02 މާޗް 2017 - 11:51

މި އަހަރު އަޅުވާ ފުރަތަމަ ފިލްމު "މަލިކާ" މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރަން ނިންމައި، ރެޑްކާޕެޓަށް ތައްޔާރުވާން ފަށައިފި އެވެ.
އަހުމަދު ނާސިރު (މައްލާ) އާއި އިބްރާހީމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ ފިލްމުގެ ރެޑް ކާޕެޓް ތަފާތު ގޮތަކަށް ފެނިގެންދާނެ ކަމަށް ފިލްމުގެ ޓީމުން ބުންޏެވެ.
މާލެއާ އެކު ބައެއް ރަށްރަށުގައި ވެސް "މަލިކާ" މިރޭ އަޅުވާނެ އެވެ.
މިރޭ ފިލްމް ޕްރިމިއާ ކުރާ އިރު، ރޭ ވަނީ މީޑިއާތަކަށް ހާއްސަކޮށްގެން ފިލްމްގެ ސްޕެޝަލް ސްކްރީނިންއެއް ވެސް ބާއްވައިފަ އެވެ.
ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭއަކަށް، އަލީ މުސްތޮފާ (ސެމީ) ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އާއިލާއެއްގެ ތެރޭގައި ހިނގާ ކަންތައްގަނޑެއް ދައްކުވައީދޭ އާއިލީ ލޯބީގެ ފިލްމެކެވެ.
"މަލިކާ" ގެ ޓައިޓްލް ރޯލް "ކުޅެފައި ވަނީ ފިލްމީ ދާއިރާ އަށް އަލަށް ތައާރަފުވާ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.
އޭނާއާ އެކު ފިލްމުން ތަޖުރިބާކާރު އެކްޓަރުންނާއި ޒުވާން ތަރިންތަކެއް ވެސް ފެނިގެން ދާނެ އެވެ.
އޭގެ ތެރޭގައި މަރިޔަމް ޝަކީލާ، އިސްމާއީލް ޒާހިރު، އަލީ ފާރޫގް، އަހުމަދު އާސިމް، ފާތުމަތު އާޒިފާ (އަޒޫ)، ޖުމައްޔިލް ނިމާލް (ޖުމަލް)، އަލީ އާޒިމް (ދޮން އައްޔަ)، ސުޖީތާ އަބްދުﷲ (ސުޖީ) އަދި އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) ހިމެނެ އެވެ.
"މަލިކާ" ގެ ޝޯތައް މި ރެއިން ފެށިގެން މި މަހުގެ 20 އާ ހަމައަށް އޮލިމްޕަހުގައި ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ.
ފިލްމުގެ ޓިކެޓް އޮލިމްޕަހުން އަންނަނީ ވިއްކަމުންނެވެ.