ބިދޭސީއަކަށް އަނިޔާ ކުރި ދިވެއްސަކު ގަމުން ހައްޔަރުކޮށްފި
ބިދޭސީއަކަށް އަނިޔާ ކުރި ދިވެއްސަކު ގަމުން ހައްޔަރުކޮށްފި

ލ. ގަމުގައި ބިދޭސީއަކަށް އަނިޔާކޮށް އިންސާނިއްޔަތާ ހިލާފު އަމަލު ހިންގަމުން ދިޔަ ކަމުގެ ތުހުމަތުގައި ދިވެއްސަކު އެ ރަށުން ހައްޔަރުކޮށް މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާއަކީ ބިދޭސީ މީހާގެ ސްޕޮންސަރު ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ދުވަސް ޖަހައި ދީފަ އެވެ.

ބިދޭސީ މީހާ އަށް އަނިޔާ ކުރާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން، އޭނާގެ ސްޕޮންސަރު ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން ބިދޭސީ މީހާއަށް ކާން ނުދިނުމާއި ރޭގަނޑު 10 ޖެހުމުން ކަރަންޓު ކަނޑާލުން ފަދަ ކަންކަން ކޮށްފައި ހުރުމުގެ އިތުރުން ފާއިތުވި ހަ މަސްދުވަހުގެ މުސާރަ ނުދީ ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، ބިދޭސީ މީހާގެ ހަށިގަނޑު ބެލި އިރު، ޖިސްމާނީ އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އޭނާގެ ހަށިގަނޑުން ފެންނަން ހުރިކަން ވެސް ފުލުހުން ފާހަގަކޮށްފައިވެ އެވެ.