އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.

އާ ދުވަހަކަށް އިރުއެރިޔޭ މީހުން ކިޔާ އަޑުއަހަމެވެ. އަހަންނަށް އަބަދު ވެސް އިރުއަރަނީ އެއްދުވަހަކަށެވެ. ތަފާތެއް ނެތެވެ. އަހަންނަށް މިއަދަކީ ވެސް އިއްޔެއެވެ. މާދަމައަކީ މިއަދެވެ. އާ ކަމެއް، އާ އުންމީދެއް ނެތެވެ. އާ ޝަކުވާއެއް ވެސް ނެތެވެ. ހަމަ އެ ކޮޓަރިއެވެ. އެ އެނދެވެ. އެ ފިރިމީހާއެވެ. އެ ދިރިއުޅުމެވެ. ވިސްނަންއޮއްވައި ފޯނު ސޯނާވާނެއެވެ. ސޯނާވުމުގެ ގަޑިއެއްހައި އިރު ކުރިން އަހަންނަށް ހޭލެވޭނެއެވެ. ހޭލެވެނީކީ ނޫނެވެ. އަހަރެން އޮންނަނީ ދެބަދޭތެރޭގައެވެ. ރަނގަޅަކަށް ނުނިދެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް ނިދަން އޮށޯވެގެން އޮންނަނީއެވެ. ކާހިތެއް ވެސް ނުވެއެވެ. ކޮންމެ ވަގުތަކު ކާން އިށީނދެފައި ކަނީއެވެ. މި ދިރިއުޅުން އަހަރެން އުޅެންވީ ކިހައި ދުވަހަކުހެއްޔެވެ؟

ފުން ނޭވައެއް ބޭރުކޮށްލުމަށް ފަހު އަހަރެން ތެދުވީމެވެ. ސޯނާވުމުގެ ކުރިން ސޯނާ ކަނޑައިލީމެވެ. އެހެން ނޫނީ ފިރިމީހާއަށް ހޭލެވޭނެއެވެ. ރުޅި އަންނާނެއެވެ. އޭނަގެ ނިދިކޮޅު ހަލާކުވި ކަމުގެ ޝަކުވާ ކުރާނެއެވެ. އަހަރެން ހިތަށް އަރައެވެ. ހަތަރުދަމު އަރާމުކުރުން ނޫން ކަމެއް އޭނަ ކުރޭހެއްޔެވެ؟ ހުރިހައި މަސައްކަތެއް މި ކުރަނީ އަހަންނެވެ. އާމުދަނީ ހޯދަނީ އަހަންނެވެ. ގޭތެރޭގެ ހުރިހައި މަސައްކަތެއް ކުރަނީ ވެސް އަހަންނެވެ. ނިދައި މަރުވެފައިވާ ފިރިމީހާގެ މޫނަށް ބަލަހައްޓައިގެން ހުރެ އަހަރެން ވިސްނީމެވެ. އެއީ ހަމަ އަހަރެން ލޯބިން މަރުދަން ޖެހުނު ޒަލަފް ހެއްޔެވެ؟ އޭނަޔާ ނީނދެވިއްޖެއްޔާ ހުސްހަށިބަޔަށް ހުންނަން އަޒުމު ކަނޑައެޅި މީހާ ހެއްޔެވެ؟ އަހަރެން މޮޔަވީ އޭނަގެ ކޮން ސިފަޔަކަށް ހެއްޔެވެ؟

