29 ސެޕްޓެމްބަރ 2024 - 06:48

(ބުދަ ދުވަހާ ގުޅޭ)
"ޒަލަފް ވެސް ޖޮބެއް ހޯދަންވީނު؟" އަހަންނަށް ބުނެވުނީ ބުނަން ނުވާ ވަރުގެ އެއްޗެކެވެ.
"ކޮބާ ތީގެ މާނައަކީ؟" ވަރަށް ހިތްހަމަނުޖެހިފައި ޒަލަފް ބުންޏެވެ. "އިރުއިރުކޮޅާ ތިހެން ކިއީމަ ހީވަނީ އަހަރެން އުޅެނީ ދީމާ އަށް ލިބޭ އެއްޗަކުންނޭ! މީ ދީމާގެ ގެޔޭ!"
"އިރުއިރުކޮޅާއޭ؟" އަހަންނަށް ބުނެވުނެވެ. "ފުރަތަމަ ފަހަރަށް މި ބުނީ."
"އެއްފަހަރު ވެސް ބުނެގެން ނުވާނެ،" ޖީބުން ވޮލެޓު ނަގަމުން ޒަލަފް ބުންޏެވެ. "މީގެ ކުރިން ވެސް ތި މާނަ ދޭހަވާ ގޮތަށް އެއްޗެއް ނުބުނާ ދުވަހެއް ނުދޭ! އަހަރެން ދެން ޖޮބަށް ނުދިޔަސް ހެޔޮހޭ؟ އަހަރެން ރިޓަޔަރ ކޮށްފިއްޔާ ދެން ވާނީ ކިހިނެއްހޭ؟ ކީކޭ މި ބުނެވެނީ؟ ދީމާ ހީކުރީ އަހަންނާ މެރީ ކުރާނެ މީހަކު ނުވާނޭ؟ ތި ކަހަލަ ދީމާތައް ބައިވަރު."
އަހަރެންގެ ކޭޝްކާޑު ނަގައިފައި އަހަންނާ ދިމާއަށް އެއްލާފައި ޒަލަފް ހިނގައިގަތެވެ. އަހަރެންގެ ހިތް ނިކަން ބާރަށް ތެޅިގަތެވެ. ޒަލަފްގެ އަތުގައި ހިފެހެއްޓީމެވެ. އަހަރެން ވަރި ކޮށްފިއްޔާ ދާނީ ކޮން ތާކަށް ހެއްޔެވެ؟ އެ ބިރުވެރި ސުވާލު އަހަރެންގެ ސިކުނޑީގައި އެނބުރިގަތެވެ. ކޭޝްކާޑު ނަގާފައި ޒަލަފަށް ދިނީމެވެ. ހިބައިން އެއްޗެއް ދޭ އުސޫލުންނެވެ.
"ސޮރީސޮރީ!" އަހަރެން ބުނީމެވެ. "މީނަޔާ ނޯންނާނެ ސަމާސައެއް ވެސް ކޮށްލެވޭކަށް. މީގެ ފަހުން މޫދު ކުލާސް ކެންސަލު. އޯކޭއެއްނު! މި ދަނީ ސެލަޑް ރެޑީކުރަން."
މައްސަލަ އަބަދު ވެސް ނިމޭނީ އަހަރެން ކުށްވެރި ވެގެންނެވެ. މާފަށް އެދޭނީ ވެސް އަހަންނެވެ. ޒަލަފަށް ހީވެދާނެއެވެ. އަހަރެން ހިތުގެއަޑިން ކުށް ގަބޫލު ކުރަނީއެވެ. ނޫނެކެވެ. އަހަރެން ކުށެއް ނުކުރަމެވެ. ޒަލަފް މާ ބޮޑަށް ކަންނެތީއެވެ. އޭނަ ބޭނުންވަނީ ހިހޫތަނުން ކައިގެން އުޅޭށެވެ. އަހަރެން ގަބޫލުކުރަނީ އެހެންނެވެ. ވަރި ކޮށްލަފާނެތީ، ގޮސް ވަންނާނެ ތަނެއް ނެތީމައި ފިރިމީހާ ޖަހާހައި ބެރަކަށް އަހަރެން ނަށަނީއެވެ. މަންމަން ވެގެން ހުންނަނީއެވެ.
