22 ސެޕްޓެމްބަރ 2024 - 18:15

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން އެކި މައްސަލަތަކުގައި މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ގައުމަށް ފޮނުވާލައިފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ބުނެފި އެވެ.
އިމިގްރޭޝަނުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން، މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް 4،054 ބިދޭސީއަކު ވަނީ ފުރުވާލައިފަ އެވެ.
މި މަހު މިހާތަނަށް 633 ބިދޭސީން ޑީޕޯޓުކޮށްފައިވާއިރު، އެންމެ ގިނަ ބިދޭސީން ޑީޕޯޓުކުރީ މިދިޔަ ޖޫން މަހުގައި ވަނީ 690 ބިދޭސީން ފުރުވާލައިފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ހޯމް މިނިސްޓްރީން ޓާސްކް ފޯހެއް އެކުލަވާލައި އިމިގްރޭޝަނުން އަންނަނީ ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ފުރުވާލާފައިވާ ބިދޭސީންގެ ތެރޭގައި ގަވާއިދާ ހިލާފަށް، ސައްހަ ވިޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި އެކިއެކި ކުށްރަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނެ އެވެ. އޭގެ ތެރޭގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ އާއި ހަށި ވިއްކުމުގެ ވިޔާފާރީގައި ޝާމިލުވާ ބިދޭސީން އެ އޮޕަރޭޝަނުގައި ޑީޕޯޓްކޮށްފައިވެ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ބިދޭސީން ދިރިއުޅޭ ތަންތަންނާއި މަސައްކަތްކުރާ ތަންތަން ވެސް އިމިގްރޭޝަނުން ދަނީ ބަލައި ފާސް ކުރަމުންނެވެ.