ ވެސް އެތަނަށް ހާޝިމްގެ ދަރިފުޅު ގޮސްގެން ކަމަށެވެ. އެހެންވެ، ފޯޖަރީގެ ތުހުމަތު ޖަލީލް ކުރަނީ ހާޝިމްގެ ދަރިފުޅަށެވެ.
"ފޯޖު ސިޓީއެއް ކަމަށް ބުނެ މައްސަލަ ޖައްސާފައި ވަނީ އިމާރާތުގެ ވެރި ފަރާތަށް ހާޝިމްގެ ދަރިފުޅު ލިޔެ، ސޮއިކޮށްފައި އޭނާގެ ކޮމްޕެނީގެ ތައްގަނޑު ޖަހާފައި ގެންގޮސް ދިން ސިޓީއެއް. އިމާރާތުގެ ވެރިޔާ އަށް ސީދާ ގެންގޮސް ދެނީ އޭނާގެ ދަރި،" ޖަލީލު ވިދާޅުވި އެވެ.
"ވެރިފަރާތާ މިހާރު ވަނީ ސުވާލު ވެސް ކޮށްފައި ފުލުހުން. ވެރި ފަރާތުން ވަނީ އެއީ ފޯޖު ސިޓީއެއް ނޫން ކަމަށާއި އެ ސިޓީ ގެނެސްދިނީ ވެސް އޭނާގެ ދަރިފުޅު ކަމަށް ބުނެ ބަޔާން ދީފައި. އެހެން އޮތް ކަމެއްގައި އަޅުގަނޑަށް ނިސްބަތްކޮށްގެން އަޅުގަނޑު ފޯޖު ލިޔެކިޔުން ހުށަހެޅީއޭ ކިޔައިގެން މީޑިއާތަކުގައި ލިޔެފައި އޮތީ. އެއީ ކަންބޮޑުވާ ކަމެއް."
މިފަހުން ޖަލީލް ފިހާރައެއްގެ ތެރޭގައި ހުއްޓައި ހާޝިމްގެ އާއިލާގެ ބަޔަކު އޭނާއާ ދިމާކޮށްލައި ވީޑިއޯތަކެއް އާއްމުކޮށްފައިވެ އެވެ.
އެކަމަށް ރައްދު ދެއްވައި ޖަލީލް ވިދާޅުވީ އާއިލާގެ މީހުން ފިހާރަ ތެރެއަށް ދިޔައީ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އަދި މީޑިއާގެ މީހުން ގޮވައިގެން އެތަނަށް ދިޔައީ އޭނާގެ އަތުގައި އެގްރީމެންޓެއް ނެތް ކަމަށް ބުނެ ކަމަށެވެ.
ޖަލީލް ވިދާޅުވި ގޮތުގައި އެ މީހުން އެތަނަށް ގޮސް ވަނީ އޭނާގެ މުދަލަށް ވެސް ގެއްލުންދީފަ އެެވެ.
ހާޝިމްގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި ޖަލީލް ހިންގާ ވިޔަފާރިތަކަކީ ނަން ބަދަލުކޮށްގެން ހިންގަމުން އަންނަ، ހާޝިމްގެ ވިޔަފާރިތަކެވެ. މިއީ ވެސް ހަގީގީ ވާހަކައެއް ނޫން ކަމަށް ޖަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިޔަފާރިތައް އޭނާ ގަތީ ނޫން ކަމަށާއި ހާޝިމް ކުރިން ކުއްޔަށް ނަގާފައި ހުރި ތަން ހުސްވި ދަނޑިވަޅުގައި އެތަން ކުއްޔަށް ނަގައިގެން ވިޔަފާރިއެއް ފެށީ ކަމަށެވެ.
"ވިޔަފާރިތައް ގަތީއެއް ނޫން. އަޅުގަނޑުގެ ވިޔަފާރިއަކީ ހާޝިމްގެ ވިޔަފާރިއާ ގުޅުމެއް ނެތް ވަކި ވިޔަފާރިތަކެއް. އެތަނުގައި އަޅުގަނޑު ވިޔަފާރި ކުރަނީ. އަޅުގަނޑުގެ ލާރި ހަރަދު ކޮށްގެން އަޅުގަނޑު ގަނެފައި ހުރި މުދަލުގައި މި ވިޔަފާރި ކުރަނީ. އެގޮތަށް ނުވާނީ އެންމެ ތަނެއް. އެއީ ގާކޮށީގައި ޕާކިސްތާނު މީހަކު އިންވެސްޓް ކޮށްފައި އިން ތަނެއް. އަޅުގަނޑު ލީގަލް ބޮންޑެއްގެ ދަށުން އޭނާއާ އެކީ ވިޔަފާރި ކުރަން ފެށީ،" އޭނާ ވިދާޅުވި އެވެ.
ހާޝިމްގެ އާއިލާ އިން ތުހުމަތުކުރާ ގޮތުގައި، ވިޔަފާރިތައް އަތުލުމަކީ ކުރިން އެ ވިޔަފާރީގައި އުޅުނު ބިދޭސީމީހާއާ ގުޅިގެން ޖަލީލް ހިންގި ޖަރީމާއެކެވެ.
އެކަމަށް ވެސް ރައްދު ދެއްވަމުން ޖަލީލް ވިދާޅުވީ އެ ބިދޭސީ މީހާ ރާއްޖެ ގެނައީ އޭނާ ކަމަށް ވެފައި، ހާޝިމްގެ ވިޔަފާރީގައި މަަސައްކަތްކުރުމުގެ ކުރިން ވެސް، އެ ބިދޭސީ މީހާއާ ގުޅުން އޮންނަ ކަމަށެވެ.
ހާޝިމްގެ ވިޔަފާރި ހިންގީ ހާޝިމާއި އަދި ފަހުން އޭނާގެ ވާރިސުންގެ ބެލުމުގެ ދަށުން އެ ބިދޭސީ މީހާގެ އިރުޝާދާ އެކުގަ އެވެ.
ޖަލީލް ވިދާޅުވި ގޮތުގައި އެ މީހުން ވިޔަފާރި ކުރަމުންދިޔަ ތަން ދޫކޮށްލަން އުޅޭކަން އެނގުނީ ވެސް އެ ބިދޭސީ މީހާގެ ފަރާތުންނެވެ. އެހެންވެ، އެ އިމާރާތްތައް ކުއްޔަށް ނަގައި އެތަނުގައި އަމިއްލަ ނަމުގައި ވިޔަފާރި ފެށީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލީލާއި ހާޝިމްގެ އާއިލާގެ ދެމެދު ދެބަސްވުން ބޮޑުވެފައިވާ މި މައްސަލާގައި ފުލުހުން އިރުޝާދު ދީފައި ވަނީ މުދަލާއި ގޯތި ގެދޮރުގެ މައްސަލަ ސިވިލް ކޯޓު މެދުވެރިކޮށް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު، ހާޝިމްގެ މަރާ ގުޅިގެން އާއިލާ އިން މި ފަހުން ހުށަހެޅި ކަންބޮޑުވުންތައް ވަނީ ތަހުގީގު ކުރަމުންނެވެ.