ފާހާނައަށް ވަނީމެވެ. ފެންވަރަށް ބޭނުން ނުވެފައި، މާގަނޑު ދަށުގައި އެތައް އިރަކު ހުރީމެވެ. އެ ދިރިއުޅުން މަތިން އަހަރެން ފޫހިވެއްޖެއެވެ. އަބަދު އެއްކަމެއް ކޮށްކޮށް ވާޅު ވެއްޖެއެވެ. އުމުރުން އަށާރަ ފުރުނީއްސުރެ ވަޒީފާ އަދާކުރަނީއެވެ. ދެން ލިބޭނީ ދެވަނަ ޕެންޝަނެވެ. އަހަރެންގެ ދަރިފުޅު މީހަކާ އިނދެގެން ހިނގައްޖެއެވެ. މާމަ ކިޔާނީ މާދަމާ ނޫން ކަމެއް ނޭނގެއެވެ. މިހައި ހިސާބަށް އުމުރު ދިޔުމުން، ވަޒީފާ އަދާކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެކަމަކު ވަޒީފާ އިން ކެނޑުން ފިރިމީހާ އޮތީ މަނާކޮށްފައެވެ.
ޒަލަފްއަކީ މާލޭ މީހެކެވެ. އަހަރުމެން ދިރިއުޅެނީ، ގެ ބަހައިގެން އޭނަ އަށް ލިބިފައިވާ ބައިގައެވެ. ވަރި ކޮށްފިއްޔާ އަހަރެން ދާން ޖެހޭނީ ރަށަށެވެ. މައްސަލައަކީ އެއީއެވެ. އަހަރެން ޖެހޭނީ، ވަކި ކުރަންދެން ވަޒީފާގައި ދެމިހުންނާށެވެ. ދެން އެ ކަމާ ވިސްނުމުގެ ބޭނުމެއް ކޮބައިހެއްޔެވެ؟ އަހަރެން އުޅެނީ ހިނގައިފައެވެ. ފިރިމީހާގެ ސައިކަލެއް ހުރެއެވެ. ހިތަށް އެރި ދުވަހަކު އަހަރެން އޮފީހަށް ގެންގޮސްދެއެވެ. ކުރިން އަހަންނަކަށް އެއީ މައްސަލައެއް ނޫނެވެ. އެކަމަކު މަގުތައް ތޮއްޖެހި، ދުރުގައި ހުންނަ ތާކަށް އޮފީސް ބަދަލުވުމުން، ހިނގާފައި އުޅުމަކީ އަހަރެން ވަރަށް ފޫހިވާ ކަމެކެވެ. އޮފީސް ޒަމާނީވެ، ލިޔެކިޔުން ކޮންޕިއުޓަރަށް ބަދަލުވުމަކީ އަހަންނަށް ކުރިމަތިވި އިތުރު ގޮންޖެހުމެކެވެ. އަލަށް ހެދި ޑިޕާޓުމަންޓުގައި އުޅެނީ ޒުވާން ކުދިންނެވެ. އެ ކުދީންގެ ބަސްމަގާއި ސަގާފަތް އަހަންނަށް ވަރަށް ބީރައްޓެއްސެވެ. މާ ގިނައިން އިތުރުގަޑީގައި ނުކުންނަން ޖެހުން އެއީ ވެސް މައްސަލައެކެވެ. އަހަރެން ގަޔަކު މިހާރު އެހައި ހިތްވަރެއް ނުހުރެއެވެ.

ފެންވަރައިގެން ނުކުމެ ބޮކި ދިއްލީމެވެ. ކޮޓަރި އަނދިރި ކަމުންނެވެ. ބޮކި ދިއްލުމާ އެކު ޒަލަފް ޗޮކެއް ކަނޑައިލިއެވެ. އޭނަ އަށް އުނދަގޫވީއެވެ. އެ ވެސް ހަމަ ކޮންމެ ދުވަހަކު ވާ ގޮތެކެވެ. އަހަރެން އަޅައެއް ނުލަމެވެ. ތައްޔާރު ވެގެން އަހަރެން ފުރަތަމަ ޖެހޭނީ ޒަލަފަށް ސައި ހަދާށެވެ. ހަމަ ކޮންމެ ދުވަހަކު ވެސް އޭނަ ކަނީ ރޮށްޓާއި ރިހައެވެ. އެއީ ވަރަށް ފަހަކުން ޒަލަފަށް އެރި ބަލިގަނޑެކެވެ. ހަމަ ކުއްލިއަކަށް ޒަލަފަށް ޕާން ހަރާންވި ކަހަލައެވެ. އާޓާފުށެއް ޒަލަފަކަށް ނުދިރެއެވެ. އަހަންނަކީ ހަކުރާއި ކެލަސްޓްރޯލަށް ބޭސްކާ މީހެކެވެ. އެތައް ވާހަކައެއް ދައްކައިގެން ވެސް، އެ ކަމުގައި އަހަންނަކަށް އަލިމަގެއް ނުފެނުނެވެ.

