02 މާޗް 2017 - 11:34

މި މަހުގެ ތިން ވަނަ ހަފުތާގައި ރާއްޖެ ވަޑައިގަންނަވާ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަތުރަށް ހުރަސްއަޅަން ރާވާ ކަމުގެ ތުހުމަތުގައި އެމްޑީޕީ ހަރުގެއަށް ފުލުހުން ވަދެ ފާސްކުރި މަންޒަރު ފޮޓޯ ނެގި ފިރިހެން ޓޫރިސްޓަކު ރޭ ހައްޔަރުކޮށްފި އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނިގޮތުގައި ކެމެރާއެއް ކޮނޑުގައި އަޅުވައިގެން ހުރެ އެ ސަރަހައްދު އޭނާ ފޮޓޯ ނެގީ ފާސްކޮށް ނިންމައި ފުލުހުން ވެހިކަލްތަކުގައި ދާން އުޅެނިކޮށް ކަމަށެވެ. އޭނާ ފޮޓޯ ނަގާ ތަން ފެނިގެން، ކެމެރާ އަތުލައި ފުލުހުން ފޮޓޯތައް ބެލުމަށް ފަހު ހައްޔަރުކޮށްގެން ގެންދިޔައީ އޭނާ ދިރިއުޅޭ ގެސްޓު ހައުސް އަށް ގެންދިއުމަށް ފަހު ކަމަށް ވެ އެވެ.
"ގެސްޓު ހައުސް އަށް ގެންގޮސް ޗެކްއައުޓް ކުރުވައިގެން ފުލުހުންގެ ވެހިކަލުގައި ގެންދިޔައީ،" މަންޒަރު ދުށް މީހަކު ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީގެ ހަރުގެ ސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޓޫރިސްޓު ވިސާއާ ހިލާފަށް އުޅުނު މީހެއް ކަމަށެވެ. އޭނާ މިހާރު އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމްޑީޕީ ހަރުގެ އަށް ކޯޓު އަމުރަކާ އެކު ވަނީ ފުލުހުން ބުނެފައިވާ ގޮތުގައި ދިވެހިރާއްޖެ އަށް ވަޑައިގަންނަވަން ނިންމަވާފައިވާ އިއްޒަތްތެރިންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ ކަންތައްތަކެއް ރާވާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެމްޑީޕީގެ ހަރުގެއަށް ފުލުހުން މިވަނީ، ސައުދީ ރަސްގެފާނުގެ ދަތުރުފުޅަށް ހުރަސްއަޅަން އެއްވެސް ކަމެއް ހިންގާނަމަ އެކަން ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީ ބަޔާނެއް ނެރުމަށް ފަހު އެވެ.