ޒަލަފްގެ އާއިލާގައި އެންމެ ދޮށްޓަށް ހުންނަނީ އަންހެނެކެވެ. ދެވަނައަށް ފިރިހެނެކެވެ. ދެން ޒަލަފްއެވެ. އެ އަށް ފަހު ދެ އަންހެން ކޮއްކޮއެވެ. ކަމެއް ދިމާވެގެން ބޭބެއަކަށް ނާދެވުނެވެ. ދެން ތިބި އެންމެން ކެއުމަށް އައެވެ. އިނދެގެން އުޅޭ މީހުންގެ ފިރިންނާއި، ދަރިން ތިބި މީހުންގެ ދަރިން ވެސް އައެވެ. އެޕާޓުމަންޓުގައި ތިނޯހެއް ޖައްސައިލާނެ ތަންކޮޅެއް ވެސް ނެތެވެ. އެކަކު ވެސް އަހަންނަށް އެހީވާކަށް ނާދެއެވެ. ތަށިމަތި އާކޮށް، ހުރިހައި ތަށްޓެއް ދޮވުނީ ވެސް އަހަރެން އެކަނިމާ އެކަންޏެވެ. އެކަކުގެ ދަރިފުޅުގެ އުފަންދުވަސް އަންނާތީ ޕާޓީ ބާއްވަން ޒަލަފް އަށް ސަތޭކަ ރުފިޔާ ދިނެވެ. އެންމެން ޓެކުސީގައި އައުމުން އެ މީހުން އައުމުގެ ހަރަދާއި ދިޔުމުގެ ހަރަދު ވެސް ދިނީ ޒަލަފެވެ. ފައިސާތައް ދެ އަތުން ނަގައި އުކީއެވެ. އަހަރެން ފެންނަ ކަމަށް ވެސް ނަހަދަމެވެ. އެހެނަސް ވަރަށް އެއްޗެހި ހިތަށް އެރިއެވެ. މީހަކަށް އެއްޗެއް ދީގެނެއް ނޫނެވެ. އަހަރެން މޫދު ކުލާހަށް ދިޔުން އެއީ ޒަލަފަށް ބޭކާރު ހަރަދަކަށް ވީމައެވެ.
ޒަލަފަކީ ރައްޓެހިންނާ އެކުގައި ހޮޓާތަކަށް ވަންނަ މީހެކެވެ. ހެނދުނު ގެއިން ވަރަށް ގަދަޔަށް ސައިބޯނެއެވެ. ރޭގަނޑު ވެސް ކާނީ ގެއިންނެވެ. އެހެން ގަޑިތަކުގައި ގެއިން ކާނީ މަދު ފަހަރަކުއެވެ. އެ ފަހަރަކުތަކުގައި މޭޒުމަތި ފަޅުފިލަން ޖެހޭނެއެވެ. ބޭސްކާ ގަޑިތަކުގައި އަހަރެން ރަނގަޅަށް ކަމެވެ. އެހެން ގަޑިތަކުގައި ހުންނަނީ ބަނޑަށެވެ. ބޭސް ދަށްކުރެވޭތޯއެވެ. ދޭތެރެއަކުން ފަލަވެއެވެ. ދޭތެރެއަކުން ހިކެއެވެ. އަހަރެންނަށް ކިހައި ނުކެވޭ ކަމާއި، ޒަލަފަށް ބޭނުން އެއްޗެއް ކެވޭކަން ދައްކައިލަން ޒަލަފް ބޭނުންވެއެވެ. ޒަލަފްގެ އަސްލު މަގުސަދަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގެއެވެ. ކޮންމެ ކަމަކާ ވެސް ވާދަކޮށް، އަހަރެންނަށް ވުރެ މޮޅުކަން ސާބިތުކުރުމަކީ ޒަލަފަށް ލިބޭ ހިތްހަމަޖެހުމެކެވެ.
އޮފީހަށް އައިސް، ބަލި ގޮތަކަށް އަހަރެން ގޮނޑީގައި އިށީނީމެވެ. ކައިރީގައި އިން ނަބާހާ ޗުސްކަނޑަން ފެށިއެވެ. އަދި އަހަންނަށް ފޯނު ދައްކައިލިއެވެ.
"ތީ ކޯޗެއް؟" ފޯނަށް ނުވެސް ބަލައި އަހަރެން ބުނީމެވެ.
