އެފްއެޗްއޭއެމްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
އެފްއެޗްއޭއެމްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު

ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގެ އެގްޒިބިޝަން އާއި ކަލިނަރީ ޗެލެންޖްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއި ކޮށްފި އެވެ.

ދިވެހި އެކްސްޕޯ ސާވިސް އާއި ބޭރުގެ ސީޑީސީ އިވެންޓްސް އިން އިންތިޒާމްކުރާ ބައިނަލްއަގްވާމީ މި އެގްޒިބިޝަންގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި މީގެ ކުރީގެ އަހަރުތަކުގައި ވެސް ދިރާގުން ވަނީ މަސައްކަތްކޮށްފަ އެވެ. މިއަދު ފަށާ މި އެގްޒިބިޝަން އޮންނާނީ ބުދަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ.

އެފްއެޗްއޭއެމް އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓާލިޓީ ޓްރޭޑް ޝޯ އެވެ. މި އެގްޒިބިޝަންގައި ރާއްޖެ އާއި އޭޝިއާ ސަރަހައްދުގެ ކުންފުނިތަކުން ތަފާތު ގިނަ ހިދުމަތްތަކާއި އުފެއްދުންތައް ދައްކާލާނެ އެވެ.

މިއީ، ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓް ހައުސް އަދި ރެސްޓޯރެންޓާއި ކެފެޓީރިއާތައް ހިންގާ ފަރާތްތަކާ ހިއްސާދާރުންގެ ސަމާލުކަން ލިބިގެންދާ ހަރަކާތެކެވެ.

މި އެގްޒިބިޝަނުގެ ކަލިނަރީ ޗެލެންޖަކީ ވެސް ގިނަ އަދަދެއްގެ ޝެފުން ބައިވެރިވާ ބޮޑު ހަރަކާތެކެވެ.

މި ޕާޓްނާޝިޕާ ގުޅޭ ގޮތުން ދިރާގުގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ އެ ކުންފުންޏަކީ އަބަދުވެސް ރާއްޖޭގެ ހޮސްޕިޓާލިޓީ ދާއިރާއާ ގުޅޭ މި ފަދަ ހަރަކާތްތަކަށް އެއްބާރުލުން ދޭ ކުންފުންޏެއް ކަމަށެވެ. އަދި ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި އެ ކުންފުނިން މި ހަރަކާތް އެންމެ ފުރިހަމައަށް ކުރިއަށް ގެންދިއުމަށް ދެވެން ހުރި އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.

ދިރާގަކީ މި ފަދަ ބޮޑެތި އެކި ހަރަކާތްތަކުގައި ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ޑިޖިޓަލް ސަޕޯޓު ދެމުންދާ ކުންފުންޏެކެވެ.