23 ސެޕްޓެމްބަރ 2024 - 21:29

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ފޮރިން މިނިސްޓަރު ވާންގް ޔީ އާ ބައްދަލު ކުރައްވައިފި އެވެ.
ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރު އަދި ޗައިނާގެ ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު ވަންގް ޔީ އާ ރައީސް ބައްދަލު ކުރެއްވީ، އެމެރިކާގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގައި ބައްދަލުވުންތަކުގެ ތެރެއިންނެވެ.
އުމްރާނީ ތަރައްގީގައި ރާއްޖެއަށް ގިނަ އެހީތަކެއް ވެދެމުން އަންނަ ޗައިނާގެ ފޮރިން މިނިސްޓަރާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވަނީ އެ ގައުމުގެ ގުޅުން ރާއްޖެއަށް މުހިއްމު ކަމާއި ދެ ގައުމުން އެއް ބަޔަކު އަނެއް ބަޔަކަށް އިސްކަންދޭވަރު ފާހަގަކުރައްވައިފަ އެވެ. އަދި މިހާރު އެ ގައުމާ އެކު ވެފައިވާ އެއްބަސްވުންތަކާއި ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
ރައީސް ވަނީ ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އަށް ޗައިނާ އިން ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ވަންގް ޔީ ވެސް ވަނީ ޗައިނާ އިން ރާއްޖެ އަށް ޓޫރިޒަމާއި އެ ނޫން ވެސް ދާއިރާތަކުން އެއްބާރުލުން ދޭނެ ކަމުގެ ޔަގީން ކަން އަރުވައިފަ އެވެ.
އެ ބައްދަލުވުމުގައި މޫސުމަށް އަންނަ ބަދަލުތަކާއި އެ މައްސަލަތައް ހައްލު ކުރަން ދެމެހެއްޓެނިވި ގޮތެއްގައި އެއްބާރުލުން ދިނުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް ރައީސްއާ އެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖޭގެ ތަރައްގީގެ ބައިވެރިއެއްގެ ގޮތުގައި ދެމިއޮތް ޗައިނާ އިން މިހާތަނަށް ވަރަށް ގިނަ ބޮޑެތި މަޝްރޫއުތަކުގައި އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އޭގެތެރޭގައި ސިނަމާލެ ބްރިޖާއި ފްލެޓްތައް އިމާރާތްކުރުމާއި ބައެއް ރަށްރަށުގައި މަގު ހެދުން ފަދަ ޕްރޮޖެކްޓްތައް ހިމެނެ އެވެ.