24 ސެޕްޓެމްބަރ 2024 - 10:24

ހުޅުމާލޭގައި ބާރަށް ދުއްވާފައި ދަނިކޮށް އޭނާ ހުއްޓުވީ ފުލުހުންގެ ޗެކް ޕޮއިންޓަކުންނެވެ. ކާރު ދުއްވުމުގެ ލައިސަންސްގެ މުއްދަތު އޮތީ ހަމަވެފަ އެވެ. ކާރު ރަޖިސްޓަރީ ކޮށްފައި އޮތީ މާލެ ޒޯނަކަށް ނޫނެވެ. ހަރުކޮށްފައި ހުރީ ސައްހަ ނަމްބަރު ޕްލޭޓެއް ވެސް ނޫނެވެ. ގަވާއިދާ ޚިލާފުވެފައިވާތީ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށް، ފުލުހުންނަށް ޖެހުނީ ބާރުގެ ބޭނުންކޮށްގެން އޭނާ ހައްޔަރުކުރާށެވެ.

ބަންދުގެ މުއްދަތު ޖަހަން އޭނާ ކޯޓަށް ހާޒިރުކުރުމުން ނިންމީ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ތަހުގީގަށް ބަންދުކުރަން ޖެހޭ ސަބަބެއް ނުދެއްކުމުން، ކޯޓުން އޭނާ ދޫކޮށްލުމާ އެކު ފުލުހުން ވަނީ އޭނާގެ ވަނަވަރު އާއްމުކޮށްފަ އެވެ. "މާސިންގާ" ބޮޑު ކުށްވެރިއެއްގެ ގޮތުގައި ލޭބަލް ކުރުމުގެ ޖާގަ އެ ފޮޓޯ އާއި ވަނަވަރުން ހުޅުވާލީ އެވެ.

މިކަން ހިނގައިދިޔަ ގޮތުން ބައެއް މީހުން ސުވާލު އުފެއްދި އެވެ. މީހުން މެރުމާއި މާރާމާރީ އާއި ޑްރަގްސް އާއި ރޭޕްކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުންގެ ވަނަވަރު އާއްމުނުކޮށް، އާދައިގެ ކުށްތަކުގައި ވެސް މީހުންގެ ވަނަވަރު އާއްމުކުރުމަކީ އިންސާފެއް ހެއްޔެވެ؟ ކުށް ސާބިތު ނުވަނީސް ނުވަތަ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޯޓުން ދޫކޮށްލުމާ އެކު ވަނަވަރު އާއްމުކުރުމަކީ އޭނާގެ ހައްގަކަށް އަރައިގަތުން ކަމަށް ވެސް އެ ކޭސްގައި ހިޔާލުފާޅުކުރި ބައެއް މީހުން ދެކެ އެވެ.
ކުރިން ކުށުގެ ރެކޯޑު ނެތް މީހުން ވެސް އާދައިގެ ކުށްތަކުގައި، ފޮޓޯ އާއި ވަނަވަރު އާއްމުކޮށް މުޖުތަމައަށް ބޭޒާރުވެ އަގު ވެއްޓޭ ހިސާބަށް ކަންކަން ފުލުހުން ގެންދިއުން ބައެއް މީހުންނަށް ބަލައިގަނެވޭ ކަމަކަށް ނުވީ އެވެ.
އެކި މައްސަލަތަކުގައި ތުހުމަތަށް ހައްޔަރުކުރާ މީހުންގެ ވަނަވަރު އާންމުކުރުން ފުލުހުން ހުއްޓާލިތާ ދުވަސްގަނޑަކަށް ފަހު، ފޮޓޯތަކާއި ނަންތައް އާންމުކުރަން އަލުން ފެށީ މިދިޔަ މަހުގަ އެވެ.
މިދިޔަ މުއްދަތުގައި ފުލުހުން ވަނީ ކުށުގެ ތުހުމަތު ކުރެވުނު ގިނަ ބައެއްގެ ވަނަވަރު މީޑިއާއާ ހިއްސާކޮށްފަ އެވެ. ސޯޝަލް މީޑިއާ އަށް އެންމެންނަށް ފެންނަ ގޮތަށް ދޫކޮށްލައިފަ އެވެ. ބޮޑެތި ކުށްތަކާއި އާދައިގެ ކުދި ކުށްތަކުގައި ތުހުމަތު ކުރެވޭ ބައެއް މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ކުށް ސާބިތުވާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނޫނެވެ.
