22 ސެޕްޓެމްބަރ 2024 - 11:31

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކަށް ދައުވާ ކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން މިއަދު ބުނީ، އެ މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެެދި ފޮނުވާފައި ވަނީ މިދިޔަ ޖުލައި 24 ގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.
އެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ފޮނުވާފައި ވަނީ ޕާކިސްތާނުގެ މީހެއް ކަމަށްވާ މޮލްވި މުހައްމަދު ހާރޫން، 49 އަކާއި ވިލިމާލޭ، ޝާހިލް މުހައްމަދު، 40 އާއި ހދ. ކުމުންދޫ، އަހުމަދު އައްފާނު، 25 ގެ މައްޗަށެވެ.
ފުލުހުން ބުނިގޮތުގައި އެ މީހުންނަށް ދައުވާކޮށްދޭން އެދި ފޮނުވާފައި ވަނީ މި މަހުގެ 17 އިގަ އެވެ.
އެ މީހުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށްފައި ވަނީ ކޮން ގައުމަކުން އަދި ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމެއް ސާފެއް ނޫނެވެ.
ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އަށް މިފަހުން ވެސް މަސްތުވާތަކެތި އެތެރެކުރި ކޮށްފައިވެ އެވެ. މިދިޔަ ހޯމަ ދުވަހު ވެސް ވަނީ ސްރީ ލަންކަން އެއާލައިންސް އިން ރާއްޖެ އަށް އައި ދިވެއްސެއްގެ އަތުން މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފަ އެވެ.