ސިފައިންނަށް ވޯޓު ލެވިގެން ނުވާނެ، ނާޖައިޒު ފައިދާ ހޯދާކަށް ނޫޅެން: ޕީޕީއެމް
ސިފައިންނަށް ވޯޓު ލެވިގެން ނުވާނެ، ނާޖައިޒު ފައިދާ ހޯދާކަށް ނޫޅެން: ޕީޕީއެމް

ސިފައިންނަށް އިންތިޚާބުތަކުގައި ވޯޓު ނުލެވޭ ގޮތަށް ސިފައިންގެ ގާނޫނު އިސްލާހު ކުރުމަށް ތާއީދު ކުރާ ކަމަށާއި ސިފައިންގެ ފަރާތުން ނާޖައިޒު ފައިދާ ހޯދަން ބޭނުން ނުވާ ކަމަށް ވެރިކަން ކުރާ ޕީޕީއެމުން މިއަދު ބުނެފި އެވެ.

ސިފައިންނަށް ވޯޓު ލެވިގެން ނުވާނެ، ނާޖައިޒު ފައިދާ ހޯދާކަށް ނޫޅެން: ޕީޕީއެމް
ސިފައިންނަށް ވޯޓު ލެވިގެން ނުވާނެ، ނާޖައިޒު ފައިދާ ހޯދާކަށް ނޫޅެން: ޕީޕީއެމް

ޕީޕީއެމުން ބޭއްވި ނިއުސް ބްރީފިންއެއްގައި އެ ޕާޓީން ފާހަގަކުރި ގޮތުގައި، ސިފައިންނަށް ވޯޓު ލެވޭ ގޮތަށް އޮތުމަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް އެންމެ ފައިދާވާނެ ގޮތެވެ. އެކަމަކު އޭގެ ފައިދާ އާއި މަންފާ ނަންގަވަން ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅު ނުވާ ކަމަށާއި އޭގެ ބަދަލުގައި އެމަނިކުފާނުގެ މަގުސަދަކީ ސިފައިންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމް ކުރެއްވުން ކަމަށް ޕީޕީއެމުން ބުންޏެވެ.

ސިފައިންނަށް ވޯޓު ލެވިގެން ނުވާނެ، ނާޖައިޒު ފައިދާ ހޯދާކަށް ނޫޅެން: ޕީޕީއެމް
ސިފައިންނަށް ވޯޓު ލެވިގެން ނުވާނެ، ނާޖައިޒު ފައިދާ ހޯދާކަށް ނޫޅެން: ޕީޕީއެމް

ސިފައިންގެ ގާނޫނުގެ 20 ވަނަ މާއްދާ އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ވާހަކަތައް ދިފާއުކޮށް، ޕީޕީއެމުން ވަނީ ސަރުކާރުން ފޮނުވާ އެ އިސްލާހު މަޖިލީހަށް ހުށަހެޅިހާ އަވަހަކަށް ފާސްކުރާނެ ކަމުގެ ޔަގީންކަން މިއަދު ދީފަ އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމްގެ އޮފީސް ހިންގާ ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިފައިންނަށް ވޯޓު ނުލެވޭ ގޮތް ހަދައިފިނަމަ، ސިޔާސީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބޭނީ ޕީޕީއެމަށް ކަމަށެވެ.