ހައްޔަރު ކުރުމާ އެކު، އެ މީހާގެ ފޮޓޯ އާއި ވަނަވަރު އާންމު ކޮށްލަނީ އެވެ.
ސުވާލަކީ ރާއްޖެ ފަދަ ކުޑަ މުޖުތަމައެއްގައި ކުށެއްގެ ތުހުމަތު ކުރެވޭ ހިސާބުން ކުށްވެރިއެއްގެ ޓެގު އަޅުވައި، މުޖުތަމައަށް ބޭޒާރު ކުރުން މިއީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ ވަނަވަރު އާންމު ކުރުމުގެ އިމުގެ ރޮނގު ދަމަން ޖެހެނީ ކިހާ ހިސާބަކުން ހެއްޔެވެ؟
މީގެ ކުރިން އަމަލު ކުރަމުން އައި ގޮތަށް ބަލާއިރު، މައްސަލަތަކުގައި މީސްމީހުންގެ ފޮޓޯތައް އާންމު ކުރަން ފެށީ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ ހިސާބުންނެވެ. އެއީ ވެސް ފުލުހުން ބޭނުންވާ މައްސަލަތަކުގައި އެކަންޏެވެ.
ނަމަވެސް އެ ގޮތް ބަދަލުކޮށް، ފާއިތުވީ ދެ މަހެއްހާ ދުވަހު ފުލުހުން ގެންދަނީ ގިނަ މައްސަލަތަކެއްގައި ތުހުމަތުވާ މީހުންގެ ވަނަވަރު ފޮޓޯއާ އެކު އާންމު ކުރަމުންނެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން ކުރިން ވިދާޅުވެފައި ވަނީ ކުޑަކުދިންނާ ގުޅުން ހުރި ކުށްތައް ފިޔަވައި އެހެނިހެން ކުށްތަކުގައި ހައްޔަރުކުރާ މީހުންގެ ވަނަވަރު އާއްމުކުރަން ފަށާފައިވާ ކަމަށެވެ.
އެކަމަކު، މިކަން ކުރެވޭނެ ވަކި އުސޫލެއް މިހާރު ކަނޑައަޅައިފައެއް ނެތެވެ. ނަމަވެސް، ތަހުގީގަށް ހުރަސްނޭޅޭ ނަމަ އެ ފަދަ މައުލޫމާތު ހާމަކުރެވެން އޮންނަ ވަރަށް މިހާރު ވެސް ހާމަކުރާ ކަމަށް ޝިފާން ވިދާޅުވެފައި ވެ އެވެ.
ދެފުށް ފެންނަ ހަރުދަނާ އުސޫލެއް އަދި ނެތެވެ. މައްސަލައަކަށް ވަނީ އެ ހިސާބުންނެވެ. މީޑިއާތަކާ މައުލޫމާތު ހިއްސާ ކުރުމުގެ ގަވާއިދެއް އެކުލަވައިލުމުގެ މަސައްކަތް އަދި އޮތީ ފުރަަތަމަ މަރުހަލާގަ އެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ޒާތީ މައުލޫމާތު ހިއްސާ ކުރެވޭނެ ޝަރުތުތަކެއް ޑްރާފްޓް ގަވާއިދުގައި ވަނީ އެކަށައަޅައިފަ އެވެ.
ފުލުހުންގެ ވިސްނުން ހުރީ އެ މީހެއްގެ މައްޗަށް ޖިނާއީ މިންގަނޑުން ކުށެއް ސާބިތު ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ހުރި ނަމަ ކުށުގެ ކުޑަބޮޑުމިނަށާއި މުޖުތަމައުގެ ރައްކާތެރިކަމަށް ރިއާޔަތްކޮށް، އާންމުންނަށް އެ މީހާގެ މައުލޫމަތު އެނގުން މުހިންމު ކަމަށް ތަހުގީގު އިސް ވެރިޔާ އާއި ސްޕޯކްސްޕާސަނަށް ގަބޫލުކުރެވޭ ނަމަ އެ މީހާގެ ވަނަވަރު އާންމު ކުރެވިދާނެ ގޮތަށް އުސޫލު އެކުލަވައިލުމަށެވެ.
