26 ސެޕްޓެމްބަރ 2024 - 09:39

އެފްއޭއެމްގެ ދަރަނީގެ މައްސަލަތައް ހައްލުކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް ފީފާގެ ޓީމުގެ އެހީގައި ނޯމަލައިޒޭޝަން ކޮމިޓީން މަސައްކަތް ފަށައިފި އެވެ.

އެފްއޭއެމް އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތުގައި ނޯމަލައިޒޭޝަން ކޮމިޓީ އަށް އެހީވުމަށް، ފީފާއިން ވަނީ ރާއްޖެ އަށް ވަފުދެއް ފޮނުވައިފަ އެވެ.

ފައިނޭންސް ދާއިރާގެ ތަޖުރިބާކާރުންނާއި އޮޑިޓަރުން ވެސް ހިމެނޭ ވަފުދުން ވަނީ ރަސްމީ ބައެއް އިދާރާތަކާ ބައްދަލު ކޮށްފަ އެވެ.
ނޯމަލައިޒޭޝަން ކޮމިޓީ އަށް ފީފާއިން ހަވާލު ކުރި މަސްއޫލިއްޔަތުތަކުގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ އެފްއޭއެމުން ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާއި އެ އެސޯސިއޭޝަނުގެ ދަރަނީގެ މައްސަލައަށް ހައްލެއް ހޯދުމެވެ.
ދަރަނީގެ މައްސަލަ ހައްލު ހޯދުމަށް ފީފާގެ ޓީމުގެ އެހީގައި މަގުޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް "މިހާރު" އަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.
"ދަރަނީގެ މައްސަލައަށް އެކަންޏެއް ވެސް ނޫން މުޅި އިންސްޓިޔުޝަން ނޯމަލައިޒް ކުރާނެ ގޮތުގެ ރޯޑް މެޕަކަށް ވެސް ދަނީ މަސައްކަތް ކުރަމުން،" އޮފިޝަލް ބުންޏެވެ.
އެފްއޭއެމުން ކުރިން ބޭނުން ކުރި އޮފީސް ވީރާނާ ވެފައިވުމުން، ވަގުތީ އޮފީހެއްގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ވަނީ ގާއިމުކޮށްފަ އެވެ. މަސައްކަތް ކުރާނެ ސެޓަޕްތަކާ އެކު އެ އޮފީހުގައި ވަނީ މަސައްކަތް ފަށައިފަ އެވެ.
އެފްއޭއެމްގެ ކުރީގެ ވެރިންނަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުތައް ވަނީ ކުރެވިފަ އެވެ. އެ އިދާރާއިން ގެއްލިފައިވާ ފައިސާ ހޯދުމުގެ މަސައްކަތަށް ބޭނުންވާނެ ލިޔުންތައް ހޯދަން ނޯމަލައިޒޭޝަން ކޮމިޓީން ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށް އެ ކޮމިޓީން ބުނެ އެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި އެ އިދާރާގެ ދެ އޮފީހެއް ރެއިޑްކޮށް ބައެއް ލިޔެކިޔުންތައް ފުލުހުން ގެންދިޔަ އެވެ.
ދަރަނީގެ މައްސަލަތަކުގައި އެކި ފަރާތްތަކަށް ފައިސާ ދައްކަން އެފްއޭއެމަށް ސިވިލް ކޯޓުން ވަނީ ގިނަ ހުކުމްތަކެއް ކޮށްފަ އެވެ. ނޯމަލައިޒޭޝަން ކޮމިޓީން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރު ވިދާޅުވީ އެފްއޭއެމްގެ ދަރަނި 85 މިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށެވެ.