25 ސެޕްޓެމްބަރ 2024 - 07:19

(އާދިއްތަ ދުވަހާ ގުޅޭ)
އަހަރެންގެ ނަން އޭނަ ކިއިލެއް ހާދަ ރީއްޗެވެ. ކޮންމެ މީހެއްގެ ވެސް ނަމަކީ، އަޑުއިވުމުން މުޅި ހަށިގަނޑު އެ އަށް އިޖާބަދޭ ލަފުޒެކެވެ. ނިދާފައި އޮތަސް ލޯ ހުޅުވައެވެ. ފުރަގަސްދީގެން ހުރި ނަމަ މުޅި ހަށިގަނޑު އެނބުރެއެވެ. ގޮވި ދިމާއަކަށް ބެލެއެވެ. އެހެން މީހުންނާއި ކޯޗު ވެސް، އަހަންނަށް ގޮވަން ބޭނުންކުރަނީ ދެ އަކުރެވެ. ތަފާތަކީ ކޯޗުގެ ރާގުގައި ހުރި އޯގާތެރިކަމެވެ. އެ ނޫން އެއްވެސް އެއްޗެއް ނޫނެވެ. ޔަގީނުން ވެސް އެއީ ލޯތްބެއް ނޫނެވެ. އެއީ ދަސްކޮށްދޭ މީހަކާއި ދަސްކުރާ ބައެއްގެ މެދުގައި އޮންނަ ކުލުނެވެ. އެ ވަޒީފާ އަދާކުރާ މީހެއްގެ މިޒާޖުގައި ހުންނަންޖެހޭ އެއް ޝަރުތެވެ. އެކަމަކު ޒަލަފްގެ އަޑުގައި އެ ސިފަ ނެތީ ކީއްވެގެން ހެއްޔެވެ؟ ނެތްކަން އަހަންނަށް ނޭނގި މިހައި ގިނަ ދުވަސް މި ވީ ކިހިނެއް ހެއްޔެވެ؟
"ކޮން ކަމަކާ ތި ވިސްނަނީ؟" ޒަލަފް ބުނި އަޑުއިވުނެވެ.
އަހަރެން ދިޔައީ ސިއްސައިގެންނެވެ. ޒަލަފް ކޮޓަރިއަށް ވަދެ އެނދުގައި އިށީންކަމެއް އަހަންނަކަށް ނޭނގެއެވެ.
"އެއްވެސް ކަމަކާ ނުވިސްނަން،" އަހަރެން ދޮގެއް ހެދީމެވެ. އަދި ބުނީމެވެ. "ޒަލަފް އަހަންނަށް ގޮވާލަބަލަ!"
އަހަރެން ބުނި އެއްޗަކަށް ޒަލަފް އެއްވެސް ސަމާލުކަމެއް ނުދީ ތެދުވިއެވެ. އެއީ ވެސް އާކަމެއް ނޫނެވެ.
"އަހަރެން މިރޭ ހިތަށް އެރި އެއްޗެއް އެނގޭތަ؟" ނިދަންލާ ސޯޓުލަމުން ޒަލަފް ބުންޏެވެ. "ތި ދާން ފެށީނު ފާޑެއްގެ ކޯހަކަށް ދޯ؟"
އަހަރެން ދަނީ ކޯހަކަށް ނޫނެވެ. ކުލާހަކަށެވެ. އެއީ ފާޑެއްގެ ކޯހެއް ނޫނެވެ. ފަތާ ކުލާހެކެވެ. ޒަލަފް ކުރާ ކޮންމެ ހަރަކާތަކުން، ދައްކާ ކޮންމެ ވާހަކައަކުން އަހަންނަށް ކުށް ފެންނަން ފެށިއެވެ.
"މަ ހިތަށް އަރަނީ ކޮންމެހެން ކީއްކުރަންހޭ އެ ތަނަށް ތިދަނީ؟" ޒަލަފްގެ ވާހަކަ އޭގެ މިސްރާބަށް އަމާޒު ހިފިއެވެ. "ކިހާ ލާރިއެއް ތި ބޭކާރުވަނީ؟ އެކްސަސައިޒް ކުރަން ބޭނުމިއްޔާ ދުވެލަން ދިޔައީމަ ވެސް ނިމުނީނު."
ދުލުން އެއްޗެއް ނުބުންޏަސް، ހިތަށް ވަރަށް ބައިވަރު އެއްޗެހި އެރިއެވެ. އަހަރެން ހަރަދު ކުރަނީ އަހަރެންގެ މުސާރައިންނެވެ. އެ ކަމާ ޒަލަފް ވިސްނާކަށް ނުޖެހޭނެއެވެ.
"އަހަންނާ އެއްކޮށް ޒަލަފް ދާނަންތަ؟" އަހަރެން އެހީމެވެ.
"އާނ! އަހަންނެއްނު ހުންނާނީ ދާން." ވަރަށް ފަސޭހައިން ޒަލަފް އެއްބަސްވިއެވެ.
ފަތާ ކުލާސް އޮންނަނީ ދެރެއިން އެއް ރެއެވެ. ހިތަށް އެރިއެވެ. ޒަލަފް ދަންޏާ، ދުވަން ދިޔުން މާ ރަނގަޅެވެ. ކަސްރަތު ކުރެވިފައި، ދެމަފިރިން އެކުގައި ވަގުތު ހޭދަކުރެވޭނެއެވެ. އެކަމަކު ޒަލަފް އެއްބަސްވިލެއް ހާދަހާ އަވަހެވެ. އެއީ ފޮޅޭނެ މަލެއްތޯ ބަލައިލުމަކުން ގޯހެއް ނެތެވެ.
އިރުއޮއްސުމުން ނަމާދުކޮށްލައިގެން ދުވަން ދާން އަހަރެން ތައްޔާރުވީމެވެ. ޒަލަފް ގޭގައި ނެތުމުން ގުޅައިލީމެވެ.
"އަހަނ! ކުރިން އަންގާލަން ވާނެއްނު!" ޒަލަފް ބުންޏެވެ. "އެހެން ރެޔަކަށް ހަދަމާ ހިނގާ ދޯ؟"
ދެވަނަ ރޭ ޒަލަފްގެ ފަޔަށް ތަދުވާތީ ނުދެވުނެވެ. ތިންވަނަ ރޭ ޒަލަފް ހުރި ތަނެއްގައި ހުރެފައި ގެއަށް އަންނަން ނައްޓައިލިއެވެ. ދެތިން ގަޑި އިރު ވީ އިރު ވެސް ގެއަކަށް ނުފޯރިއެވެ. ތިންވަނަ ރޭ ފޯނެއް ނުނެގިއެވެ. އަހަރެން އަޅައެއް ނުލަމެވެ. މޫދު ކުލާސް ކުރިޔަށް ގެންދިޔައީއެވެ. ކޯޗަކީ ވަރަށް ހަރުދަނާ މީހެކެވެ. ބޭކާރު ވާހަކައެއް ނުދައްކައެވެ. ގައިގޯޅިއެއް ނުވެއެވެ. މީހާ އަށް ވުރެ ބޮޑަށް އޭނަގެ ސަމާލުކަން ހުންނަނީ މަސައްކަތަށެވެ.
ބައެއް ރޭރޭ ކުލާހަށް އަންނަނީ މަދު ބަޔެކެވެ. ވާރޭ ވެހިދާނެހެން ހީވާ ރޭރެޔާއި އަހަރެން އެކަނި އަންނަ ރޭރޭ ވެސް ކުލާސް އޮވެއެވެ. ކޯޗުގެ ހަރުދަނާ ކަމާއި ސާބިތު ކަމަކަށް ބަދަލެއް ނާދެއެވެ. ރައްޓެހިން ބުނާ އަޑުއަހަމެވެ. އަންހެނަކާއި ފިރިހެނަކާ ދެމެދު އެކުވެރިކަމެއް ނުބޭއްވޭނެއެވެ. ކޮންމެވެސް ދުވަހަކުން ނުވަތަ ކޮންމެވެސް ވަގުތަކުން އެ އިން ލޯބީގެ ކުރިއެއް ފަޅާނެއެވެ. އަހަރެން ދުވަހަކު ވެސް އެ ތަޖުރިބާއެއް ނުކުރަމެވެ. އެ މައްސަލައިގައި އަހަންނަށް އިއްވޭނެ ހަމަ އެކަނި ހުކުމަކީ އެއީއެވެ. ދެން އޮއް ބައި އަހަރެން ވަގުތާ ހަވާލުކުރީއެވެ.
އަހަރެންގެ މުޅި ހަޔާތަށް އަންނަ ހަމަ އެކަނި ތަފާތު ކަމަކީ މޫދުކުލާހެވެ. އެ ތަނެވެ. އެ ރައްޓެހިންނެވެ. އެ ވަގުތުކޮޅެވެ. ވިލާމަތިން ވިލާ ލިޔަސް، ކުލާސް އޮތިއްޔާ އަހަރެން އެ ތަނުގައި ހުންނަމެވެ.
"މި ރޭ ވެސް ދަނީ؟" ކުޑަކޮށް ވާރޭ ކަނިކަނި ޖެހި ރެޔަކު ޒަލަފް ބުންޏެވެ.
"ނުދާންވީތަ؟" އަހަރެން އެހީމެވެ. "އެހެން ކަމެއް އޮތީތަ؟"
އެހެން ބުނި އިރު ވެސް އަހަންނަށް އެނގެއެވެ. އެހެން ކަމެއް ނޯންނާނެއެވެ. ޒަލަފް އެ ވަރަކުން އަހަރެން ހިފާއްޓަން އުޅެނީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. ވާރޭ ވެހިވެހި އޮއްވައި ރައްޓެއްސެއްގެ ކާރަކަށް އަރައިގެން އޭނަ ހިނގައިދާނެއެވެ. ދަނީ ކޮން ތަނަކަށްތޯ ވެސް އަހަންނެއް ނާހަމެވެ. ހުރިހައި ގޭބަންދެއް އޮންނާނީ އަހަންނަށެވެ.
"އެހެން ކޮން ކަމެއް އޮންނާނީ؟" ގަޑިއަށް ބަލައިލަމުން ޒަލަފް ބުންޏެވެ. "އަހަރެން އެބަ ޖެހޭ ބޭރަށް ޖެހިލަން. މިރޭ ތި ކުލާސް ކެންސަލު ކޮށްލާ!"
ޒަލަފް ދިޔައީއެވެ. އަހަރެން ކުލާސް ކެންސަލު ކޮށްލީއެވެ. ކުރާނެ އެއްވެސް ކަމެއް ނެތިފައި ގޭގައި އިނީއެވެ. އުފަލެއް ނުދޭ ތަނުގައި އަހަރެންގެ އުފާ ޖަހައިގަނެގެން ވެސް ޒަލަފް ހިތްހަމަޖެހެންޏާ ޖެހެންވީއެވެ. އަހަރެންގެ ނާރެހަކީ ފިރިމީހާއެވެ. އަބަދުވެސް އޮންނާނީ އޭނަ ބޭނުންވާ ގޮތެވެ. އޭނަ ހިތްހަމަޖެހޭ ގޮތެވެ. އަހަރެން ޖެހޭނީ އޭނަ ވަށައިގެން އެނބުރިއެނބުރި ހުންނާށެވެ. އަހަރެން ނަބާހާ އަށް މެސެޖެއް ފޮނުވީމެވެ.
"ބަލިވެފައި." މެސެޖުގައި އަހަރެން ޖެހީމެވެ.
ފޯނު ރަނގަބީލުވާން ފެށީ، ސޯފާގައި ލެނގިލަން ވެސް ހަނދާން ނެތި، އެއްކަށްޓަކަށް އިންނަތާ އެތައް އިރެއްވީ ފަހުންނެވެ. ބަލައިލި އިރު އެއީ ނަބާހާގެ ފޯނެކެވެ.
"ފިނިހިފީތާ ނޫނީ ފިރިހިފީތާ؟" ސަމާސާ ރާގެއްގައި ނަބާހާ ބުންޏެވެ. "ދެކުދިން ރަޖާލައިގެން ނިދަން އެރީ ދޯ؟"
"ނޫނޭ!" އަހަރެން ބުނީމެވެ. "އޭނަ ނެތް ގެޔަކު. މިރޭ އެހާ ފިޓެއް ނޫން."
