ސައިބަ ސެކިއުރިޓީ ވަރުގަދަކުރަން ގައުމުތަކުގެ އެހީ ބޭނުންވޭ: ރައީސް
ސައިބަ ސެކިއުރިޓީ ވަރުގަދަކުރަން ގައުމުތަކުގެ އެހީ ބޭނުންވޭ: ރައީސް

ރާއްޖޭގައި ސައިބަ ސެކިއުރިޓީ އިތުރަށް ފުޅާކޮށް، ވަރުގަދަ ކުރުމަށް ބޭރުގެ އެހީ ބޭނުންވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. ގެ "ސަމިޓް ފޮ ފިއުޗާ"ގެ ތެރެއިން މިރޭ ކުރިޔަށް ދިޔަ ތިން ވަނަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް ފުޅާވަމުން އަންނަނީ ދާއިރާގެ ތަޖުރިބާކާރުންނަށް ވެސް އެއާ އެއްހަމަ ނުކުރެވޭހާ ބާރު މިނެއްގައި ކަމަށެވެ.

އެހެން ނަމަވެސް ވިސްނާލަން ޖެހޭ ހަގީގަތަކީ ދުނިޔޭގެ ތިންބައިކުޅަ އެއްބައި ގައުމުތަކަށް އަދިވެސް އިންޓަނެޓަށް ނުވަދެވޭ ކަމަށާއި އޭގެ ތެރޭގައި ހާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތައް ހިމެނޭ ކަމަށެވެ.

"މިއީ ހަމައެކަނި އިންޓަނެޓަށް ނުވަދެވުމެއް ނޫން. ތަރައްގީ އާއި ފުރުސަތުތަކާއި އިންސާފަށް އޮތް ބޮޑު ހުރަހެއް،" ރައީސް ވިދާޅުވި އެވެ.

އެ މައްސަލަ ހައްލު ކުރަން ރައީސް ވަނީ ތިން ގޮތެއް ހުށަހަޅުއްވައިފަ އެވެ.

އެއް ކަމަކީ ރައީސް ވިދާޅުވި ގޮތުގައި ޑިޖިޓަލް އިގްތިސާދެއްގައި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުވުމަށް ހަރަކާތްތަކެއް ހިންގުމެވެ. ރާއްޖޭގައި އެ ދާއިރާ އިން ހުނަރު އިތުރުކޮށް މީހުން ބިނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.

ދެވަނަ ކަމަކަށް ރައީސް ވިދާޅުވީ ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ބިނާ ކުރަން ޖެހޭ ކަމަށެވެ. އަދި 2023ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ވާނީ ވެސް އެ މަސައްކަތް ކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޑިޖިޓަލައިޒޭޝަން ފުޅާވަމުން އަންނަ އިރު އެ ބޭނުންކުރާ މީހުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ފިޔަވަޅު އެޅުމަކީ ތިން ވަނަ ކަމެއްގެ ގޮތުގައި ރައީސްގެ ހުށަހެޅުއްވުމެވެ.

ރައީސް ވިދާޅުވީ ހުއްދަ ނެތި ވަނުމާއި އެކައުންޓުތައް ހެކް ކުރުމާއި ޑޭޓާ ޕްރައިވަސީ އަކީ އަސްލު މައްސަލަތަކެއް ކަމަށާއި ރާއްޖޭގައި އެ މައްސަލަތަކަށް ހައްލެއް ހޯދަން ނޭޝަނަލް ސައިބަ ސެކިއުރިޓީ އެޖަންސީއެއް އުފައްދާފައިވާ ކަމަށެވެ.

އެ އެޖެންސީ އުފައްދާފައި ވިޔަސް، ސައިބަ ސެކިއުރިޓީގެ އިންސްފްރާސްޓްރަކްޗާ ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓައި އިތުރަށް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި އެކަމަށް އެހީ ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ދާއިރާއިން އުންމީދީ ފިޔަވަޅުތައް އެޅުމަށް ބޭނުންވަނީ ބައިނަލްއަގުވާމީ އެއްބާރުލުމާއި، އިންވެސްޓްމަންޓްތަކާއި ޕާޓްނާޝިޕްތައް،" ރައީސް ވިދާޅުވި އެވެ.