"ކޯޗުގެ އިންސްޓަގްރާމް ޕޭޖު،" ޝައުގުވެރިކަމާ އެކުގައި ނަބާހާ ބުންޏެވެ. "އޭނައަކީ، މަސާޖުކުރާ މީހެއް. ތަދުކަނޑުވައިދޭ މީހެއް. ފިއްތާ މީހެއް. ފިޒިޔޯހަދަން ވެސް މީހުން އެ ގެއަށް ދާނެ. ދާންވީނު؟"
"ނަބާހާ ގޮސްލާ!" ސަމާސާ މޫޑެއްގައި އަހަރެން ބުނެލީމެވެ. "އަހަރެން ދާ ތަނާ ހިތަށް ފިއްތާލައިފިއްޔާޔޯ؟"
"ތިހެންވެގެނޭ ޒަލަފް އެ އުޅެނީ ދީމާ އޮބިއަޅައިގެން،" ނަބާހާ ފޯނުން ކޯޗުގެ ފޮޓޯއެއް ދައްކާލަމުން ބުންޏެވެ.
"މިހިރީ މީނަ ހުންނަ ގޮތް. ކޮންމެ ފިރިއަކު ވެސް ބިރުގަންނާނެ. އެކަމަކު އަހަރެން ހިތަށް އަރާ ދީމާ ދެކެ ޒަލަފް ލޯބިވޭބާއޭ؟"
"އާނ! ލޯބިވާތީއެއްނު ޗޭނުޖަހައިގެން އަހަރެން ގެންގުޅެނީ." ކަން އޮތީ އެހެން ނޫންކަން އެނގި ހުރެ އަހަރެން ބުނީމެވެ.
"ކޮން ތާކު؟" ނަބާހާ ބުނެލިއެވެ. "ކޭޝްކާޑު ގެއްލިދާނެތީ އޭނަ ބިރުގަންނަނީ."
އަހަރެން ފުން ނޭވައެއް ބޭރުކޮށްލީމެވެ. ކޮންމެހެން ނަބާހާ ބުނި އެއްޗަކަށް ވިސްނައިފައެއް ނޫނެވެ. އޭނަ އާ ވާހަކައެއް ނުދައްކައެވެ. އަހަރެން އުޅުނީ ފުންކޮށް ނޭވާލީމައި މެޔާ ދިމާއިން ތަދެއް އަރާތީއެވެ.
"މިއަދު މި ތަދު ދާކަށް ވެސް ނޫޅުނު." އަހަންނަށް ބުނެވުނެވެ.
ނަބާހާ އެއްޗެއް ނުބުނެއެވެ. ފޯނާ ކުޅެން އިނީއެވެ. ކުއްލިއަކަށް އަހަރެން ކަންފަތުގައި ފޯނު ޖައްސައިލިއެވެ.
"ވާ ގޮތް ކިޔައިދީ!" ނަބާހާ ބުންޏެވެ.
"ކާކަށް ތި ގުޅީ؟" ފޯނު ދުރުކޮށްލަމުން އަހަރެން ބުނީމެވެ.
"ސާބަހޭ! ކޯޗަށޭ މި ގުޅީ،" އަނެއްކާ ވެސް ކަންފަތުގައި ފޯނުޖައްސަމުން ނަބާހާ ބުންޏެވެ. "ކިޔައިދީބަލަ!"
އޭރު ކޯޗު ވާހަކަ ދައްކަން ފަށައިފިއެވެ. ނަބާހާ ގަދަކަމުން އަހަރެންގެ އަތަށް ފޯނުދީފިއެވެ.
"ކިހިނެކޭ ވަނީ؟" ކޯޗު އެހިއެވެ.
"މީ ދެން އެ ވަރު ކަމެއް ވެސް ނޫނޭ!" އަހަރެން އުޅުނީ އެހެން ބުނެފައި ފޯނު ކަނޑައިލާށެވެ.
"އެއްވެސް ކަމެއް އެއީ ކުޑަކަމެކޭ ހީނުކުރައްޗޭ!" ކޯޗު ފިލާވަޅެއް ނަގައިދިނެވެ.
