24 ސެޕްޓެމްބަރ 2024 - 06:58

ރައީސް ޑރ. މުހައްމަދު މުއިއްޒު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ އިއްޔެ ބައްދުކުރައްވައި، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގާ ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަގްވާމީ އެހީތެރިކަމަށް ފަލަސްތީނުގެ ރައީސް އެދިވަޑައިގެންފި އެވެ.
ރާއްޖެ އިން އަބަދުވެސް ގާތްގުޅުމެއް ބާއްވާ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ރައީސް މުއިއްޒު ބައްދަލުކުރެއްވީ އދ. ގެ އާންމު މަޖިލިހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް ވަނީ އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދިވަޑައިގެންފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒާއި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ބޭއްވި ބައްދަލުވުމަށް ފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުމުން ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކު ކަމަށެވެ. ކޮންމެ ތަނެއްގައި ވެސް ރާއްޖެ އިން އަޑު އުފުލާނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި އެ މީހުންގެ ހައްގުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި ނޫން ވިސްނުމެއް އެއްވެސް ދިވެއްސެެއްގެ ނެތް. ކޮންމެ ހިނދަކު ވިޔަސް ދިވެހިން ތިބޭނީ ފަލަސްތީނާ އެކު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ ދިވެހިން އަބަދުވެސް ބޭނުންވަނީ ފަލަސްތީނަކީ މިނިވަން ގައުމަކަށް އަދި މިނިވަން ދައުލަތަކަށް ވުމަށް ކަމަށް މަހުމޫދު އައްބާސަށް ދަންނަވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނާ އެކު ކަން އެ ގައުމުގެ ރައީސް މަހުމޫދު އައްބާސް އަށް ވެސް އެ ބައްދަލުވުމުގައި ދެންނެވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންންނެވި ފަހުން ފަލަސްތީނާ އެއްކޮޅަށް އަދި އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ސީދާ އެ މަނިކުފާނު ގެންދަވަނީ ދިވެހި ސަރުކާރުގެ ފަރާތުން ވަރަށް ގިނައިން އިސްވެ އަޑު އުފުއްލަވައި ވާހަކަފުޅު ދައްކަވަމުންނެވެ. ހާއްސަކޮށް އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދޭ ވަރުގަދަ ހަމަލާތަކާ ދެކޮޅަށް ރައީސް މުއިއްޒު ވަނީ މިހާތަނަށް ވަރަށް ގިނައިން ޓުވީޓް ކުރައްވައި އަޑުއުފުއްލަވައިފަ އެވެ.
ފަލަސްތީނަށް އެހީވުމަށް ދައުލަތުގެ މީޑިއާ ޕީއެސްއެމުން ވަނީ ދިޔަ ޖުލައި މަހު ޓެލެތޯނެއް ބާއްވައި 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދައިފަ އެވެ. ރައީސް މުއިއްޒުގެ އިސްނެންގެވުމަށް ބޭއްވި ޓެލެތޯނުން ލިބުނު އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނާ ހަވާލު ކުރުމަށް ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުއާ) އަށް ދިވެހި ސަރުކާރުގެ ފަރާތުން ވަނީ މިދިޔަ މަހު ޖަމާކޮށްދީފަ އެވެ.