02 މާޗް 2017 - 09:32

ބާސެލޯނާ (މާޗް 2) - ސްޕެނިޝް ލީގުގައި ރޭ ސްޕޯޓިން ގިޔޯން އަތުން 6-1 އިން މޮޅުވެ ލީގުގެ އެއް ވަނަ އަށް ބާސެލޯނާ ޖެހިލިއިރު، އަމިއްލަ ދަނޑުގައި ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗުން ބަލިނުވެ ރެއާލް މެޑްރިޑް ސަލާމަތްވެއްޖެ އެވެ.
ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗު ރެއާލް އެއްވަރުކުރީ ފަހަރުން އަރައި 3-3 އިންނެވެ. ބާސެލޯނާ ލީގުގެ އެއް ވަނަ އަށް ޖެހިލީ 25 މެޗުން 57 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން އެއްވަރުވެ ރެއާލް ދެ ވަނަ އަށް ވެއްޓުނުއިރު ލިބިފައިވަނީ 24 މެޗުން 56 ޕޮއިންޓެވެ. ސެވިއްޔާ ތިން ވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓާ އެކު އެވެ.
ބާސެލޯނާ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ ލުއިސް ސުއަރޭޒް ދެ ލަނޑާއި ލިއޮނަލް މެސީ، ޕަކޯ އަލެސެއާ، ނޭމާ އަދި އިވާން ރަކިޓިވް ކޮންމެ ކުޅުންތެރިއަކު އެއް ލަނޑެވެ. މި މެޗުގައި ސްޕޯޓިންގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ކާލޮސް ކާސްޓްރޯ އެވެ.
ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުނީ މިއީ ޗެމްޕިއަންސް ލީގުގައި މުހިއްމު މެޗަކަށް ނުކުތުމުގެ ކުރިން ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ލެގުގައި އަންނަ ބުދަ ދުވަހުގެރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ. ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 4-0 އިން މޮޅުވެފަ އެވެ.
ރޭ ރެއާލް ކުޅުނު މެޗުގެ އަށް ވަނަ މިނިޓްގައި އެ ޓީމަށް ލީޑު ނަގައިދިނީ އިސްކޯ އެވެ. އޭގެ ދެ މިނިޓް ފަހުން ލަސް ޕަލްމާސް އަށް އެއްވަރުކޮށްދިނީ ޑޮމިންގޭޒް އެވެ.
ރެއާލަށް މި މެޗުގައި މައްސަލަތައް ދިމާވީ ދެ ވަނަ ހާފް ފެށިގެން ދެ މިނިޓް ތެރޭ އެ ޓީމުގެ ގަރެތު ބޭލް އަށް ރަތް ކާޑު ދެއްކުމުންނެވެ. ރެއާލްގެ އެއް ކުޅުންތެރިއަކު މަދުވިތާ ނުވަ މިނިޓް ފަހުން ލަސް ޕަލްމަސް ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. ލިބުނު ޕެނަލްޓީ އަކުން މެޗުގެ 56 ވަނަ މިނިޓްގައި މި ލަނޑު ކާމިޔާބުކުރީ ޖޮނަތަން ވިއޭރާ އެވެ. އޭގެ ތިން މިނިޓް ފަހުން އެ ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ކެވިން ޕްރިންސް ބޯޓެން އެވެ.
ރެއާލް ބަލިނުވެ ސަލާމަތްކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ދެ ލަނޑު ވެސް ކާމިޔާބުކުރީ މެޗުގެ ފަހު ހަތަރު މިނިޓް ތެރޭގަ އެވެ.