އެ މީހެއްގެ މައުލޫމާތު އާއްމުކުރާއިރު، މަގްޝޮޓު ވެސް އާންމު ކުރުމަކީ ވެސް އުސޫލު އެކުލަވައިލަމުން އަންނައިރު ފުލުހުންގެ ވިސްނުމުގައި ހުރި ކަމެކެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމާން އަދި ރައްކާތެރި ވެއްޓެއްގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ވައުދާ އެއްގޮތަށް އެކަން ތަންފީޒުކުރުމަށް ނިންމި ނިންމުމެކެވެ.
ބޭނުމަކީ އާންމުންގެ ސަލާމަތަށް ނުރައްކާވެދާނެ ފަރުދުންނަށް ހޭލުންތެރިވެވޭނެ ނިޒާމެއް ގާއިމްކޮށް، ސިއްރުކުރުމުގެ ސިޔާސަތުން ކުށްވެރިންގެ އިތުރު ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ މަގު ބަންދު ކުރުމެވެ.
ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ވެސް ވަނަވަރު އާންމުކުރަނީ ހަރުކަށި އުސޫލެއްގެ ދަށުންނެވެ.
ފްރާންސާއި ޖަރުމަނާއި ނޯވޭ އަދި ސްވިޑްން ފަދަ ގައުމުތަކުގައި މީހާގެ ވަނަވަރު އާންމުކުރަނީ އާންމުންގެ މަސްލަހަތު އެ މައްސަލައެެއްގައި އޮތްވަރު ބެލުމަށް ފަހު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތްތަކުގަ އެވެ. ދިވެހިން ނަމޫނާއަކަށް ބަލާ ސިންގަޕޫރުގައި ވެސް ހާމަކުރަނީ ހަމައެކަނި ސީރިއަސް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު އެކަންޏެވެ. އެއީ ވެސް ޒާތީ މައުލޫމާތު ރައްކާތެރިކުރެވެން އޮތް ވަރަކަށް ކުރުމަށް ފަހުގަ އެވެ.
ޖިނާއީ މައްސަލަތަކުގައި ވަކާލާތު ކުރައްވާ ވަކީލަކު ވިދާޅުވި ގޮތުގައި ބޮޑެތި ގައުމުތަކުން މިހާ ހަރުކަށި ކަމާއެކު މިކަން ކުރާއިރު، ރާއްޖެ ފަދަ ކުޑަ އާބާދީއެއް އޮތް ގައުމަކުން މިކަން ކުރަން ޖެހޭނީ ވަރަށް ބޮޑަށް ރެގިއުލޭޓު ކުރެވިގެންނެވެ.
"ޕްރިސަމްޝަން އޮފް އިނޮސެންސް" ގެ އަސާސްގެ ދަށުން ކޮންމެ އިންސާނަކާ މެދު ވެސް ގާނޫނު ދެކެމުން އަންނަ އަސާސީ ހަމަ ކަމަށްވާ، ކުށެއް ސާބިތު ނުވަނީސް މައުސޫމް މީހެއް ކަމަށް ބެލުމުގެ ހައްގު ދެމި އޮވެ އެވެ.
ކުށެއްގެ ތުހުމަތު ކުރެވޭ މީހާގެ ފޮޓޯ އާއި ޒާތީ މައުލޫމާތު އާއްމުކޮށް، މުޖުތަމައުގެ ތެރެއަށް އޭނާ ބޭޒާރު ކޮށްލުމަކީ އޭނާގެ އެ ހައްގު ނިގުޅައިގަތުން ކަމަށް ވަކީލު ވިދާޅުވި އެވެ.
މި ކަމުގެ ސަބަބުން ތުހުމަތު ކުރެވޭ މީހާ އަށް އޭނާގެ މައުސޫމްކަން ސާބިތުވި ނަމަވެސް ނަފްސާނީ ގޮތުން އެކި ކަންކަމާ ކުރިމަތިލާން ޖެހި، މުޖުތަމައު ތެރެއަށް ނުކުތުމަށް ޖެހިލުންވެ ހުރަސް އެޅޭ ހާލަތަށް ދެ އެވެ.
"ބަންދު ކުރި ގޮތާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުގެ ކުރިން ވަނަވަރު މި އާންމު ކުރަނީ. ބަންދުގައި ބަހައްޓަން ޖެހޭ ސަަބަބެއް ނެތް ކަމަށް ކޯޓުން ނިންމިޔަސް މުޅި ރާއްޖެ އަށް އޭނާ މި ލޭބަލް ވެގެން ދަނީ ކުށްވެރިއެއްގެ ގޮތުގައި،" ވަކީލު ވިދާޅުވި އެވެ.