"ބޮޑެތި ކަންކަން ދިމާވުމުގެ ކުރިން ފުރަތަމަ ފެންނާނީ ކުދިކުދި އަލާމާތް. ސްޓްރޯކް، ހާޓްއެޓޭކް ޖެހުމުގެ ކުރިން، ވަރަށް ގިނަ ފަހަރަށް އިންޒާރު ދޭނެ. މީހުންނަށް އެ ކަން ނޭނގޭތީ މައްސަލައަކީ. މިސާލަކަށް ބަލަމާހިނގާ މޫނު، އަތްފައި، ބޮޑީގެ އެއް ފަޅި އައްސިވަނީޔޯ. ވާހަކަ ދައްކަން އުނދަގޫވަނީ ނޫނީ އެެހެން މީހުން ދައްކާ ވާހަކަ އޮޅުން ނުފިލަނީ. މަންޒަރު ފުސްވަނީ. މީހާ ބެލެންސް ނުވަނީ. އެނބުރުން އަރަނީ. ކުއްލިއަކަށް ބޮލުގަ ރިއްސައިލަނީ. ނޭވާލާން އުނދަގޫވަނީ. މޭނުބައިކުރުން، އުކުނޑިކޮށްޓަން ފެށި ގޮތަށް ރަނގަޅު ނުވުން. މީގެ ތެރެއިން ކަމެއް ވަންޏާ، އަޅާނުލާ ވެސް ހުރެވިދާނެ އެކަމަކު އެއީ ސްޓްރޯކެއް ޖެހެން އުޅޭ ކަމުގެ އަލާމާތަކަށް ވެސް ވެދާނެ. ޖެހޭނެ ސީރިޔަސް ވާން."
ކޯޗު އަހަރެން ބިރުގަންނަވައިލިއެވެ. ވާ ގޮތް ކިޔައިދޭން އަހަންނަށް މަޖުބޫރުވިއެވެ.
"އަހަންނަކީ ޕްރޮފެސަރެއް ނޫން،" އަހަރެންގެ ވާހަކަ އަޑުއަހާފައި ކޯޗު ބުންޏެވެ. "ޑޮކްޓަރެއް ވެސް ނޫން. އެކަމަކު އަހަރެން ކިޔެވި އެއްޗެހި ބުނަނީ، ދިމް ކުޑަކޮށް ބޭރުތެރެއަށް ނުކުމެލާ، ރައްޓެހިންނާ ވާހަކަ ދައްކާލާ ހަދާށޭ! މޫދު ކައިރިއަށް ގޮސްލާ، ހިތްހަމަޖެހޭ އެއްޗެއް އަޑުއަހާލާ، ކިޔާލާ ހަދާށޭ! ހުންނާނެތާ ހޮބީ ވެސް. ފެހުން، މާޖެހުން، ގަސްހެއްދުން މިހިރީ ކުރެވޭނެ ކަންކަން. ދިމްގެ ލައިފަށް އެބަ ޖެހޭ ސްޕައިސްކޮޅެއް އަޅައިލަން."
ކޯޗު ދެއްކި ވާހަކައަށް ވުރެ ބޮަޑަށް އަހަންނަށް ވިސްނުނީ، ނުބުނެ ދޫކޮށްލި ވާހަކައަށެވެ. އަހަރެން ޑިޕްރެޝަންގެ ޝިކާރައަކަށްވީ އެވެ. ކޯޗު ބުނެދިނީ އޭގެ ހައްލެވެ. ފަރުވާއެވެ.
ރޭގަނޑުގެ ވަގުތެވެ. ޒަލަފަށް ސްޕެގެޓީ ހަދައި ނިންމައިލި ތަނާ ދަރިފުޅު އައެވެ. ގަޑިން އޭރު އަށްގަޑި ބައިވަނީއެވެ.
"މަންމަ ބޭނުންވެގެން އުޅުނު ކުލައިގެ ބުރުގާއެއް ފެނިފަ މި އޮތީ،" ކޮތަޅު ދެމުން ހައިފާ ބުންޏެވެ. "އެކަމަކު އަހަންނަށް ޔަގީން ބްލެކް ނޫން އެއްޗެއް ބައްޕައަށް އޯކޭ ނުވާނެކަން. ކޯޗެއް ތި ހަދަނީ؟"
އަހަރެން ކޮތަޅު ބަލައިލި އިރު އެއީ ހަމަ އަހަރެން ބޭނުންވި ކުލައެވެ.
"މަންމަގެ ފޭވަރިޓް ސްޕެގެޓީ ހަދައިލީ!" ތެލީގެ މަތިޖަހައި، އުނދުން ނިއްވައިލަމުން އަހަރެން ބުނީމެވެ.
