ސްކޫލަށް ދާން ފަށާ ކުދިންނަށް ޓީވީއަކީ ބޮޑު ހުރަހެއް
ސްކޫލަށް ދާން ފަށާ ކުދިންނަށް ޓީވީއަކީ ބޮޑު ހުރަހެއް

ކުދިން ކިންޑަގާޓެން އަށް ދާން ފަށާއިރު ނަފްސާނީ ގޮތުން ތައްޔާރު ނުވެވި ތިބޭ މައިގަނޑު އެއް ސަބަބަކީ މާގިނައިން ޓީވީ ބެލުމާއި އެފަދަ އެހެން ކަންކަމުގައި ހޭދަކުރާ ވަގުތު ގިނަވުން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ނިއު ޔޯކް ޔުނިވަސިޓީގެ ދިރާސާގައި ބުނީ ގިނައިން ޓީވީ ބަލާ އަދި ސްކްރީން ހުންނަ އާލާތްތައް ބޭނުންކުރާ ކުދިންނަށް ވުރެ މި ކަންކަން މަދުން ކުރާ ކުދިން ކިންޑަގާޓެންއަށް ދާން ފަށާއިރު ސްކޫލްގެ މާހައުލަށް މާބޮޑަށް ތައްޔާރުވެފައި ތިބޭ ކަމަށެވެ.

ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި އެންޑްރޫ ރިބްނާ ވިދާޅުވީ ޓެކްނޮލޮޖީއަށް އަންނަމުންދާ ބަދަލުތަކާ އެކު، ފޯނާއި ޓެބްލެޓް ފަދަ ތަކެތި ބޭނުންކުރާ ކުދިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާކަން ފަހުގެ ހުރިހާ ދިރާސާތަކުން ވެސް ހާމަވާ ކަމަށެވެ.

މި ދިރާސާކުރުމަށް ރިބްނާ އާއި އޭނާގެ ޓީމުން ވަނީ ކިންޑަގާޓެންއަށް ދާ އުމުރުގެ 800 އަށް ވުރެ ގިނަ ކުދިންގެ ވިސްނުމުގެ ގާބިލްކަމާއި ހަނދާނާއި އިޖުތިމާއީ ކަންކަމުގައި ގުޅިގެން އުޅެން ދަސްވެފައި ހުރި މިންވަރާއި ބަހުގެ ހުނަރު ހުރި މިންވަރު ވަޒަންކޮށްފަ އެވެ.

މި ހޯދުންތަކުން އެނގުނީ ދުވާލަކު ދެ ގަޑިއިރަށް ވުރެ ގިނައިރު ޓީވީ ބަލާ ކުދިންގެ ހުނަރުތައް، މަދުން ޓީވީ ބަލާ ކުދިންނާ އަޅާބަލާއިރު ދަށް ކަމެވެ. އަދި މަދުން އާމްދަނީ ލިބޭ އާއިލާތަކަށް ނިސްބަތްވާ ކުދިންގެ ތެރޭގައި އުޅޭ ގިނައިން ޓީވީ ބަލާ ކުދިންގެ ހުނަރު ވަކިން ބޮޑަށް ދަށްވާ ކަމަށް ވެސް ދިރާސާއިން ހާމަވި އެވެ.

އެމެރިކަން އެކަޑަމީ އޮފް ޕީޑިއޭޓްރިކްސް އިން ލަފާ ދެނީ އުމުރުން 2-5 އަހަރާ ދެމެދުގެ ކުޑަކުދިންނަށް ދުވާލަކު އެއް ގަޑިއިރަށް ވުރެ ގިނައިރު ޓީވީ ނުދެއްކުމަށެވެ. އާ ދިރާސާގައި ވެސް ބުނީ ކުޑަކުދިންނަށް ދެ ގަޑިއިރަށް ވުރެ ގިނައިރު ޓީވީ ނުދެއްކުމަށެވެ.

މި ދިރާސާ މި މަހުގެ 1 ވަނަ ދުވަހުގެ ޖާނަލް އޮފް ޑިވެލޮޕްމަންޓް އެންޑް ބިހޭވިއަރަލް ޕީޑިއޭޓްރިކްސްގައި ވަނީ ޝާއިއުކޮށްފަ އެވެ.