"އަހަރެން ވެސް މިރޭ ކެންސަލު ކޮށްލައިފިން،" ނަބާހާ ބުންޏެވެ. "ކޯޗު ބުނީ އެކަކު ވެސް ނާދެޔޯ. ވަރަށް ވައިވެފަ ހުރީ. އަހަރެން ބުނިން ދީމާ ވެސް ވަރަށް ބައްޔޭ! ހަމަ ބުނާ އިރަށް ބުނެފި މި އަންނަނީ ގޮވައިލަން. އޯކޭތަ؟"
"އޯކޭ!" އަހަރެން ބުނީމެވެ. "އެކަމަކު ވަރަށް ބައްޔެއް ނޫން އިނގޭ! ނަބާ ވެސް އަންނައްޗޭ!"
"ބިރުގަތީ ދޯ؟" ހީނގެންފައި ނަބާހާ ބުންޏެވެ. "އޭނަ ބުނެގެން ތި ގޭ ދޮރުމަތީގަ މި ހުންނަނީ. ކޯޗު ވަރަށް ނައިސް ވާނެ. ހަމަ ފައްކާ ޖެންޓަލްމޭންއެއް."
އަހަރެން ވެސް އެއްބަހެވެ. އޭނައަކީ ހަރުދަނާ މީހެކެވެ. ވިސްނޭ މީހެކެވެ. މަދުން ނޫނީ ފިރިހެނުން ނުވިސްނާ ގޮތަކަށް ވިސްނާ މީހެކެވެ. އަހަރެން ހިތަށް އެރިއެވެ. އޭނަ އުޅެނީ މީހަކާ އިނދެގެން ބާއެވެ؟ އޭނަގެ އަންހެނުންގެ ދިރިއުޅުން ހާދަހައި އުފާވެރިވާނެއެވެ. އޭގެ ހަގީގަތް އަހަންނަށް އެނގޭނެ ނަމައެވެ. ބަލައިލެވޭނެ ނަމައެވެ. އަހަންނަށް ކުރެވެން މި އުޅެނީ ކީއްކަމެއް، ދެން ވާނީ ކީއްކަމެއް އޭރަކު ނޭނގެއެވެ. ގޭތެރެ އަބަދު ވެސް އޮންނާނީ ވަރަށް ތަރުތީބުކޮށެވެ. އެހެނަސް އިތުރަށް ތަރުތީބުކޮށްލީމެވެ.
އިރުކޮޅަކުން ރަނގަބީލު ޖެހިއެވެ. އަަހަރެން ދޮރު ހުޅުވީމެވެ. ކޯޗު އައީ ކޮތަޅެއް ހިފައިގެންނެވެ. ކައިރީގައި ނަބާހާ ހުއްޓެވެ. އަހަރެން ވަންނަން އެދުމުން ނަބާހާގެ ފަހަތުން އޭނަ ވަނެވެ. ވައްކަޅިން ގެއަށް ނަޒަރު ހިންގައިލިއެވެ.
"ކުއްލިއަކަށް އައިމަ ނެތް ދޭނެ އެއްޗެއް ވެސް." އަހަރެން ބުނީމެވެ.
"ތިބޭކަށް ނޫނޭ މި އައީ ދޯ ނަބާ!" ކޯޗު ބުންޏެވެ. "ޓީމުގެ މީހަކު ބަލިވީމަ ކޯޗު ޖެހޭނެއްނު ހާލު ބަލަން. އެހެންވެ މިއައީ. މި ކައިގެން އަވަހަށް ރަނގަޅުވޭ! މާ ގިނައިން ކުލާސް ނުކަޓުވާތި!"
ކޮތަޅު ދީފައި ކޯޗު ދިޔައެވެ. ނަބާހާ މަޑުކުރިއެވެ. އެ ކޮތަޅުގައި ހުރީ އެކި ފާޑުގެ މޭވައެވެ.
"ކިހާ ނައިސް ދޯ؟" ނަބާހާ ބުންޏެވެ. "ކޮންމެ މީހަކު ބަލިވިޔަސް ގޮވާލަން އަންނާނެ. މަޑެއް ވެސް ނުކުރާނެ. ހަމަ އެ ގޮތަށް ވަދެލާފަ ދާނީ. އަހަރެން ހިތަށް އަރާ އޭނަގެ އަންހެނުން ހާދަހާ ލަކީއޭ!"
އެ ވާހަކަ ދައްކަން އަހަރެން ބޭނުންވިއެވެ. ނުކެރުނީއެވެ.