އޮފީހަށް ވަންނަ އިރު ވެސް އަހަރެން ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. ކުރަން ބޭނުން ނުވާ ކަމެއް ކުރަން ޖެހުނީމައި އެހެން ނުވެއެއް ނުދާނެއެވެ. ފިރިމީހާއާ ދިމާއަކަށް އެއްޗެއް ނުބުނަމެވެ. ބުނެވޭކަށް ވެސް ނޯވެއެވެ. އުދާސްތައް އަހަންނަށް ބޭރުކޮށްލެވެނީ ރައްޓެހިންނަށެވެ. އޭގެ ސަބަބުން، އަހަރެން ވެފައި ވަނީ ރުންކުރު މީހަކަށެވެ. މީހުންނަކަށް ހަގީގަތެއް ނޭނގެއެވެ. ކައިވެންޏަށް ފަހު އަނބިމީހާ އަށް ހަރަދު ކުރުމަކީ ފިރިމީހާގެ ޒިންމާއެކެވެ. އެކަމަކު އަހަންނަށް ޖެހުނީ ފިރިމީހާ އަށް ހަރަދު ކުރާށެވެ. ދަރިއެއް ފަދައިން އޭނަ ބަލާށެވެ. ރަށުން ބޭރަށް ދިޔަސް އޭނަ ގެންދަމެވެ. އެހެން ނޫނީ އޭނަ އަށް ކާންދޭނީ ކާކު ހެއްޔެވެ؟ ކުޑަމިނުން ފިރިމީހާ ޝުކުރުކުރާ ނަމަ ވާނީ ކީއްހެއްޔެވެ؟ ބަދަލުގައި ފިރިމީހާ ވިސްނައިދީފައި އޮންނަނީ، އެއީ އަހަރެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ޒަލަފްގެ މުޅި ދުވަސް ހޭދަވަނީ ގޭގައި އިނދެގެން ފިލްމު ބެލުމާއި، ފޯނުން ގޭމު ކުޅުމާއި، ރައްޓެހިންނާ އެކުގައި ކޮފީއަށް ދިއުމުގައެވެ. އަހަރެންގެ މުސާރަ ސިޓީއުރައިގައި ލިބުނު ޒަމާނުގައި، އުރަ އޮތް ގޮތަށް ދޭން ޖެހެނީ ޒަލަފަށެވެ. އަހަރެން އެއްޗެއް ގަންނަން ބޭނުން ވެއްޖެއްޔާ ޖެހޭނީ އޭނަ ކައިރީގައި ބުނާށެވެ. ހިތަށް އަރައިފިއްޔާ އޭނަ ބޭނުން ވަރެއް ދެއެވެ. ހިތަށް އަރައިފިއްޔާ ލިބޭނީ ތަގުރީރެކެވެ. ގިނަ ފަހަރަށް ލިބޭނީ ތަގުރީރެވެ. އެކައުންޓަށް މުސާރަ ޖަމާވާން ފެށުމުން، ފުރަތަމަ ކޮޅުގައި އަހަންނަށް އަހަރެންގެ މުސާރަ ލިބުނެވެ. ފަހުން ޖެހުނީ ޒަލަފަށް ކޭޝްކާޑު ދޭށެވެ.

އާދައިގެ މަތިން އަހަރެން އޮފީސް ނިންމާފައި ގެއަށް އައި ދުވަހެކެވެ. އަަހަރެން ހުރީ ވަރަށް ވަރުބަލި ވެފައެވެ. އައި ގޮތަށް އައިސް ސޯފާގައި އިށީނދެލީމެވެ. ފަހަކަށް އައިސް އަަހަރެންގެ ވަރުބައްޔެއް ނުފިލައެވެ. ގައިގަ ރިހުމާއި، ނުކެވުމާއި، ނިދިނައުން އާންމުވެއްޖެއެވެ. އެހެން ކަމެއް ވެސް ފެށުނެވެ. މާ އަވަހަށް އަހަރެން ހިތުގަ ޖެހެނީއެވެ. ގަޑިން ގަޑިއަށް ފިރިމީހާ އަށް ކޮށްދޭންޖެހޭ ކަންކަން ކޮށް ނިމުނީމައި އަހަރެން އިށީނދެލައިގެން އިންނަނީއެވެ. އެހެން ނޫނީ އޮންނަނީ އޮށޯވެލައިގެންނެވެ. ޓީވީ ބަލާ ހިތެއް ނުވެއެވެ. ފޯނާ ކުޅޭ ހިތެއް ވެސް ނުވެއެވެ. އަމިއްލަ ހާލުގެ މައްޗަށް ފިކުރު ކުރަން އޮވެވެނީއެވެ. އެ ކަމާ ޒަލަފް ވަރަށް ކުދި ކިޔައެވެ. އަހަރެން ކަންނެތްވީއެވެ. މުސްކުޅިވީއެވެ. ގޮތް ދައްކަނީއެވެ. ކޮންމެ އެއްޗެއް ކިޔަސް އަހަންނަށް ފަރުވާލެއް ނެތެވެ. ދިފާއުގައި އެއްޗެއް ބުނާ ހިތެއް ނުވެސް ވެއެވެ. އެހެނަސް، މުސްކުޅިވި ކަމަކަށް އަހަރެންގެ ނަފުސު އެއްބަހެއް ނުވެއެވެ. އުފެދުމުގައި ވެސް އަހަންނަކީ، އުމުރަށް ވުރެ ޒުވާންކޮށް ހުންނަ މީހެކެވެ. ރައްޓެހިންގެ ތެރެއިން ވެސް އަހަރެންގެ އުމުރު ސީދާކޮށް ބުނަން އެނގޭނީ މަދު މީހަކަށެވެ.

