24 ސެޕްޓެމްބަރ 2024 - 09:59

އދ. ގެ "ސަމިޓް ފޮ ފިއުޗާ" ކޯ-ޗެއާ ކުރަން ލިބިވަޑައިގަތް ފުރުސަތަކީ ރާއްޖޭގެ ނަން ފުޅާކުރަން ލިބުނު ފުރުސަތެއް ކަމަށާއި އެ ބައްދަލުކުރެއްވުމުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ނިއުޔޯކުގައި ބޭއްވި އެ ބައްދަލުވުމުގެ ކޯޗެއާގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ފަހު، ރައީސް ވިދާޅުވީ އދ. ގެ 190 މެމްބަރު ގައުމުންނާއި ވިއްސަކަށް އިންޓަނޭޝަނަލް ޖަމިއްޔާއަކުން ބައިވެރިވި އެ ބައްދަލުވުން ކޯ ޗެއާ ކުރައްވަން އެ މަނިކުފާނަށް ލިބިވަޑައިގަތުމަކީ ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ފުޅާކުރަން ވެސް ލިބިވަޑައިގަތް ފުރުސަތެއް ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ޑިޖިޓަލައިޒޭޝަން ފުޅާކުރަން ވެސް މުހިއްމު ފުރުސަތެކެވެ.
"ދިވެހިރާއްޖޭގެ ފަރާތުން މި ކަހަލަ މުހިއްމު ޔޫއެންގައި އޮތް ސެޝަނެއްގައި ކޯޗެއާކުރަން ލިބުމަކީ ރާއްޖޭގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ބޭނުންވާ ޑިޖިޓަލް އިކޮނޮމީ ކުރިއަށް ގެންދިއުން، ޑިޖިޓަލައިޒޭޝަން ފުޅާކުރުމަށް އަޅުގަނޑުމެން ގެންގުޅޭ މުހިއްމު ސިޔާސަތު ކުރިއަށް ގެންދަން ލިބުނު ވަރަށް މުހިއްމު ފުރުސަތެއް،" ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ނަން އިންޓަނޭޝަނަލް ކޮމިއުނިޓީގައި ފުޅާކުރަން ލިބުނު ފުރުސަތެއް. އިރާދަކުރެއްވިއްޔާ އޭގެ ނަތީޖާ ރަނގަޅުވާނެ."
ރައީސް ވިދާޅުވީ އެ ބައްދަލުވުމުގެ ސަބަބުން ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ވެސް އެހީއަކަށް ވާނެ ކަމަށެވެ.
އދ. ގެ "ސަމިޓް ފޮ ފިއުޗާ"ގެ ތެރެއިން ރޭ ކުރިއަށް ގެންދިޔަ ތިން ވަނަ މަޝްވަރާ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ދުނިޔޭގެ ތިންބައިކުޅަ އެއްބައި ގައުމުތަކަށް އަދިވެސް އިންޓަނެޓަށް ނުވަދެވޭ ކަމަށާއި އޭގެ ތެރޭގައި ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތައް ވެސް ހިމެނޭ ކަމަށެވެ. އެހެންވެ، އެކަން ހައްލު ކުރެއްވުމަށް ރައީސް ތިން ހުށަހެޅުއްވުމެއް ހުށަހެޅުއްވި އެވެ.
ރައީސް ހުށަހެޅުއްވީ ޑިޖިޓަލް އިގްތިސާދެއްގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުވުމަށް ހަރަކާތްތަކެއް ހިންގުމާއި ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ބިނާ ކުރުމާއި ޑިޖިޓަލައިޒޭޝަން ފުޅާވަމުން އަންނަ އިރު އެ ބޭނުންކުރާ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ހުއްދަ ނެތި ވަނުމާއި އެކައުންޓުތައް ހެކް ކުރުމާއި ޑޭޓާ ޕްރައިވަސީ އަކީ އަސްލު މައްސަލަތަކެއް ކަމަށާއި ރާއްޖޭގައި އެ މައްސަލަތަކަށް ހައްލެއް ހޯދަން ނޭޝަނަލް ސައިބަ ސެކިއުރިޓީ އެޖަންސީއެއް އުފައްދާފައިވާ ކަމަށެވެ.
އެ އެޖެންސީ އުފައްދާފައި ވިޔަސް، ސައިބަ ސެކިއުރިޓީގެ އިންސްފްރާސްޓްރަކްޗާ ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އެކަމަށް އެހީ ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.