ސިފައިންނަށް ވޯޓުލެވޭ ގޮތަށް އޮތުމަކީ ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ވެއްދުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން އެއްކިބާވެފައި އޮތް ބަޔަކަށް [ސިފައިން] ހެދިއްޖެނަމަ، ގައުމަށް ފައިދާ އެބައޮތް. ގައުމުގެ އަމާންކަމާއި އޮމާންކަން ދެމެހެއްޓުމަށް އިތުރަށް މަގުފަހި ވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސިފައިންނަކީ ގައުމުގެ މަސްލަހަތާއި އިސްތިގުލާލް ރައްކާތެރިކޮށް ދިނުމަށް ހުވާ ކޮށްގެން ތިބި ބަޔަކަށް ވާއިރު، އެ މީހުންގެ ފަރާތުން ނާޖައިޒު ފައިދާ ހޯދަން ބޭނުމެއް ނުވެ އެވެ. ނަމަވެސް ސިޔާސީ ކަންކަމުގައި ސިފައިން މީގެ ކުރިން ބައިވެރިވެފައިވާކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވިދާޅުވި ގޮތުގައި އެއިރެއްގައި އޮންނަ ސަރުކާރަކުން އިންތިހާބުތަކުގައި ސިފައިންނާއި ފުލުހުންނަށް ވޯޓު ލެވޭ ގޮތަށް އޮތުމަށް ބޭނުންވާނެ އެވެ. އަދި ވަކި ބަޔަކަށް ވޯޓު ނުލެވޭ ގޮތަށް އޮތުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް ކަމަށް ވެސް ނިހާން ފާހަގަކުރެއްވި އެވެ. ނަމަވެސް ސިފައިންގެ ފަރާތުން އޭގެ ނާޖައިޒު ފައިދާ ނަގަން ރައީސް ޔާމީން ސަރުކާރުން ބޭނުން ނުވާ ކަމަށް ނިހާނު ވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު ވިދާޅުވީ ރައްޔިތުންނަށް މިވަގުތު އެންމެ ބޮޑަށް ދަތިވެފައިވާ އެއްކަމަކީ ބޯހިޔާވަހިކަން ނުލިބުން ކަމަށް ވާއިރު، ސިފައިންނާއި ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ސިފައިންނާއި ފުލުހުންގެ ތެރޭގައި ގިނަ ވާނީ ޕީޕީއެމަށް ތާއީދު ކުރާ މީހުން ކަމަށެވެ. އިދިކޮޅު އެމްޑީޕީ އަކީ ރާއްޖެ ފަނާ ކުރާ ފިކުރަކަށް ވާތީ، އެ ޕާޓީއާ ގުޅިގެން ތިބީ މަދު އަދަދެއްގެ ސިފައިންނާއި ފުލުހުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވަކި ބައެއްގެ ހައްގު ނިގުޅައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކުރެއްވި އެވެ.

"އަޅުގަނޑުމެންނަށް ސިފައިންނާއި ފުލުހުންގެ ތެރޭގައި އެންމެ ބޮޑު ތާއީދެއް އޮތީ. މި ދެންނެވީ ގައުމު ބިނާ ކުރުވަނިވި ފިކުރުގައި ތިބި މީހުންނަށް ވޯޓު ނުލެވޭ ގޮތަށް ހަދައިގެން ގެއްލުމެއް ވާނަމަ، އެކަން ވާނީ އަޅުގަނޑުމެންނަށް. އެކަމަކު ގައުމީ މަސްލަހަތުގައި މިކަން ކުރަން މިތިބީ ތައްޔާރަށް،" އާރިފް ވިދާޅުވި އެވެ.

ސަލާމަތީ ބާރުތަކުން ސިޔާސީ ހަރަކާތްތަކުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ނުވަތަ މަސައްކަތްތެރިންގެ ޖަމިއްޔާއެއްގައި ބައިވެރިވެގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"މުޅި ގާނޫނުއަސާސީ ކިޔަން ވާނީ އެއްކޮށް. ވަކި ތަންތަކޮޅު އެކަންޏެއް ނޫން. މުޅި ގާނޫނުއަސާސީގެ ރޫހަށް ބަލައިގެން އެ މާނަ ކުރަން ޖެހޭނީ،" ސަރުކާރުގެ ނިންމުން ދިފާއު ކުރައްވަމުން އާރިފް ވިދާޅުވި އެވެ.

ޕީޕީއެމުން ބުނި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސިފައިން ސިޔާސީ ކަންކަމުގެ ތެރެއަށް ވައްދައިގެން، ގައުމުގެ ހަމަޖެހުން ނަގައިލުމަށެވެ. ޕީޕީއެމުން އެކަމަށް ފުރުސަތު ނުދޭނެ ކަމަށާއި ވަކި ފަރާތަކަށް ނުޖެހި ސިފައިން މަސައްކަތް ކުރުމުގެ އަމާޒަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްއެންޑީއެފްގެ 12 ވަނަ ހެވިކަމުގެ މުބާރަތް ފެށުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ވިދާޅުވީ ސިފައިންގެ ގާނޫނުގައި ބުނާ 20 ވަނަ މާއްދާ އުވާލަން މަޖިލީހަށް ހުށަހަޅަން ނިންމީ ސިފައިންނަކީ ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ ގައުމަށް ހިދުމަތް ކުރުމަށް ހާއްސަވެގެން ތިބޭ ބަޔަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް ސަރުކާރުގެ މި ނިންމުމަށް އިދިކޮޅު ފަރާތްތަކުންނާއި ބައެއް ވަކީލުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.