25 ސެޕްޓެމްބަރ 2024 - 11:00

ރޮޑްރީ ނެތްތަން ފޫބެއްދުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކު އޭނާ ނެތި ވެސް މެންޗެސްޓާ ސިޓީން ލީގު ޗެމްޕިއަންކަމަށް ވާދަކުރާނެކަމުގެ އިތުބާރު އެބައޮތް ކަމަށް ސިޓީގެ ކޯޗުގެ ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އާދީއްތަ ދުވަހު އާސެނަލްއާ 2-2 އިން ސިޓީ އެއްވަރުވި މެޗުގައި އެ ޓީމުގެ މިޑްފީލްޑަރު ރޮޑްރީގެ ކަނާތު ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިނގިރޭސި ލީގު ކަޕުގައި ރޭ ވަޓްފޯޑް އަތުން 2-1 އިން މޮޅުވެ ގަދަ 16 ޓީމުގެ ބުރަށް ދަތުރުކުރި މެޗަށް ފަހު ގާޑިއޯލާ ބުނީ ކުރިން ހީކުރި ވަރަށް ވުރެ އަވަހަށް ރޮޑްރީ ކުޅެން ނުކުންނާނެ ކަމުގެ އުއްމީދު އޮތަސް، އޭނާ އަވަސް މުސްތަގުބަލެއްގައި ކުޅެފާނެ ކަމަށް ވިސްނައިގެން ނުވާނެ ކަމަށެވެ.
"ރޮޑްރީ އަކީ އޭނާ ނެތްތަން ފޫބެއްދޭނެ ވަރުގެ ކުޅުންތެރިއެއް ނޫން. ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރު ނެތި ގިނަ ދުވަސްތަކެއް ކުޅެން ޖެހުމަކީ ބޮޑު ގޮންޖެހުމަކަށް ވާނެ އަހަރެމެންނަށް. އެކަމަކު އަހަރެންގެ ޒިންމާއެއް އެކަމަށް ހައްލެއް ހޯދުމަކީ،" ގާޑިއޯލާ ބުންޏެވެ.
އޭނާ ބުނީ ރޮޑްރީ ނެތްތަން ފޫބައްދަން ޖެހޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށާއި، ސިޓީގެ މިވަގުތުގެ ޕްލޭނަކީ އެއީ ކަމަށެވެ.
ސިޓީއާ އެކު ޕްރިމިއާ ލީގާއި، ސްޕެއިނާ އެކު ޔޫރޯ ކާމިޔާބުކުރި ރޮޑްރީ އަކީ މި އަހަރު ބެލޮންޑިއޯ ލިބޭނެ ކަމަށް ބެލެވޭ އެއް ކުޅުންތެރިޔާ އެވެ. އޭނާ އަކީ އަނިޔާއާ ދުރު ކުޅުންތެރިއެކެވެ. ނަމަވެސް މި ފަހަރު ކުރިމަތިވީ ވަރަށް ސީރިއަސް އަނިޔާއެކެވެ.