"ގެއްލިގެން ދަަނީ ތުހުމަތު ކުރެވޭ މީހާގެ ހައްގު އަސްލު. މުޖުތަމައުގެ މަސްލަހަތަށް ވުރެ، ތުހުމަތު ކުރެވޭ މީހުންގެ ކިބައިން ނިގުޅައިގަނެވޭ ހައްގު މީގައި ބޮޑު،"
އޭނާ ވިދާޅުވީ ވަނަވަރު އާއްމުކުރުމުގައި ކުށުގެ ކުޑަ ބޮޑުމިނަށް ބަލާ ކަމަށް ފުލުހުން ބުނެފައިވީ ނަމަވެސް، އެ ކަން އެ ގޮތަށް ކުރާ ތަން ނުފެންނަ ކަމަށެވެ. މިސާލެއްގެ ގޮތުގައި ނެންގެވީ އާދައިގެ ޓްރެފިކް ވަޔަލޭޝަންތަކުގައި ހިފަހައްޓާ މީހުންގެ ވަނަވަރު އާންމު ކުރުމެވެ.
އެންމެ ބޮޑެތި ނުރައްކާތެރި ކުށްތަކުގެ ތުހުމަތު ކުރެވޭ ކަމެއްގައި އެއް ހަމައެއްގައި ކުޑަ ޖޫރިމަނާއެއް ދައްކަން ޖެހޭ ކުޑަ ކުށަކާ މެދު އަމަލު ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އަނެއް ކަމަކަށް އޭނާ ފާހަގަކުރެއްްވީ މި ކަމުގައި އަމަލު ކުރަން ޖެހޭ ވަކި އުސޫލެއް ނެތި، ވަނަވަރު އާންމު ކުރުމުގެ ބާރު ފުލުހުންގެ އިސް އޮފިސަރަަށް ދީފައި އޮތުމުން އެކި މައްސަލަތަކުގައި ތަފާތުކުރުން ގެންގުޅޭ ގެންގުޅުމެވެ.
މި ފަހުން ކުރިމަތިވި އެއް ކަމަކީ އައިޖީއެމްއެޗް ކައިރިން ދިވެހި ފިރިހެނަކު ހުއްޓުވައި ކޮޓަރިއަކަށް ދިއުމަށް ދައުވަތުދީ، އޭނާ ފޭރުނު މައްސަލައެކެވެ. އެ އަށް ފަހު ފިރިހެންމީހާ ރަހީނުކޮށް، އޭނާގެ ކޭޝް ކާޑު އަތުލައި އޭނާގެ އެކައުންޓުން 53،000ރ. ފޭރިގަނެފައިވާ ކަމުގެ ތުހުމަތު ކުރެވުނު ދިވެހި އަންހެނެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ނަމަވެސް އަންހެން މީހާއާ އެކު، މި ކުށުގައި ބައިވެރިވި ދިވެހި ފިރިހެން މީހާގެ ވަނަވަރު ފުލުހުން މިއަދާ ހަމައަށް ވެސް އާންމުކޮށްފައެއް ނުވެ އެވެ.
މިފަދަ ތަފާތު ކުރުންތައް ނައްތާލައި، މިކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދެވޭނީ މިފަދަ ހަރުދަނާ އުސޫލެއް ގާއިމް ކުރެވިގެން ކަމަށް ވަކީލު ގަބޫލުކުރައްވަ އެވެ.
އޭނާ ވިދާޅުވީ، ވަނަވަރު އާންމު ކުރި ނަމަވެސް އެކަން ކުރަން އެންމެ ރަނގަޅީ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ތަހުގީގު ނިމި، ދައުވާ ކުރަން ފޮނުވާ ހިސާބުންނެވެ.
ރާއްޖެ ފަދަ އެކަކު އަނެކަކު ދަންނަ ކުޑަ އާބާދީއެއް އޮންނަ ގައުމެއްގައި ކޮންމެ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއް މިގޮތަށް "ބޭޒާރު" ކޮށްލުމުގެ ކުރިން ގިނަ ކަންކަމަށް ބަލަން ޖެހެ އެވެ. މިއަށް ވުރެ ދެ ފުށް ފެންނަ ގޮތެއްގައި ކުރެވި ގާނޫނު އަސާސީން ކަށަވަރު ކޮށްދޭ "އިނަސަންޓް އަންޓިލް ޕްރޫވަން ގިލްޓީ"ގެ ހައްގު ލިބެން ޖެހެ އެވެ.