"ކަސްރަތެއް އެއްޗެއް ކޮށްލާ ނަމަ ތިހެނެއް ނުވާނެ،" ނިކަން މޮޅު އެއްޗެއް ބުނެލާނަމޭ ހިތައި ޒަލަފް ބުންޏެވެ. "ތަންކޮޅެއް ފިޓްވެލަބަލަ! އެހެން ނޫނީ ކިހިނެއް ސައިކަލު ފަހަތަަށް އަރުވާނީ؟"

ސަމާސައިގެ ނިޔަތުގައި ޒަލަފް އެހެން ބުނި ނަމަވެސް އަހަންނަށް އެ ކަމާ ދޭތެރޭގައި ވިސްނުނެވެ. ހިތަށް އެރިއެވެ. އެބަ ފަލަވެއެވެ. ގައިގަ ރިއްސައެވެ. އަބަދު އެއް ކަމެއް ކޮށްކޮށް، އެއް ތަނަކަށް ގޮސްގޮސް ފޫހިވެއްޖެއެވެ. ކަސްރަތު ކުރަން ދިޔުމުން ދިރިއުޅުމަށް އާކަމެއް ތައާރަފު ކުރެވުނީއެވެ. އާ ބަޔަކާ ވެސް ދިމާވާނެއެވެ. ފަހަރެއްގައި ކޮންމެވެސް ކަހަލަ ހިތްހަމަޖެހުމެއް ވެސް ލިބިދާނެއެވެ. އެކަމަކު، ޖިމަކަށް ދާހިތެއް ނުވިއެވެ.

"ހިނގާ މޫދު ކުލާހުގަ ބައިވެރިވާން،" ނަބާހާ ލަފާދިނެވެ. "ހުސް އަހަރުމެން އުމުރުގެ މީހުން ދާނީ. ވަރަށް މަޖާ! ތި އުޅެނީ ގައިގަ ރިއްސާތީއެއްނު. ތި ކަން ވެސް ހައްލުވާނެ. މަހަކު ވަރަށް ކުޑަ އެއްޗެއް ދޭން ޖެހެނީ."

ނަބާހާއަކީ އަހަރެން އޮފީހަށް ވަނީއްސުރެ އެންމެ ގާތްކޮށް އުޅޭ އެކުވެރިޔާއެވެ. ގޭދޮށު މީހެކެވެ. ހިތަށް އެރިއެވެ. އޭނަޔާ އެއްކޮށް ދާން އަހަންނަށް ފަސޭހަ ވެސް ވާނެއެވެ.

"ފިރިމީހާ ގަބޫލުވާނެތަ؟" ނަބާހާ އެ ސުވާލު ވެސް ކުރިއެވެ. "މިއުޅޭ ނާޝިދާ ވެސް ނިކަން ބާރުލާފަ ފެށި. ދެވަނަ ހަފުތާގަ މަނާވެއްޖެ!"

"އަހަންނަށް މަނާ ކުރާނީ ކާކު؟" ފިކުރެއް ނެތި އަހަރެން ބުނީމެވެ. "ބަލަންޖެހޭ ދަރިއެއް ހުރީކީ ނޫން. އަހަރެންގެ ފަރި ބަލާނެ މީހަކު ހުރީއެއް ނޫން. ކޮން ގަޑިއެއްގަ ދާން ޖެހެނީ؟"