"ބައްޕަ މިރޭ ކާނީ މަންމަގެ ފޭވަރިޓޯ ބުނީ."
"ރިއަލީ މަންމާ؟" އަހަރެން ދެއްކި ވާހަކަތައް ކިހައި ގަބޫލު ނުކުރެވޭކަން ދޭހަވާ ކަހަލަ ރާގެއްގައި ހައިފާ ބުންޏެވެ. "މަންމަ ކޮން އިރަކު ސްޕެގެޓީ ކެއީ؟ ތި ވާނީ ބައްޕަގެ އޯޑަރަކަށް. ތި ކާން ބައްޕަ ގެއަށް އަޔަސް ރަނގަޅު."
"އާދެބަލަ މި ތާ އިށީންނަން،" ދަރިފުޅު ގެނެސް ސޯފާގައި ބައިންދަމުން އަހަރެން ބުނީމެވެ. "ކީއްވެ ކުރީ ރޭ ކާން ނައީ؟"
"މަ ބޭނުމެއް ނޫން ބައްޕަ ފެމެލީ އަންނަ ތާކަށް އަންނާކަށް،" ފޫހި ރާގެއްގައި ހައިފާ ބުންޏެވެ. "ބަލާބަލަ މިޔޮއް ގެއެއް. ހީވަނީ ސިމެޓްރީއެއް ހެން. މުޅި ގެ މި އޮންނަނީ މަރުވެފަ. މަންމަ އަށް އެނގޭތަ މަންމަގެ ފޭސް މިހާރު ކިހާ ހަޑިވެއްޖެކަން؟ ހިނގާބަލަ ފޭޝަލް ހަދަން. އަހަންނޭ ޕޭކުރާނީ. އޭރުން މައްސަލައެއް ނުޖެހޭނެއްނު."
"ލާރި އެބަ ހުއްޓޭ ދަރިފުޅާ!" އޯގާތެރިކަމާ އެކުގައި އަހަރެން ބުނީމެވެ. "އެކަމަކު ބައްޕަ އެހާ ހިތްހަމަނުޖެހޭ ކަމެއް ކުރާކަށް ނުވާނެއްނު. ބައްޕަ ވެސް އެ ބުނަނީ ދޮގެއް ނޫނޭ! މަންމަ މިހާރު މުސްކުޅިވެއްޖެ! މިހާރު ދެން ކީއްކުރަން ހަދާ ފޭޝަލްއެއް؟ މަންމައަށް ބަލަން ހުންނާނީ ބައްޕަ އެކަނި. ކޮންމެ ގޮތަކަށް މަންމަ ހުއްޓަސް ބައްޕަ ލޯބިވޭ!"
"ރިއަލީ މަންމާ؟" ހައިފާ ތެދުވަމުން ބުންޏެވެ. "އެ އިވެނީ ޓްރެފިކް ބްލޮކްވެގެން އުޅޭ އަޑު."
ހައިފާ އެހެން ބުނި އިރު އޭނަގެ ފިރިމީހާ ގުޅައިފިއެވެ.
"އަންނާނަން ފަހުން،" ނުކުންނަމުން ހައިފާ ބުންޏެވެ. "މިހާރު ދެން އެ ހެދުން ނުލާން އެކްސްގިއުޒެއް ނުދެއްކޭނެ އިނގޭ!"
"ހޫނހޫނ! ލާނަމޭ! ފޮޓޯ ވެސް ފޮނުވާނަން." އަހަރެން ބުނީމެވެ.
ހައިފާ ދިޔަތާ މާ ގިނަ އިރެއް ނުވެ ޒަލަފް ވަނެވެ. ވަން އިރު ވެސް އޭނަ ހުރީ ފާޑަކަށެވެ.
"ހިނގާ ކާން!" އަހަރެން ބުނީމެވެ.
ސޯފާއަށް ވެއްޓިގަތުމާ އެކު ޒަލަފްގެ ލޮލުގައި ކޮތަޅު އަޅައިގަތެވެ. އެތެރެ ބަލައިލިއެވެ.
"ހައިފާ ގެނައި އެއްޗެއް ދޯ މީ؟" އަތަށް ކޮތަޅު ބޮނޑިކޮށްލައިފައި ތެދުވަމުން ޒަލަފް ބުންޏެވެ. "މަ ހާދަހާ ފޫހިވާ ކުލައެކޭ މީ." (ނުނިމޭ)