ހިލޭ ވިސާގައި ނޯތު ކޮރެއާ މީހުން މެލޭޝިއާ އަށް ދަތުރު ކުރުން މަނާކޮށްފި
ހިލޭ ވިސާގައި ނޯތު ކޮރެއާ މީހުން މެލޭޝިއާ އަށް ދަތުރު ކުރުން މަނާކޮށްފި

ކުއާލަ ލަމްޕޫރު (މާޗް 2) - ހިލޭ ވިސާގައި ނޯތު ކޮރެއާ މީހުން މެލޭޝިއާ އަށް އެތެރެވުން މަނާކޮށްފި އެވެ.

މެލޭޝިއާގެ ބޮޑު ވަޒީރުގެ ނައިބް އަހުމަދު ޒާހިދު ހާމިދީ ވިދާޅުވީ މި މަހު 6 ވަނަ ދުވަހުން ފެށިގެން ނޯތު ކޮރެއާ މީހުން މެލޭޝިއާ އަށް އެތެރެވެވޭނީ ވިސާ ހޯދައިގެން ކަމަށެވެ. އަދި މިއީ ސަލާމަތީ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

ނޯތު ކޮރެއާ މީހުން ހިލޭ ވިސާގައި 30 ދުވަހު މެލޭޝިއާގައި މިހާރު ތިބެވެ އެވެ.

މެލޭޝިއާ އިން މި ފިޔަވަޅު އެޅީ ނޯތު ކޮރެއާގެ ލީޑަރުގެ ބޭބެ ކިމް ޖޮން-ނަމް މީގެ ދެ ހަފުތާ ކުރިން މަރާލި މައްސަލައިގައި ނޯތު ކޮރެއާގެ ބައެއް މީހުންނަށް ތުހުމަތުކޮށް އެ މީހުން ހޯދުމަށް ރެޑް ނޯޓިސް ނެރެފައި ވަނިކޮށެވެ. އޭގެ ތެރޭގައި ޑިޕްލޮމެޓިކް ސްޓާފަކު ވެސް ހިމެނެ އެވެ.

ކިމްގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނޯތު ކޮރެއާ މީހަކު ވެސް ހިމެނެ އެވެ. އެކަމަކު މެލޭޝިއާގެ އެޓާނީ ޖެނެރަލް އަޕަންޑީ އަލީ ވިދާޅުވީ އެ މީހާގެ މައްޗަށް އެކަށީގެންވާ ހެކި ލިބިފައި ނުވާ ކަމަށާއި އެހެންވެ އޭނާ ދޫކޮށްލުމަށް ފަހު ޑިޕޯޓް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މަކާއޫ އަށް ފުރަން ގޮސް ހުއްޓާ މިދިޔަ މަހު 13 ވަނަ ދުވަހު ކިމް މަރާލީ ވީއެކްސް ނާވް އެޖެންޓެއް ބޭނުންކޮށްގެންނެވެ. އެކަންކޮށްފައި ވަނީ ދެ އަންހެނަކު ބައިވެރިވެގެން ކިމްގެ މޫނުގައި ފޮތިގަނޑެއް އަޅައިގެންނެވެ. މި ދެ އަންހެނުންގެ މައްޗަށް އިއްޔެ ވަނީ މީހުން މެރުމުގެ ދައުވާ އުފުލައިފަ އެވެ.

ސައުތު ކޮރެއާ އިން ބުނެފައި ވަނީ ކިމް މަރާލީ ނޯތު ކޮރެއާގެ ސަރުކާރުގެ ރޭވުމެއްގެ ދަށުން ކަމަށެވެ.