"އެކަމަކު އެނގޭތަ؟ އޭނަގެ ވައިފް ވަރަށް އެހެން ކަހަލަ ވާނެ." ނަބާހާ ބުންޏެވެ.
ކުރިޔަށް ވުރެ ބޮޑަށް އެ ވާހަކަ ދައްކަން އަހަރެން ބޭނުންވިއެވެ. ދެން ވެސް އަހާކަށް ނުކެރުނެވެ. ދެ މީހުންނަށް ދެ އާފަލާއި އޮރެންޖު ކޮށާލައިގެން ސޯފާގައި އިށީނީމެވެ. ނަބާހާ ދެން ދެއްކީ އޮފީސް ވާހަކައެވެ. އޭރު އޮފީހަށް އަލަށް އައިސްގެން އުޅޭ ވެރިޔާގެ ފީކަޅާ ކަމުގެ ވާހަކައެވެ. އަހަރެން އެ ވާހަކަ އަޑުއަހާކަށް އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އެހެނަސް އަޑުއެހީމެވެ. އެއީ އަހަރެންގެ ކަށީގައި ހިފާފަ ހުންނަ ކަމެކެވެ. އަހަރެން ބޭނުންވާ ކަންކަން އަބަދު ވެސް އަންނާނީ ދެވަނައަށެވެ. އެއްވަނައިގައި އުޅޭނީ ފިރިމީހާއެވެ. އޭނަ ބޭނުންވާ ކަންކަމެވެ. އޭނަ އަށް ކޮށްދޭންޖެހޭ ކަންތައްތަކެވެ. އެ ތަރުތީބަށް އަހަރެން އާދަވެއްޖެއެވެ.
ޒަލަފްގެ ދައްތަމެން އަންނާތީ ގޭގައި ކެއްކުންގަނޑެއް އޮތް ދުވަހެކެވެ. މަހަކު އެއްފަހަރު އެ ކަހަލަ ދުވަހެއް އަންނާނެއެވެ. ނުކެވޭ ވަރަށް އެއްޗެހި ކައްކަން ޖެހޭނެއެވެ. ބޭރުން ވެސް އެއްޗެހި ގެނެއެވެ. އިސްރާފު ވެއެވެ. އެކަމަކު އެހެން ވެސް އަހަރެން ބުނެފިއްޔާ ޒަލަފް ހިތްހަމައެއް ނުޖެހޭނެއެވެ. އަހަރެން ހިތަށް އަރައެވެ. ޒަލަފް މަސައްކަތް ކޮށްގެން ހޯދާ ލާރި އެ ގޮތަށް ހަރަދު ކޮށްލަން އޭނައަށް ކެރޭނެ ބާއެވެ؟ އެ ސުވާލު ވެސް ކުރާކަށް ނުކެރެއެވެ. އޮންނާނީ އަހަރެންގެ ހިތުގައެވެ. ކެއުން އޮތީ އަށްގަޑި ބައިގައެވެ. ހަގަޑި ބައިވި އިރު އަހަރެން ހުރިހައި ކަމެއް ނިންމައިފީމެވެ. ބާކީ ހުރީ ސެލަޑު ހެދުން ކަހަލަ، ގަޑި ކައިރިކޮށް ކުރަންޖެހޭ ކުދިކުދި ކަންތަކެވެ.
"ކުލާހުން އައިސް ދެން ހުރި ކަންތައް ކުރެވޭނީ." އަހަރެން ބުނީމެވެ.
"އަހަރެން ބުނީމެއްނު ތި ކުލާސް ހުއްޓާލާށޭ!" ހިތްހަމަނުޖެހިފައި ޒަލަފް ބުންޏެވެ. "ހާދަހާ ލާރިއެކޭ ތި ވޭސްޓްވަނީ."
އެ ކުލާހަށް ދާން އަހަރެން ވަރަށް ބޭނުމެވެ. ހިތަށް ކޮންމެވެސް ލުޔެއް ލިބޭތޯއެވެ. އެހެން ނޫނީ އަހަރެން މޮޔަ ވެދާނެއެވެ. އޮތީ ހަމަ އެންމެ ހައްލެކެވެ.
"ޒަލަފް ވެސް ޖޮބެއް ހޯދަންވީނު؟" އަހަންނަށް ބުނެވުނީ ބުނަން ނުވާ ވަރުގެ އެއްޗެކެވެ. (ނުނިމޭ)