23 ސެޕްޓެމްބަރ 2024 - 20:25

ލުބްނާނުގައި ހިޒްބުﷲ ޖަމާއަތުގެ ބާރުގަދަ ސަރަހައްދުތަކަށް އިޒްރޭލުން މިއަދު ދިން ވަރުގަދަ ހަމަލާތަކުގައި މިހާތަނަށް 274 މީހަކު މަރުވެއްޖެ ކަމަށާއި މީގެ ތެރޭގައި 21 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ލުބްނާންގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާދޭން ފެށުމާ އެކު ރައްދުގައި ހިޒްބުﷲ އިން އިޒްރޭލަށް ދޭން ފެށި ހަމަލާތަކުގެ ބަދަލު ހިފުމުގައި މިހާތަނަށް އެންމެ އަނިޔާވެރި ދުވަހެވެ.

"މިހާތަނަށް އެނގިފައިވާ ގޮތުގައި، މަރުވި މީހުންގެ އަދަދު 274 އަށް އަރައިފި. މީގެ ތެރޭގައި 21 ކުޑަކުދިންނާއި 39 އަންހެނުން ހިމެނޭ،" ހެލްތު މިނިސްޓަރު ފިރާސް އަބިއަދް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒްރޭލުގެ ހަމަލާތައް އަމާޒުކުރި ސަރަހައްދުތަކުން އެތައް ހާސް އާއިލާއެއް ހާލުގައިޖެހިފައިވާ ކަމަށެވެ.
މަރުވި މީހުންގެ ތެރޭގައި މީހުން ސަލާމަތްކުރުމުގައި އުޅުނު ދެ މީހަކާއި އިމަޖެންސީ ހިދުމަތްތަކުގައި އުޅުނު 16 މުވައްޒަފަކު ވެސް ހިމެނޭ ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ދެ އެމްބިއުލާންސާއި ފަޔަޓްރަކަކާއި މެޑިކަލް ސެންޓަރަކަށް ވެސް ވަނީ ހަމަލާ ދީފަ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 1،024 އަށް އަރާފައި ވާއިރު އެ މީހުންނަށް މިހާރު އަންނަނީ 27 ހޮސްޕިޓަލެއްގައި ފަރުވާ ދެމުންނެވެ.
ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން ބޯޑަރު ހުރަސްކޮށް އިޒްރޭލަށް ދޭ ހަމަލާތައް ހުއްޓުވަން، ހަނގުރާމައިގެ އާ މަރުހަލާއެއް ފެށިކަން އިޒްރޭލުން މިދިޔަ ހަފްތާގައި އިއުލާނުކުރުމާ އެކު ހިޒްބުﷲ ޖަމާއަތުގެ މެންބަރުންގެ ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮވައި އެތައް ބަޔަކު މަރުވި އެވެ. މިއީ އިޒްރޭލުން ދުރާލައި ރާވައިގެން އާދަޔާ ހިލާފް ގޮތަކަށް ދިން ހަމަލާއެއްގެ ގޮތުގައި ބެލެވިފައި ވާއިރު މިއީ އިޒްރޭލުން ހަނގުރާމައެއް ފެށުމުގެ ކުރިން އަމާޒުތައް ދެނެގަނެ ރަނގަޅަށް ތައްޔާރުވުމަށް ދިން ހަމަލާތަކެއް ކަމަށް ތަޖުރިބާކާރުން ކުރިން ވެސް ލަފާކޮށްފައިވެ އެވެ.
އިޒްރޭލުން ބުނީ މިއަދު އެކަނި ލުބްނާނަށް 800 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށެވެ.
މިއީ "ހިޒްބުﷲގެ ޓެރަރިސްޓުންގެ އަމާޒުތަކަށް ދިން ހަމަލާތަކެއް" ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުންޏެވެ.
އިޒްރޭލުން ލުބްނާންގެ އެކި ހިސާބުތަކަށް ދެމުން ގެންދާ ހަމަލާތަކުގައި މިދިޔަ އެއް ހަފްތާ ތެރޭގައި ޒަހަމްވި މީހުންގެ އަދަދު މިހާރު 5،000 އިން މައްޗަށް އަރަ އެވެ. އަދި މި ފަހުން އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ބަދަލުކުރަން ފެށި ހަމަލާތަކުގައި މިހާތަނަށް 10،000 އާއި 11،000 އާ ދެމެދުގެ އަދަދަކަށް މީހުން ޒަހަމްވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަންދާޒާކުރެއްވި އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ބައި ލައްކައާ ގާތްކޮށްފައި ވާއިރު ލުބްނާނުގައި ވެސް މިފަދަ ހަމަލާތަކެއް ފެށި މުޅި ސަރަހައްދު ބިރުވެރިކަމާއި ނުރައްކަލުގެ ތެރެއަށް ހިނގައިދާނެ ކަމުގެ އިންޒާރު އެކި ގައުމުތަކުން ދަނީ ދެމުންނެވެ.