އަހަރުމެން މޫދުކުލާހަށް ދާން ހަމަޖެއްސީ އިރުއޮއްސުނީމައެވެ. ނަމާދުކޮށް ނިންމާފައި ދެ މީހުން އެކުގައި ނުކުންނަނީއެވެ. އެ ގަޑީގައި ގެއިން ބޭރަށް ނުކުމެލެވުމުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އުފާވިއެވެ. އެހެން ނޫން ނަމަ، ކޮންމެވެސް ތަނެއްގައި އޮށޯވެލައިގެން، ފޫހިވެފައި އަހަރެން އޮންނާނީއެވެ. ފިރިމީހާ ކުރަނީ ކީއްތޯ ބަލާކަށް އަހަރެން ހިތަކަށް ނުވެސް އަރައެވެ. ނުވެސް އެނގި އަހަރުމެން ތިބީ ވަރަށް ދުރުވެފައެވެ.
ގެއިން ނުކުމެގެން އަމީނީ މަގަށް ނުކުތުމުން އަހަންނަށް ފެނުނީ، ކުރިން ނުދެކޭ މަންޒަރެކެވެ. ފެންނަނީ ދުވާ މީހުންނާއި ހިނގަން ނުކުމެއުޅޭ މީހުންނެވެ. އެކަނި އުޅޭ މީހުންނެވެ. ދެ ލޯބިވެރިންނެވެ. އެކުވެރިންނެވެ. ދެމަފިރިންނެވެ. ވަކި އުމުރެއް، އިސްކޮޅެއް، ޖިންސެއް ނެތެވެ. ހިތަށް އެރިއެވެ. އަހަންނަށް އެ ދުވަސް ނައީ ކީއްވެގެން ހެއްޔެވެ؟ މޫދު ކުލާސް އޮންނަ ތަނަށް ދިޔަ އިރު އެއީ އަދި މުޅީން ތަފާތު މާހައުލެކެވެ.

އަހަންނަށް ފަތަން އެނގެއެވެ. ނޭނގުނީ އެންމެ ފަހުން މޫދަށް އެރުނު ދުވަހެކެވެ. ލޮނުގައި ލާ ރަހައެކެވެ. ރާޅު ކިހައި ސަމާސާ ކުރާކަމެވެ. މޫދުގެ ފިނިކަމާއި ފުންކަމެވެ. ރޭގަނޑު މޫދަށް އެރުމަކީ އަހަރެން ދުވަހަކު ވެސް ކުރި ކަމެއް ނޫނެވެ. ރައްޓެހި ނޫން މީހެއް އެ ތާކު ނޫޅެއެވެ. ހީވަނީ ދެކިފަރިތަ މޫނުތަކެއް ހެންނެވެ. ފެންނަ ކޮންމެ މީހަކު ވާހަކަ ދައްކައެވެ. ކިޔައި ދޭނެ ކޮންމެވެސް ވާހަކައެއް އޮވެއެވެ. ގޭގައިހެން މަންމަން ވެފައި އިންނާކަށް ނުޖެހެއެވެ. ހުރިހައި އެންމެނަށް ވުރެ ވެސް ރައްޓެހީ ކޯޗެވެ. އެއީ އަހަރުމެންނަށް ވުރެ ތަންކޮޅެއް ޒުވާން ފިރިހެނެކެވެ. ވަރުގަދަ ހަށިގަނޑެއްގެ ވެރިޔެކެވެ. ވަރަށް ރައްޓެއްސެެވެ.

"މީތަ އަލަށް އައި ކުއްޖަކީ؟" އޭނަ ބުންޏެވެ.

ކުއްޖެއްގެ ސިފައިގައި އޭނަ އަށް އަހަރެން ފެނުނު އިރު، އޭނަގެ ނަމެއް ވެސް އަހަންނަކަށް ނޭނގެއެވެ. ކުލާހުގައި ބައިވެރިވުމުގެ ހުރިހައި ކަމެއް އަހަންނަށް ކޮށްދިނީ ނަބާހާއެވެ. އަހަރެންގެ މޮޔަކަން ހުރި ވަރުން، ކޯޗަށް ކިޔަނީ ކޮން ނަމެއްހޭ ވެސް އަހަރެން ނާހަމެވެ.

"ލައްބަ!" އަހަންނަށް ބުނެވުނެވެ.

"ލައްބައޭ؟" ކުޑަކޮށް ހައިރާން ވެފައި އޭނަ ބުންޏެވެ. "އަހަރުމެން އެންމެން ވެސް މި ތާ ވާހަކަ ދައްކާނީ ވަރަށް ކެޒުއަލްކޮށް އިނގޭ! އެއްޗެކޭ ހީނުކުރާތި! ހެޔޮތަ އަހަރެން ދިމް ކިޔަސް؟"

އަހަރެންގެ ނަމަކީ ދީމާއެވެ. ދެ އަކުރުގެ ނަމެކެވެ. އެކަކު ވެސް އެހެން ގޮތަކަށް އެ ނަމެއް ނުކިޔައެވެ. އެ ރޭ ހިތަށް އެރިއެވެ. އަހަރެންގެ ނަން އޭނަ ކިއިލެއް ހާދަ ރީއްޗެވެ. (ނުނިމޭ)